ކ. މާލެ
|
1 ޖުލައި 2020 | ބުދަ 18:39
ތ. ބުރުނީ/ ފެންފިޔާޒުގެ، އައިޝަތު ޝައުނާ
ތ. ބުރުނީ/ ފެންފިޔާޒުގެ، އައިޝަތު ޝައުނާ
ޓްވިޓަރ
ކެމިކަލް ގުދަން އަލިފާން ހާދިސާ
އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ފޯނުގެ މައުލޫމާތު ދިނުމަށް ހައިކޯޓުން ތާއީދެއް ނުކުރި
 
އެ ހާދިސާ ހިނގާފައިވަނީ މިދިއަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު
 
ފޯނުގެ މައުލޫމާތަކީ ޒާތީ މައުލޫމާތު، އަދި ޝައުނާއަކީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތެއް ނޫން
 
އަލިފާނުގެ އެ ހާދިސާގައި ނިޔާވެފައިވަނީ ތ. ބުރުނީ/ ފެންފިޔާޒުގެ، އައިޝަތު ޝައުނާ

މިދިޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ނިޔާވި ޢައިޝަތު ޝައުނާ ނިޔާވުމުގެ ކުރިން އޭނާ ގެންގުޅުނު ކަމަށް ބުނާ މޯބައިލް ފޯނުން ކޮށްފައިވާ ޒާތީ މުޢާމަލާތްތައް ބެލުމުގެ އަމުރު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ، މާލޭގައި ހުންނަ ހ. ތިލަފުށި ކިޔާ ބިމުގައި ހަދާފައިވާ ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ ގުދަނުގައި އަލިފާން ރޯވެ، ހުޅުފަޅައިގެން ގޮސް އެސަރަހައްދުގައި ހުރި އިތުރު ގުދަންތަކާއި، މީހުން ދިރިއުޅޭ ގޭތަކާއި، ހިފާ ގެންގުޅޭ ސާމާނާއި މުދާތަކުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއްވުމުގެ އިތުރުން މިހާދިސާގައި ތ. ބުރުނީ/ ފެންފިޔާޒުގެ، އައިޝަތު ޝައުނާގެ ހަށިގަނޑުގެ ބޮޑުބައެއް އަނދާ ނިޔާވެފައިވާތީ، އެމައްސަލައިގެ ތަހުގީގަށް ޝައުނާ މަރުވުމުގެ ކުރިން ގެންގުޅުނު ކަމަށްބުނާ ފޯނުން ކޮށްފައިވާ ކޯލްތަކާއި މެސެޖްތަކުގެ ކޮންޓެންޓްތަކާއި، ޝެލް ލޮކޭޝަންތަކާއި އަދި ސިމްގެ ވެރިފަރާތުގެ މައުލޫމާތު ހޯދުމަށް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ފުލުހުންނަށް ދިނުމުގެ އަމުރަކަށް އެދިފައިވާ މައްސަލައެކެވެ.

ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމާފައިވާ ނިންމުމުގައި، ޝައުނާއަކީ ފުލުހުން ތަހްގީގުކުރާ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވުމުގެ އިތުރުން އެ ފޯމުގައި ބަޔާންކޮށްފައިވާ ކުށުގެ ބާވަތަކީ ޒާތީ މުޢާމަލާތް އަޑުއަހައި ބެލޭނެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ނުވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ޝައުނާ ގެންގުޅުނު ކަމަށް ބުނާ ފޯނަކީ، ފޯނުގެ ބޭނުން ކޮށްގެން އަނެކުންނާއި ޒާތީ މުއާސަލާތު ކުރަން ބޭނުންކުރާ ވަސީލަތަކަށް ވާއިރު، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތަކީ، ޙުރުމަތްތެރި ވެގެންވާ އަދި ޤާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަން ޤާނޫނު އަސާސީގެ 24 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

އަދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ ފޯމް ބެލުމުންނާއި، މި މައްސަލާގައި ދައުލަތުގެ ފަރާތުން ހައިކޯޓުގައި ދެއްކި ވާހަކަތަކަށް ބެލުމުން، ފުލުހުންގެ ފަރާތުން، ކްރިމިނަލް ކޯޓަށް އަމުރަކަށް އެދި ހުށަހަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނާފަދަ ސަރވައިލް ކުރުމުގެ އަމަރެއް ހޯދުމަށް ނޫންކަމަށެވެ.

ފުލުހުންގެ ފަރާތުން ޒާތީ މުއާސަލާތުގެ މައުލޫމާތު ހޯދުމަށް އެދޭ ޝައުނާއަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ ފަރާތެއް ނޫންކަމަށް ފުލުހުން ބުނާތީ، މި މައްސަލާގައި ޝައުނާގެ ފޯނުން މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ކޮށްފައިވާ ޒާތީ މުއާމަލާތްތައް ބެލުމުގެ އަމުރެއް ފުލުހުން އެދިފައިވާ ގޮތަށް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ގޮތް ގާނޫނާއި ހިލާފުކަމުގައި ބެލެވެން ނެތްކަމަށް ހައިކޯޓުން މިމައްސަލަ ބެެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

އަލިފާނުގެ އެ ހާދިސާ ހިނގާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 19:21 ހާއިރުއެވެ. ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވި އަލިފާންގަނޑުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 50ށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
14%
43%
0%
14%
29%
0%
ކޮމެންޓް