ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 07:45
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބަޔަކު ފުރަން ގޮސް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބަޔަކު ފުރަން ގޮސް
ރާއްޖެއެމްވީ
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދިޔުން
އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދިޔުމަށް 90 މީހަކު އެދިފައިވޭ
 
އިންޑިޔާއިން ވަނީ އިތުރު ދިވެހިންނަށް ބޭސްފަރުވާއަށް އެގައުމަށް ދެވޭނެކަމަށް ބުނެފައި
 
އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް ދާން އެދުނު މީހުންނަށް އާސަންދައިން ގުޅަމުން ގެންދާނެ
 
އިންޑިޔާގައި މިހާރު ތިބި މީހުންގެ ތެރެއިން 3 މީހަކު ވަނީ އައިސީޔުގައި

ކޮވިޑް-19އާ ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވި ތިބި މީހުންގެ ތެރެއިން އިތުރު 90 މީހަކު އާސަންދައިގެ ދަށުން ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެދިފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި މީހުންނަށް އާސަންދައިން ގުޅަމުންދާނެ ކަމަށެވެ. އަދި އެ މީހުންގެ އިތުރު މައުލޫމާތު އާސަންދައިން ސާފުކުރަމުން ގެންދާނެކަމަށާއި، އެމީހުން ބޭސްފަރުވާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދައިން ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް 28 މީހަކު އިންޑިޔާއަށް ވަނީ ގޮސްފައެވެ. އެމީހުންގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ މީގެތެރެއިން ތިން މީހަކު މިހާރު ވަނީ އައިސީޔޫގައި ކަމަށެވެ. އަދި އެކަކު ފިޔަވައި އެހެން މީހުންގެ ފަރުވާގެ ކަންކަން ފެށިފައިވާކަމަށާއި އެ މީހާގެ ސަރޖަރީ ހެއްދުމަށް ވަގުތު ބޭނުންވާތީ އަދި އެމީހާގެ ފަރުވާގެ ކަންކަން ނުފެށޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާކުރުމަށް އިންޑިޔާގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ، އެއިމްސްގައެވެ. ކަރަންޓީނުގައި ތިބޭނީ އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށާއި ކަރަންޓީނުގެ މުއްދަތުގައި ވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

މީގެ އިތުރުން މިކަމާއި ގުޅިގެން އެންމެފަހުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަގީންކަން އިންޑިޔާ ސަރުކާރުން ދީފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާން ބޭނުންވެފައިވާ އެތައް ބަޔަކަށް ވަނީ އެކަށީގެންވާ ވަރަށް ބޭސްފަރުވާ ނުލިބި ރާއްޖޭގައި ތިބެންޖެހިފައެވެ. އަދި އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ފުރާނަ ގެއްލުމުގެ ހާދިސާތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
50%
50%
0%
0%
ކޮމެންޓް