ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 17:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞަލިހު އަދި ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް: ކޮންމެހެން ބޯހިޔާވަހިކަން ބޭނުންވާ 21،000 އާއިލާ އުޅޭކަމަށް އަސްލަމް ވިދާޅުވި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞަލިހު އަދި ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް: ކޮންމެހެން ބޯހިޔާވަހިކަން ބޭނުންވާ 21،000 އާއިލާ އުޅޭކަމަށް އަސްލަމް ވިދާޅުވި
ރައީސް އޮފީސް
ބޯހިޔާވަހިކަން
ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާ ދިރިއުޅެމުންދޭ، އެއާއިލާތަކަށް ބޯހިޔާވަހިކަން ދިނުން ޓާގެޓަކީ: އަސްލަމް
 
ތަނަވަސް، އެކަމަކު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 28 ޕަސެންޓް އާއިލާ އުޅޭ
 
މެދުފަންތީގެ ދިރިއުޅެމުންދާ އެކަމަކު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 33 ޕަސެންޓް އާއިލާ
 
މީގެ ތެރޭގައި 24 ޕަސެންޓް އާއިލާއަށް ބޯހިޔާވަހިކަމަށް ފައިސާ ދެއްކޭނެ މިންވަރުގެ އާމްދަނީ އެއް ލިބޭ
 
މި 21،000 އާއިލާގެ ތެރޭގައި ކައުންސިލް ހައުސިންގގެ ތެރެއިން ބޯހިޔާވަހިކަން ލިބެންޖެހޭ 15 ޕަސެންޓް އާއިލާ ހިމެނޭ

މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާއެއް ދިރިއުޅެމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމޭއިރު، އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުން އަންނަ ކަމަށާއި އެގޮތުން 600 އަކަ ފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގެ ތެރޭގައި 21،013 އާއިލާއެއް އުޅެމުންދާ އަންނަ ކަމަށެވެ.

ދިރިއުޅެން ކަމުނުދާވަރުގެ ތަންތަންކޮޅުގައި 21،000 އާއިލާ އެބަ ދިރިއުޅޭ. އެއީ މިވަގުތު މާލެއަށް ކޮންމެހެން ބޭނުންވާ ބޯހިޔާވަހިކަމެއް، 21،000 އާއިލާއަށް. އަޅުގަނޑުމެން ދިރިއުޅެން ކަމުނުދާ ތަނެއްގެ ގޮތުގައި، މިންވަރެއްކަމަށް މިބަލަނީ، 600 އަކަފޫޓަށްވުރެ ކުޑަ ތަންކޮޅެއްގައި އާއިލާއެއް ދިރިއުޅެން ޖެހިއްޖެ ކަމަށްވެއްޖިއްޔާ އެއީ އެއީ ކަމުދާތަނެއް ނޫނޭ ދިރިއުޅޭކަށެއް. އެހެންނަމަވެސް ހިޔާ މަޝްރޫއު މިވަންނަނީ 570 އަކަފޫޓަށް. އެއީ މިސަރުކާރުގެ ސްޑޭޑަށްވުރެ ދަށް. އެހެންނަމަވެސް އެއަކަށް (ހިޔާ ފްލެޓްތަކަށް) އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. އަޅުގަނޑުމެން މިބަލަނީ 600 އަކަފޫޓަށްވުރެ ކުޑަ ނަމަ، އާއިލާއަކަށް ދިރިއުޅެން އެތަނެއް ކުޑަކަމަށް. އެއީ ބިމުގެ ބޮޑުމިނެއް ނޫން، އެއީ އުޅޭ ފްލޯގެ ސްޕޭސް، އެވަރު ވާންޖެހޭނެ،
ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ މިސަރުކާރުގެ ޓާގެޓަކީ 21،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އެއީ ކޮންމެހެން އަލަށް މިސަރުކާރުން ފަށާ މަޝްރޫއުގެ ތެރެއިން ނޫންކަމަށާއި، މިއަދުގެ ހާލަތުގައި ބޯހިޔާވަހިކަން އެންމެ ބޭނުންވާ 21،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެ 21،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޓާގެޓެއް. އެއީ ކޮންމެހެން އަލަށް އަޅުގަނޑުމެން ފަށާ މަޝްރޫއުތަކެއްގެ ވާހަކައެއް ނޫން މިދަންނަވަނީ، މިއަދުގެ ހާލަތުގައި ބޯހިޔާވަހިކަން ކޮންމެހެން ބޭނުންވާ 21،000 އާއިލާއަށް، ކޮންމެ އިރަކު ފައްޓަވާފައިވާ ކަމަށްވީނަމަވެސް، ކުރިން ފެއްޓިޔަސް، މިހާރު ފެއްޓިޔަސް، އަޅުގަނޑުމެންގެ ޓަގެޓަކީ ގެދޮރުވެރިވުން.
ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ، މާލޭގެ އާބާދީގައި ފޯރުންތެރިކަންވެސް ހުރީ އެކި މިންވަރަށް ކަމަށާއި އެގޮތުން 15 ޕަސެންޓް އާއިލާއަކީ ފަގީރު އާއިލާތައް ކަމަށެވެ. އޭގެ މާނައަކީ އާއިލާގެ ކޮންމެ މީހެއްގެ ބޮލަކަށް ދުވާލަކަށް 74ރ ނުޖެހޭ 15 ޕަސެންޓް އާއިލާ މާލޭގައި ދިރިއުޅޭ ކަމަށާއި އެއީ 3152 އާއިލާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. އަދި އެއީ ކައުންސިލް ހައުސިންގއަށް ވަންނަންޖެހޭ އާއިލާތައް ކަމަށާއި ކައުންސިލް ހައުސިންގއަކީ، މީހުން މަގުމަތި ވިޔަ ނުދިނުމަށްޓަކައި ވަންނަން ދައްކާ ބޯހިޔާވަހިކަމެއް ކަމަށެވެ.

މިދެންނެވި، ފަގީރު 3152 އާއިލާއަށް ހައުސިންގއަށް މާބޮޑު އެއްޗެއް ނުދެއްކޭނެ. ބައެއް ފަރާތްތަކަށް އެއްވެސް އެއްޗެއް ނުދެއްކޭނެ. މިއީ ގާތްގަނޑަކަށް މަހަކު 13،000ރ، 14،000ރ އަށްވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކުގެ ވާހަކަ މިދައްކަނީ، ރާއްޖޭގައި ފަގީރުކަން ކަނޑައަޅާފައިވާ މިންގަނޑަކީ ބޮލަކަށް ދުވާލަކަށް 74ރ، އެވަރު ނުލިބޭ ކަމަށްވާނަމަ އެއީ ފަގީރެއް، އެމީހާއަށް ޒަކާތް ހައްގުވާނެ.
ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ، 24 ޕަސެންޓް އާއިލާތައް ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ލިބި، ހައުސިންގއިން ނަގާ ފްލެޓަށް ފައިސާ ދެއްކުމުގެ ފުދުންތެރިންކަން އެބަހުރި ކަމަށެވެ. މެދު ފަންތީގައި 33 ޕަސެންޓް އާއިލާ އުޅޭ ކަމަށާއި 28 ޕަސެންޓް ތަނަވަސް އާއިލާ އެބައުޅޭ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ދިރިއުޅެން ކަމުނުދާ ތަންތަނުގައި ދިރިއުޅޭ 21،000 އާއިލާގެ ތެރޭގައި ކުރިން ފާހަގަކޮށްފައިވާ ހުރިހާ ގިންތިއެއްގެ އާއިލާތައް ދިރިއުޅެމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް