ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 07:42
އިރާންގެ ރައީސް ހަސަން ރޫހާނީ މާސްކު އަޅުއްވައިގެން
އިރާންގެ ރައީސް ހަސަން ރޫހާނީ މާސްކު އަޅުއްވައިގެން
ރޮއިޓަރސް
ކޮވިޑް-19 އިރާނުގެ ހާލަތު
އިރާނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި
 
އިރާނުގެ ފަސް ޕްރޮވިންސަކުން ވަނީ އަލަށް ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަން ފަށާފައި
 
ރޫހާނީ ވިދާޅުވީ އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއްކަމަށް
 
އިރާނުގައި ކޮވިޑް-19 ޖެހިފައިވާ 237,878 މީހުން އެބަތިބި

އާންމު ތަންތަނުގައި މާސްކު އަޅައިގެން ނޫޅޭނަމަ ސަރުކާރު އޮފީސްތަކުން ޚިދުމަތް ނުދިނުމާއި މަސައްކަތްކުރާ ތަންތަނުގައި ސިއްހީގޮތުން އަމަލުކުރަން ޖެހޭ ގައިޑްލައިންތަކަށް އަމަލުނުކުރާ ތަންތަން ބަންދުކުރުން ފަދަ އައު ފިޔަވަޅުތަކެއް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިރާނުގައި އަޅައިފިއެވެ.

އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަލަށް އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް އިފްތިތާހު ކޮށްދެއްވާފައެވެ. އިރާނުގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ 237,878 މީހުން ތިބިއިރު މިވައިރަސް ޖެހިގެން 11،408 މީހުން ވަނީ އެ ގައުމުގައި މަރުވެފައެވެ.

އަލަށް އެކުލަވާލި އުސޫލުތައް އިފްތިތާހު ކޮށްދެއްވަމުން ގައުމީ ޓީވީން ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއްކަމަށެވެ.

އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން އިރާނުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. އެއާއެކު އިރާނުގެ ފަސް ޕްރޮވިންސަކުން، ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަން ފަށާފައެވެ.

ސަރުކާރު މުވައްޒަފުންގެ ތެރެއިން މާސްކު ނާޅާ މީހުން ރައްޔިތުންނަށް ޚިދުމަތްދީގެން ނުވާނެ. އަދި މާސްކު ނާޅާނަމަ އެމީހުން ގެއަށް ފޮނުވާލާ އެއީ ނާންނަ ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނެ.
އިރާނުގެ ރައީސް ހަސަން ރޫހާނީ

ރޫހާނީ ވިދާޅުވީ ވައިރަސް ޖެހިފައިވާ މީހުން އެކަން އެހެން މީހުންނަށް އެކަން އެންގުމަކީ ދީނީގޮތުން ވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އެކަން ސިއްރުކުރުމުން އެހެން މީހުންގެ ހައްގުތައް ގެއްލޭކަމަށް ރޫހާނީ ވިދާޅުވިއެވެ.

އިރާނުގެ ސަރުކާރުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހަފްތާއަކަށް ދެމިގެންދާ ކެމްޕެއިނެއް ވެސް ފަށާފައެވެ. ގައުމީ ޓީވީ މެދުވެރިކޮށް ކުރިޔަށް ގެންދާ މި ކެމްޕޭނަކީ އާންމު ތަންތަނުގައި މާސްކު އެޅުމަށް ހިތްވަރުދިނުމަށާއި އެކަމަށް ގޮވާލާ ކުރިޔަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ކޮންމެ ޚަބަރެއް ކިޔާ ނިންމުމަށްފަހު ޓީވީ ޕްރެޒެންޓަރ މާސްކު އަޅައެވެ. އަދި "އަހަރެންނާއި ތިން މީޓަރު ކައިރީގައި އެއްވެސް މީހަކު ނެތް، އެހެންނަމަވެސް ސްޓޫޑިއޯ ބޭރުގައި އަހަރެން މާސްކު އަޅަން. ތިބޭފުޅުންވެސް މާސްކު އަޅުއްވާ" މިހެން ބުނެއެވެ.

ހޮނިހިރު ދުވަހު އިރާނުގެ ފުޓްބޯޅަ ދެ ކުލަބަކަށް ނިސްބަތްވާ 19 ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 5 މެމްބަރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް