ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 19:19
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމގައި
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމގައި
މަޖިލިސް
ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާ ކުރުން
އެކި ދާއިރާތަކުން ތަމްރީނުވެފައިވާ ފުލުހުން ތިބުން މުހިއްމު: ޕީޖީ
 
ޕީޖީ ވިދާޅުވީ އުސޫލާއި ޚިލާފުވާ ފުލުހުންނާއި މެދު ފިޔަވަޅު އަޅަން ވެސް ޖެހޭ ކަމަށް
 
ޕީޖީ ވިދާޅުވީ ފުލުހުންނަކީ ހުރިހާ ދާއިރާތަކާއި ގުޅުން ހުރި ތަހުގީގުކުރަން ޖެހޭ ކަމަށް

އެކި ދާއިރާތަކުން ތަމްރީނުވެފައިވާ ފުލުހުން، ޚިދުމަތުގައި ތިބުން މުހިއްމުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާ ކުރަމުންދާއިރު، މި ބިލާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކާއި އެކު ކޮމެޓީން ދަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން އަންގާރަ ދުވަހު ޕީޖީއާއި އެކު މި ބިލާއި ގުޅިގެން މަޝްވަރާކުރެވުނުއިރު، އޭނާ ވަނީ ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމާއި ގުޅިގެން މުހިއްމު ކަންތައްތަކެއް ހިއްސާ ކުރައްވާފައެވެ.

ޕީޖީ ވިދާޅުވީ ފުލުހުންނަކީ ހުރިހާ ދާއިރާތަކާއި ގުޅުން ހުރި ތަހުގީގުކުރަން ޖެހޭ ފަރާތްތައް ކަމަށެވެ. ޕީޖީ ވިދާޅުވީ ކޮންމެ ފުލުހަކު ހުރިހާ ދާއިރާއަކުން ތަމްރީނު ނުވިނަމަވެސް ކޮންމެވެސް ދާއިރާއަކުން ތަމްރީނު ލިބުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

އޭގެ ތެރޭގައި ފައިސާގެ ކަންކަން އެބަހިނގާ، އިކޮނޮމިކްސް އާއި ބެހޭ ކަންކަން އެބަ ހިނގާ، ޝިޕިންގް އާއި ބެހޭ ކަންކަން އެބަހިނގާ. މިހުރިހާ ދާއިރާއަކުންވެސް އެކަންކަން އެނގޭ މީހުން ޕޮލިސްގައި ތިބުމަކީ ވަރަށް މުހިއްމުކަމެއް. ބޭސިކް ތަހުގީގުގެ މައުލޫމާތުގެ އިތުރަށް ކޮންމެ ދާއިރާއަކުންވެސް ސްޕެޝަލައިޒްވާ ކޮންމެވެސް މިންވަރެއްގެ ބައެއް. އެ ކޮންމެހެން ނުޖެހޭ ހުރިހާ ބޭފުޅުން ހުރިހާ ކަމަށް ތަހުސީސް ވާކަށް. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ސްޕެޝަލައިޒޭޝަން އެއް ހުންނަ ބައެއް ތިބެން ޖެހޭ ބައެއް.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

މިކަން އިދާރީ ގޮތުން ނުވާނަމަ ގާނޫނުގައި ހިމަނައިގެން ވެސް ކުރަންޖެހޭކަން ޕީޖީ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޕީޖީ ވިދާޅުވީ އުސޫލާއި ޚިލާފުވާ ފުލުހުންނާއި މެދު ފިޔަވަޅު އަޅަން ވެސް ޖެހޭ ކަމަށެވެ. އަދި އެކަން ހަރުދަނާކޮށް ކުރެވޭނަމަ، އެފަދަ މައްސަލަތައް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.

އަޅުގަނޑު ހިތުން ފުލުހުން ކުރައްވާ، ކަމަށް އަޅުގަނޑުމެން ތުހުމަތު ކުރެވޭ ގަވާއިދާ ޚިލާފު ކަންކަން، އެކަން ހުއްޓުމަކަށް އަންނާނީ އެކަމަށް ފިޔަވަޅު އެޅޭކަން ފުލުހުންނަށް އެނގިގެން. މިސާލަކަށް ރޭނގަޑު ދަންވަރު އިންވެސްޓިގޭޓަރަކު މީހަކާއި ވާހަކަދައްކައިފިއްޔާ، އޮންނަ އުސޫލުން ބޭރުން ވާހަކަދައްކައިފިއްޔާ އޭނަ އާއި ދޭތެރޭ ފިޔަވަޅު އެޅޭކަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ވަގުތުން ސްވިފްޓުކޮށް އަވަހަށް ގޮތް ނިންމޭތަން ފެންނަން ފަށައިފިއްޔާ އަޅުގަނޑަކަށް ހިއެއް ނުވޭ ފުލުހުންގެ ތަހުގީގު ކުރައްވާ ބޭފުޅުން މިގޮތަށް އުޅުއްވާނެ ހެން. މިހާރު ވާގޮތަކީ ކޮންމެވެސް ވަރަކަށް އިމްޕިއުނިޓީއާއި އެއްކޮށް މިކަން ކުރެވޭ ކަމުގެ އިހުސާސެއް ކުރެވޭތީ އެގޮތަށް އެދަނީ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

ޕީޖީގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ގިނަ ޕޮލިސް އިންވެސްޓިގޭޓަރުންނަކީ ވަރަށް ޝައުގުވެރިކަމާއިއެކު އެ މަސައްކަތް ރަނގަޅަށް ކުރައްވާ ފަރާތްތައް ކަމަށެވެ. ފުލުހުންނާއި މެދު ފިޔަވަޅު އަޅާ ނިޒާމު ހަރުދަނާ ކުރުމާއި ޖަލުތަކުގައި އަމަލުކުރަންޖެހޭ އެސްއޯޕީތަކަށް އަމަލުކުރޭތޯ ކަށަވަރުކުރުމަކީ މި މައްސަލައަށް ލިބޭނެ ހައްލެއްކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް