ކ. މާލެ
|
4 ޖުލައި 2020 | ހޮނިހިރު 18:32
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އިނގިރޭސި ސަފީރު ކެރޮން ރޯސްލާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އިނގިރޭސި ސަފީރު ކެރޮން ރޯސްލާ
ރައީސް އޮފީސް
އިނގިރޭސވިލާތުގެ ޓްރެވަލް އެޑްވައިޒަރީ
އިނގިރޭސިވިލާތުން ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އަދިވެސް ހިމެނޭ
 
މި ލިސްޓުގައި 67 ގައުމެއް ހިމެނޭ، އޭޝިއާ ސަރަހައްދުގެ ގައުމުތައް މަދު
 
ކޭސްތަކުގެ އަދަދުތައް ދަށަށް ދިއުން މުހިއްމު، ރިވިއުކުރަން ގާތުން ބަލަމުން ދާނެ: އިނގިރޭސި ސަފީރު
 
އިނގިރޭސި ސަރުކާރުގެ މިންގަނޑަށް ފެތުމުން، ލިސްޓުން ރާއްޖެ އުނިކުރާނެ

ޒަރޫރީ ބޭނުމެއްގައި މެނުވީ އިނގިރޭސިވިލާތުން ދަތުރުކުރުމާއި އެތެރެވުމަށް ހުއްދަ ދީފައިވާ ގައުމުތަކުގެ ލިސްޓު ރިވިއުކުރިއިރު، ދިވެހިރާއްޖެއަށް އެ ލިސްޓުން މިފަހަރު ވެސް ޖާގައެއް ނުލިބުނެވެ.

އެކަމާއި ގުޅިގެން އިނގިރޭސި ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތުމުން، އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީ ނެރިފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރާނެ ކަމަށެވެ.

ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި، އިނގިރޭސިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރާއްޖެ ފެތި، ލިސްޓުން އުނިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފުކުރައްވަމުން އިނގިރޭސި ސަފީރު ވިދާޅުވީ، ބޯޑަރު ހުޅުވާލުމާއި ގުޅިގެންނާއި ގައުމުގައި ހާލަތާއި ގުޅިގެން ރާއްޖޭގެ ސަރުކާރުން ފޯރުކޮށްދީފައިވާ ތަފުސީލީ މައުލޫމާތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖެއިން ފެންނަމުން އަންނަ ކޭސްތަކުގެ އަދަދު ދުވަހުން ދުވަހަށް މަދުވަމުން އަންނަކަން ފާހަގަކޮށް، ސަފީރު ވިދާޅުވީ ދެވެމުންދާ ލުއިތަކާ އެކު ވެސް، މި އަދަދުތައް ތިރިކުރުން މުހިންމު ކަމަށެވެ. އިނގިރޭސި ސަފީރު މި ބަލިމަޑުކަން ފެށުނީއްސުރެން ހުންނެވީ ރާއްޖޭގައެވެ.

ޒަރޫރީ ބޭނުންތަކުގައި މެނުވީ އިނގިރޭސިވިލާތުން ދަތުރުކުރުމާއި އެތެރެވުން މަނާ ނޫން ގައުމުތަކުގެ ލިސްޓުގައި 67 ގައުމެއް ހިމެނެއެވެ. ހައި ކޮމިޝަނުގެ ބަޔާނުގައި ބުނީ، މި ލިސްޓުން އުނިކުރަނީ ހަމައެކަނި ވައިރަސް ފެތުރޭ މިންވަރަށް އެކަނި ބެލުމަށް ފަހުގައި ނޫން ކަމަށާއި، ގައުމަށް އެތެރެވުމުގެ ޝަރުތުތަކާއި، އެ ގައުމެއްގައި އަޅާފައިވާ ފިޔަވަޅުތަކާއި، ދަތުރުފަތުރުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތާއި، ކަރަންޓީން މިންގަނޑުތަކާއި އެ ގައުމެއްގެ ސިއްހީ ހާލަތަށް ވެސް ރިއާޔަތްކުރާ ކަމަށެވެ.

މިހާރު މި ލިސްޓުގައި ރާއްޖެ ނުހިމެނުނަސް، މިއީ ބޯޑަރުތައް ހުޅުވާލާ ދަތުރުކުރަން ފެށުމުގެ ފުރަތަމަ މަރުހަލާއަށް ވުމުން މި ލިސްޓު ގާތުން ރިވިއުކުރަމުން އަންނާނެ ކަމަށް ހައި ކޮމިޝަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި ހާލަތަށް ބެލުމަށް ފަހު، ލިސްޓުން އުނިކުރެވޭނެ ކަމަށް ވެސް މައުލޫމާތު ދިނެވެ.

އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީ ނެރިފައިނުވާ ގައުމުތަކުގެ ލިސްޓުގައި ގިނައީ ޔޫރަޕުގެ ގައުމުތަކާއި ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ ޖަޒީރާ ގައުމުތަކެވެ. އޭޝިއާ ގައުމުތަކުގެ ތެރެއިން މި ލިސްޓުގައި ހިމެނިފައިވަނީ ޖަޕާން، ވިއެޓްނާމް، ދެކުނު ކޮރެއާ އަދި ތުރުކީ ފަދަ ގައުމުތަކެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާ ކަނޑުގެ ސަރަހައްދުން ރާއްޖެއާ ގާތުން ވާދަކުރާ ދެ މަންޒިލް ކަމުގައިވާ ސީޝެލްސް އަދި މޮރިޝަސް ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީ ލިސްޓުން އުނިކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
100%
0%
0%
0%
0%
0%
ކޮމެންޓް