ބުރާސްފަތި 06 އޯގަސްޓު 2020
09 އަހުލިހަ
1441 ޒުލްޙައްޖު 16
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:33
އިރުއޮއްސޭ 18:22
އިޝާ 19:37
އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުން

ސިންގްލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް އަންނަ އަހަރުން ފެށިގެން އިމްޕޯޓްކުރުން މަނާކުރުމަށް ހިމަނާފައިވާ ބިލު ބަލައިގަނެ ކޮމިޓީއަށް

  • ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުން ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅާފަ
  • އަންގާރަ ދުވަހު މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާ ކުރާނެ

ކ. މާލެ | 6 ޖުލައި 2020 | ހޯމަ 15:54 | 2,794

އުކާލާފައިވާ ހުސް ޕްލާސްޓިކް ފުޅިތަކެއް: މިތަކެތި އިމްޕޯޓުކުރުން މަނާކުރެވޭނެ - އަޝްވާ ފަހީމް

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހު މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާ ކުރުމަށް ނިންމާފައިވާއިރު، މި ބިލު ބަލައިގަތުމަށް ވޯޓުދެއްވީ 62 މެމްބަރުންނެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި މި ބިލަކީ އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ރޭޓު ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ބިލެކެވެ. އަދި ތިމާވެއްޓާއި، ޢާންމު ޞިއްޙަތަށް ގެއްލުންވާ ބައެއް ތަކެތިން ޑިއުޓީ ބޮޑުކުރުމަކީ ވެސް މި ބިލު ހުށަހެޅުމުގެ މަގްސަދެކެވެ.

ބިލުގައި ހިމެނޭ މުހިއްމު ކަމަށް ބަލާލާއިރު އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަން، އޮޑި ދޯނި ފަހަރާއި ބޯޓު ބަނުން، ޢިމާރާތްކުރުން އަދި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން، ބައެއް ތަކެތިން ޑިއުޓީ ނެގުމަށް ބިލުގައި ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި، ޑްރިންކިންގ ސްޓްރޯ އަދި ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލް އަދި ޕްލޭޓްސް އާއި ކަޓްލަރީސް ފަދަ ތަކެތި ހިމެނެއެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ވެސް މީގެތެރޭގައި ހިމެނެއެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން މަނާކުރުމަށްވެސް ބިލުގައި ހުށަހަޅާފައިވެއެވެ.

މި ބިލުގައި ވަނީ ކެއިން ބުއިމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޞިއްޙަތަށް ގެއްލުންވާ ކަމަށް ބެލެވޭ ބައެއް ތަކެތިންވެސް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައެވެ. އެގޮތުން ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުގެ އިތުރުން، ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުންވެސް ޑިއުޓީ ނެގުމަށް ހުށަހަޅާފައިވެއެވެ. އަދި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް އަދި ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިގިރެޓާއި އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ހިމެނޭ ގޮތަށް، ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، ކޮންޓްރޯލްކޮށްފައިވާ ތަކެތީގެ ތެރެއިން، ބަނގުރާ އެކުލެވޭ ބައެއް ބުއިންތަކުން، އެތެރެކުރާ މިންވަރަށް ރިޢާޔަތްކޮށް، ސްޕެސިފިކް ޑިއުޓީއެއް ނެގުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.

މިހާރު ހުށަހަޅާފައިވާގޮތުން، ލުއިތަކެއް ސީދާ ލިބޭނެ ފަރާތްތަކުގެ ތެރޭގައި، އާންމު ރައްޔިތުންނާއި ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭ އިރު ޙާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެއްސާއި އިންޖީނުނުލާ ދުއްވާ އެއްޗެހި އަދި މި ތަކެތީގެ ބައިތައް އަދި އެފަދަ އެއްޗެހީގެ އިންޖީނު ހިމެނޭ ގޮތަށް ޑިއުޓީ ކަނޑާލުމަށް ވެސް ހުށަހަޅާފައިވެއެވެ.

މި ބިލުގައި ވަނީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިންވެސް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައެވެ. މިގޮތުން، ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި، ޑޮމެސްޓިކް ދޮންނަ މެޝިން، ފެން ފިލްޓަރ ކުރުމަށާއި ސާފުކުރުމަށް ބޭނުންކުރެވޭ ގެވެހި ސާމާނު އަދި އިންވާރޓަރ އެއާރ ކޯންޑިޝަނަރ ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތިންވެސް ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހިމަނާފައެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މާލެސިޓީ ފިޔަވައި، ރަށުގެ ބޮޑުމިނާއި، ދަތުރު ފަތުރުކުރުމުގެ ވަސީލަތްތަކުގެ މުހިންމުކަމަށް ބަލައި، ވަކި ރަށްތަކެއް ކަނޑައަޅައި، ގެޒެޓުކުރުމަށްފަހު، އެފަދަ ރަށްތަކުގައި ބޭނުންކުރުމަށް ގެންނަ އެއްގަމުގައި ދުއްވާ އެއްޗެހިން ޑިއުޓީ މަޢާފުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އަދި، މުދާ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ޚިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ބަދަލުގައި، ރެވެނިޔު ފީ އެއް ތަޢާރަފުކޮށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އަގުގެ، ކޮންމެ 100ރ. އަކުން 1ރ. ގެ މަގުން ރެވެނިޔު ފީއެއް ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެ ކުރިން، ޑިއުޓީ ނަގަމުން އައީ، މުދަލުގެ ސީ.އައި.އެފް (ކޯސްޓް، އިންޝޫރަންސް އަދި ފްރެއިޓް) އަގުންނެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާނީ، މުދަލުގެ އެފް.އޯ.ބީ (ފްރީ އޮން ބޯޑް) އަގުން ޑިއުޓީ ނެގުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.