ކ. މާލެ
|
4 ޖުލައި 2020 | ހޮނިހިރު 14:14
ޖަމާލް ޚަޝޯގީގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން- ޚަޝޯގީގެ މަރާ ގުޅިގެން ސައުދީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވޭ
ޖަމާލް ޚަޝޯގީގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން- ޚަޝޯގީގެ މަރާ ގުޅިގެން ސައުދީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވޭ
އަލްޖަޒީރާ
ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލަ
ޚަޝޯގީ ކޮންސުލޭޓަށް ވަދެ ގަޑިއިރެއް ނުވަނީސް އަވަން ހޫނުކޮށްފައި ބެހެއްޓުމަށް އޯޑަރެެއް!
 
ޚަޝޯގީ މަރާލިއިރު މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައި
 
ތުރުކީން އޭރު ވަނީ މި މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގެއް ކޮށްފަ
 
ޚަޝޯގީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ވަތްތަނާ މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހު ތުރުކީގައި ވަނީ ފަށާފައެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތު ކުރެވިފައިވާ 20 މީހުންގެ ޢައިރު ހާޒިރުގައި ޝަރީއަތް ފަށާފައިވާއިރު، އޭގެ ތެރޭގައި ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ އަރިސް ދެ ބޭފުޅެއް ވެސް ހިމެނޭކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. އެއީ ސައުދީ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އަޙްމަދު އަލް އަސީރީއާއި، ރޯޔަލް ކޯޓުގެ މީޑީއާ އެޑްވައިސަރެވެ.

ސައުދީގެ ވަލީއަހުދުގެ އަރިސް ދެބޭފުޅުންނަކީ ވަލީއަހުދުގެ އަމުރުފުޅަށް މި ޖަރީމާ ހިންގުމުގެ މޭސްތިރިން ކަމުގައި ތުރުކީން ތުޙުމަތުކުރާއިރު، ބާކީ ތިބި 18 މީހުންނަކީ އެމީހުންގެ އަމުރަށް ޚަޝޯގީ ހޭނައްތާލައި، މަރާލުމުގައި އެހީވެދިން މީހުން ކަމަށް ތުރުކީން ބުނެއެވެ.

ހާދިސާ ހިނގި ދުވަހު ކަންހިނގާ ދިޔަ ގޮތް ކޮންސުލޭޓު މުވައްޒަފެއްގެ ދުލުން

ތުރުކީގެ އިސްތަންބޫލްގައި ކުރިއަށްދާ މި ޝަރީއަތުގެ އަޑުއެހުންތައް ފަށާފައިވާއިރު، އެދުވަހު ހިނގާދިޔަ ބައެއް ކަންކަން ސައުދީ ކޮންސުލޭޓުގެ މުވައްޒަފަކު ވަނީ ޝަރީއަތަށް ކިޔާދީފައެވެ. ހާދިސާ ހިނގި ދުވަސްވަރު ސައުދީ ކޮންސުލޭޓުގައި ޓެކްނީޝަނެއްގެ ވަޒީފާގައި އުޅުނު ޒަކީ ޑެމީރް ބުނެފައިވާ ގޮތުގައި، ކޮންސުލޭޓު ތެރެއަށް ޚަޝޯގީ ވަންތާ ގަޑިއިރެއް ވެސް ނުވަނީސް، ކޮންސުލޭޓު ރެސިޑެންސްގައި ހުންނަ "ތަންދޫރު އަވަން" ހޫނު ކުރުމަށް އޭނާއަށް އަމުރު ކޮށްފައިވެއެވެ. އަދި އޭރު އެތަނުގައި 6 ވަރަކަށް މީހުން ތިބި ކަމަށާއި، މުޅި މާޙައުލުން އާދަޔާ ޚިލާފު ބިރުވެރިކަމެއް އިހުސާސް ކުރެވުނުކަމަށް އޭނާ ބުނެފައިވެއެވެ.

އެތަނުގައި ފަސްވަރަކަށް ނޫނީ ހަ ވަރަކަށް މީހުން ތިބި، އެމީހުން ބުނީ ތަންދޫރު (އަވަން) ހޫނު ކުރާށޭ، އެވަގުތު އެ މާހައުލުން އިހުސާސް ކުރެވުނީ ބިރުވެރިކަމެއް
ސައުދީ ކޮންސުލޭޓުގައި ޓެކްނީޝަނެއްގެ ވަޒީފާގައި އުޅުނު ޒަކީ ޑެމީރް
ޖަމާލް ޚަޝޯގީ ކޮންސުލޭޓު ތެރެއަށް ވަދެގެން ދާ މަންޒަރު

