ކ. މާލެ
|
8 ޖުލައި 2020 | ބުދަ 12:46
ޕެލަސް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 3-2 ން
ޕެލަސް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
އާސެނަލާއި ލެސްޓާ އެއްވަރުވުމުގެ ފައިދާ ޗެލްސީއަށް
 
އާސެނަލާއި ލެސްޓާ އެއްވަރުވީ 1-1 ން
 
ޕެލަސް އަތުން ޗެލްސީ މޮޅުވީ 3-2 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ ތާވަލުގެ ތިންވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ ވަނީ ޕެލަސް އަތުން 3-2 ން މޮޅުވެފައެވެ.

މި މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. ވިލިއަންގެ އެހީއާއެކު މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޖިރޫޑެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ހަތް މިނެޓު ފަހުން ވިލްފްރިއެޑް ޒަހާ ޕެލަސްއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ޓެމީ އަބްރަހަމް ވަނީ މެޗުގެ 71 ވަނަ މިނިޓްގައި ޗެލްސީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އޭގެ މިނެޓެއް ފަހުން ޕެލަސްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭއެވެ.

އާސެނަލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

މި މޮޅާއެކު ޗެލްސީން ތާވަލުގެ ތިންވަނައަށް ޖެހިލިއިރު، އަންގާރަ ދުވަހުގެރޭ ލެސްޓާ ވަނީ އާސެނަލާ އެއްވަރުވެ ހަތަރުވަނައަށް ވެއްޓިފައެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ދިން ޕާހަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ. މިއީ މި ސީޒަނުގެ ލީގުގައި އޮބާމަޔަން ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.

މި މެޗުގައި އާސެނަލަށް ގިންޖެހުންތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރީ އެޑީ އެންކެޓިއާއަށް ރަތް ކާޑެއް ދެއްކުމުންނެވެ. ކުޅެން އެރިތާ ހަތަރު މިނެޓު ތެރޭ އެންކެޓިއާއަށް ރަތް ކާޑު ދެއްކީ ލެސްޓާގެ ޖޭމްސް ޖަސްޓިންއަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

އޭގެ ފައިދާ ނަގައި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލެސްޓާއަށް ނަތީޖާ އެއްވަރުކޮށްދިނީ މި ފަހަރު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ޖޭމީ ވާޑީއެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވާޑީ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ.

މި ނަތީޖާތަކާއެކު ޗެލްސީ ތާވަލުގެ ތިންވަނައަށް އެރީ 34 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރުވަނައަށް ވެއްޓުނު ލެސްޓާއަށް 34 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. އާސެނަލް އޮތީ ތާވަލުގެ ހަތްވަނައިގައި 34 މެޗުން 50 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް