ކ. މާލެ
|
1 ޖުލައި 2020 | ބުދަ 08:56
މާލޭގެ 7 ނަންބަރު ޖެޓީއަށް ކައިރި ކުރި ލޯންޗް ފެރީއަކުން ބަޔަކު ފައިބަނީ؛ މިއަދުން ފަށައިގެން ރަށްރަށުން މާލެއަށް އައުމުގެ ހުއްދަވަނީ ދީފައި
މާލޭގެ 7 ނަންބަރު ޖެޓީއަށް ކައިރި ކުރި ލޯންޗް ފެރީއަކުން ބަޔަކު ފައިބަނީ؛ މިއަދުން ފަށައިގެން ރަށްރަށުން މާލެއަށް އައުމުގެ ހުއްދަވަނީ ދީފައި
ޔޫސުފް ސޮފްވާން ރަޝީދު
މާލެ އައުމަށް ހުއްދަ ދިނުން
މިއަދުން ފެށިގެން ހުރަހެއް ނެތި ރަށްރަށުން މާލެ އާދެވޭނެ
 
މިހާރު އަމަލުކުރަން ފަށާފައިވަނީ ލޮކްޑައުންގެ ލުއިދިނުމުގެ 3 ވަނަ މަރުހަލާއަށް
 
މާލެއިން ރަށަށްދާ މީހުން 14 ދުވަސް ހޯމް ކަރަންޓީންގައި ހުންނަންޖެހޭ
 
ކޮވިޑް-19 ފެނިފައިނުވާ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ދިނުމާއި، ޢާންމު އުޞޫލުން ދަތުރުފަތުރު ކުރުމުގައި ކުރިޔެކޭ ވެސް އެއްގޮތަށް އެއްވެސް ހުރަހެއް ނެތް

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއްދީ ބުދަ ދުވަހުން (މިއަދު) އިން ފެށިގެން ހުރަހެއް ނެތި އެހެން ރަށްރަށުން މާލެ އާދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ފެތުރެމުންދާ މި ނާޒުކު ޙާލަތުގައި، ޢާންމު ދިރިއުޅުމަށް އެނބުރި ރުޖޫޢަވެ، ދިރިއުޅުމުގެ އައު އާދަތަކަށާއި، އައު ވައްޓަފާޅިއަކަށް ވާޞިލުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ތަފާތު އެކި މަރުޙަލާތަކަކަށް ބަހާލެވިފައިވާ ކަމަށެވެ. މިގޮތުން މިހާރު ޢަމަލުކުރަމުންދާ ލޮކްޑައުންގެ ޙާލަތަށް، 1 ޖުލައި 2020 އިން ފެށިގެން ލުއިދިނުމަށް ހަމަޖެހިފައިވާ އިރު ބުދަ ދުވަހުން ފެށިގެން އެހެން ރަށްރަށުން ގްރޭޓަރ މާލެ ސަރަޙައްދަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މީގެ އިތުރުން ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުމަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ދަތުރުފަތުރުކުރުމުގައި އެޗްޕީއޭ އިން ނެރެފައިވާ ރައްކާތެރިކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރަންޖެހޭގޮތުގެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށާއި، ކޮވިޑް-19 ފެނިފައިނުވާ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ދިނުމާއި، ޢާންމު އުޞޫލުން ދަތުރުފަތުރު ކުރުމުގައި ކުރިޔެކޭ ވެސް އެއްގޮތަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އަދި ކޮވިޑް-19 ފެނިފައިވާ ރަށްރަށުގައި ޢަމަލުކުރަންވީ ގޮތްތަކީ ލޮކްޑައުންގެ ޙާލަތުގެ ސަބަބުން ގްރޭޓަރ މާލެ ސަރަޙައްދުގައި ތިބި، އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން، އެމީހުންގެ ރަށަށް އަނބުރާ ދިޔުމުގައި ޢަމަލުކުރެވޭނީ މިހާރު ވެސް ޢަމަލުކުރަމުން އަންނަ އުޞޫލުން ކަމަށެވެ. އަދި، މާލެއިން ނުވަތަ ކޮވިޑް-19 ގެ ބަލިމަޑުކަން ފެނިފައިވާ ރަށަކުން އެނބުރި ދާ ރަށަކަށް ދިޔުމަށް ފަހު، އެމީހަކު ހުންނަން ހަމަޖެހިފައިވާ ގެއެއްގައި، 14 ދުވަސް ހަމަވަންދެން ގޭގައި ކަރަންޓީން ގައި ހުންނަންވާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
60%
10%
0%
20%
0%
10%
ކޮމެންޓް