އެކަމާ ގުޅޭގޮތުން ތުރުކީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ފުލުހުން މި މައްސަލަ ތަހުޤީޤުކޮށް، އޭރު ނެރިފައިވާ އެއް ތިއަރީއަކީ ކޮންސުލޭޓު ތެރެއަށް ޚަޝޯގީ ވަނުމުން، އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައިތައް ކުދިކުދިކޮށް ކޮށައި، ހަށިގަނޑު އެއްކޮށް ނައްތާލީ އަންދާލައިގެން ކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެއާއެކު ޓެކްނީޝަންގެ މި ހެކިބަހުން ވެސް އެކަމަށް ބާރުއަޅާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އަވަނުގެ ބޭރުގައި ޖަހާފައި ހުރި މުށިތައް ފަހުން ހުރީ ވަރަށް ބޮޑަށް ސާފުކޮށްފައެވެ. އެގޮތުން ކެމިކަލެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ސާފު ކުރުމުން ކުލަ ބަދަލު ވެފައިވާހެން ހީވާކަމަށް އޭނާ ސިފަކޮށްފައިވެއެވެ. އަދި ފަހުން ދޮރުތަކުގައި ކަޅު ބިއްލޫރި ޖަހާފައިވާ ކާރެއްވެސް އައި ކަމަށާއި، ނަމަވެސް ކާރު އައުމާއެކު އެ ސަރަޙައްދުން ވަގުތުން ދިއުމަށް އޭނާއަށް އެންގިކަން ޑެމީރް ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، އެދުވަހު ކައިރި ރެސްޓޯރަންޓަކުން ގިނަ އަދަދެއްގެ "ރޯ ކަބާބް"ތަކެއް ގެނައުމަށް ކޮންސުލްއިން އޯޑަރު ދިންކަމަށް ކޮންސުލޭޓުގައި މަސައްކަތް ކުރާ ޑްރައިވަރެއް ބުނެފައިވެއެވެ.

ޖަމާލް ޚަޝޯގީ ކޮންސުލޭޓު ތެރެއަށް ވަދެގެންދާ މަންޒަރު

ތުހުމަތު ކުރެވޭ 20 މީހުންނަކީ ސައުދީއަށް ނިސްބަތްވާ މީހުންކަމަށްވާއިރު، މި ޝަރީއަތަށް ސައުދީގެ އެއްބާރުލުން ލިބޭނެކަމަށް ނުބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެމީހުން ޝަރީއަތަށް ޙަވާލު ނުކުރާނެކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ސަބަބަކީ ސައުދީން މި މައްސަލައިގައި ކުރިއަށްގެންދިޔަ ޝަރީއަތަށް ތުރުކީން އެއްބާރުލުން ދީފައި ނުވާކަމަށް ސައުދީން ބުނެފައިވުމެވެ. އެގޮތުން ސައުދީން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ޙަޝޯގީގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި 5 މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައި، 3 މީހަކު ޖަލަށް ލާން އޭރު ޙުކުމް ކޮށްފައިވެއެވެ.

ނަަމަވެސް ސިއްރުން ކުރިއަށް ގެންދިޔަ މި ޝަރީއަތުގައި ކުށް ސާބިތުވެފައިވަނީ ކޮން ބައެއްގެ މައްޗަށް ކަންވެސް ހާމަ ކޮށްފައެއް ނުވެއެވެ. އެއާއެކު ސައުދީ ސަރުކާރަށްވެސް މި މައްސަލައިގައި ބޮޑެތި ތުހުމަތު ތަކެއް ވަނީ ކުރެވިފައެވެ.

މި މައްސަލައިގައި އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ތަހުޤީޤުކޮށް، ޚަޝޯގީ މަރާލާފައިވަނީ ވަލީއަހުދު ސަލްމާނުގެ އަމުރަކަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕްރިންސް ސަލްމާން އެ ތުހުމަތުތައް ދޮގު ކުރެއެވެ.

އުމުރުން 59 އަހަރުގައި ޚަޝޯގީ މަރާލާފައިވާއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައެވެ. އޭރު ޚަޝޯގީއަކީ ސައުދީ ސަރުކާރަށް ފާޑުކިޔައި، ސަރުކާރުގެ ސިޔާސަތުތަކަށްވެސް ފާޅުގައި ފާޑުކިޔާ ނޫސްވެރިއެކެވެ. އޭނާ ސައުދީ ކޮންސުލޭޓަށް ދިޔައީ ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ލިއެކިއުންތަކެއް ބަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
6%
88%
0%
6%
0%
ކޮމެންޓް