ކ. މާލެ
|
27 ޖޫން 2020 | ހޮނިހިރު 15:57
ލޭ މައްޗަށް ދާ މީހެއްގެ ލޭގެ ޕްރެޝަރު ބަލަނީ
ލޭ މައްޗަށް ދާ މީހެއްގެ ލޭގެ ޕްރެޝަރު ބަލަނީ
ތައިލެންޑް މެޑިކަލް ނިއުސް
ލޭ މައްޗަށް ދިއުން
ލޭ މައްޗަށް ދާނަމަ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލުން ކިހިނެއްވާނެ؟
 
ލޭމައްޗަށް ދިއުން ހުންނަ މެންބަރުން ހިމެނޭ އާއިލާގެ މީހުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ
 
ލޭމައްޗަށް ދިއުމަކީ ނުރައްކާތެރި ބައްޔެއް
 
ލޭ މައްޗަށް ދާކަމަށް ބެލެވެނީ ލޭގެ ޕްރެޝަރ 140-90 އާ ހަމައިން މައްޗަށް ދާނަމަ

ދިރިއުޅުމުގައި ކޮންމެ ދުވަހު ވެސް އެކި ކަންކަމާއި އަޅުގަނޑުމެން ކުރިމަތިލާން ޖެހެއެވެ. އެގޮތުން ހިތްހަމަ ނުޖެހޭ ފަހަރުތަކުގައި ރުޅި އިސްކުރެވޭ ފަހަރު އާދެއެވެ. އަވަސްއަވަހަށް ރުޅި އަންނަ ކަމުގައިވާނަމަ އެއީ ލޭމައްޗަށްދާ މީހެކޭ ނުވަތަ އެދިޔައީ ލޭ މައްޗަށްށޭ ވަރަށް ގިނަ މީހުން ބުނެ އުޅެއެވެ. ބައެއް ފަހަރު ސަކަރާތަކަށް ހަދާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ހަގީގަތުގައި އޭއީ ލޭމައްޗަށް ދާ މީހެއް ނަމަ ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ.

ލޭ މައްޗަށް ދިއުމަކީ ގިނަ ބަޔަކަށް އާއްމުކޮށް ކުރިމަތިވެފައިވާ ބޮޑު ސިއްހީ މައްސަލައަކަށްވާއިރު، ލޭ މައްޗަށް ދާކަމުގައިވާނަމަ އެމީހަކު ރުޅި އެރުވުމަކީ ނުވަތަ ގޭތެރޭގައި މާހައުލުގައި ނުވަތަ މަސައްކަތުގެ މާހައުލުގައި މާޕްރެޝަރ ބޮޑު ކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ޚާއްސަކޮށް އުމުރުން ދުވަސްވުމާއެކު ލޭމައްޗަށް ދާ މައްސަލަ ދިމާވާ ކަމަށް ވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ލޭ މައްޗަށް ދިއުމަކީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ މިންގަނޑު އެމީހެއްގެ އުމުރާއި ޖިންސާ އަޅާ ބަލާއިރު އާންމުކޮށް ހުންނަން ޖެހޭ މިންވަރަށްވުރެ މަތީ މިންވަރެއްގައި ހުރުމެވެ. އެގޮތުން ލޭ މައްޗަށް ދާކަމަށް ބެލެވެނީ ލޭގެ ޕްރެޝަރ 140-90 އާ ހަމައިން ނުވަތަ އެއަށްވުރެ މަތިވެއްޖެ ނަމައެވެ.

ޑރ. އަބުދުލް އަޒީޒު ހަމީދު ވިދާޅުވާ ގޮތުގައި ލޭގެ ޕްރެޝަރު ބަލާއިރު އާންމު ގޮތެއްގައި ހުންނަނީ 120/80 މިލިމީޓަރު މާކަރީ އަށްވުރެ ދަށުގައެވެ. 120 މިލިމީޓަރު މާކަރީ އެއީ ސިސްޓޮލިކް ޕްރެޝަރު އެވެ. 80 މިލިމީޓަރު މާކަރީ އެއީ ޑަޔަސްޓޮލިކް ޕްރެޝަރު އެވެ. ސިސްޓޮލިކް ޕްރެޝަރު އަކީ ހިތުން ލޭ ބޭރަށް ފޮނުވާދޭއިރު ހުންނަ ޕްރެޝަރު އެވެ.

ޑަޔަސްޓޮލިކް ޕްރެޝަރު އަކީ ހިތް ހަމައަކަށް އެޅޭ ހިނދު ލޭހޮޅިތަކުގެ ތެރޭގައި ހުންނަ ޕްރެޝަރު އެވެ. ނުވަތަ ހިތުން ލޭބޭރުކޮށްލުމަށްފަހު ހިތް އަރާމުކޮށްލާ ވަގުތު ނުވަތަ ހިތުން ލޭ ޕަމްޕްނުކުރާ ވަގުތު ހުންނަ ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންވަރު މީހާގެ އުމުރާއި ވަރަށް ބޮޑަށް ގުޅިފައި ވެއެވެ.

ޒުވާން އުމުރުގައި ޕްރެޝަރު ބަލާއިރު 90/140 ގައި ހުރެއްޖެނަމަ މިއީ މަތީ އަދަދެއް ކަމަށް ޑރ. އަޒީޒު ވިދާޅުވެއެވެ. އަދި މެދު އުމުރަށްވުރެ މައްޗަށް ދިއުމުން 90/140 ގައި ހުރިނަމަ އަދި ބޭސް ނުކައި ޑޮކްޓަރުގެ އިރުޝާދުގެ މަތީން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން ޖެހޭއިރު، ހަށިގަނޑަށް ނުރައްކާވަނީ ސިސްޓޮލިކް ޕްރެޝަރު 140 އަށްވުރެ މަތީގައި ހުރެފައި އަދި ޑަޔަސްޓޮލިކް ޕްރެޝަރު 90 އަށްވުރެ މަތީގައި ދާއިމީ ސިފައެއްގައި ހުރެއްޖެ ނަމަ ކަމަށް ވެސް ޑރ. އަޒީޒު ވިދާޅުވެއެވެ.

ލޭ މައްޗަށް ދާނަމަ ހިތުގެ ބަލިތައް ކުރިމަތިވޭ

ލޭމައްޗަށް ދިއުމަކީ ނުރައްކާތެރި ބައްޔަކަށްވާއިރު، މިބަލީގެ ސަބަބުން ބައެއް މީހުން ދުނިޔެ ދޫކޮށްދެއެވެ. އެގޮތުން ލޭ މައްޗަށް ދާމީހުންނަށް ސްޓޯރްކް ޖެހުމާއި، ލޯފުސްވެ ލޮލުގެ މައްސަލަތައް ދިމާވުމާއި، އާދަޔާ ހިލާފަށް ފަލަވުމާއި، ހަކުރު ބައްޔާއި، ކިޑްނީ ފެއިލްވުމާއި ރުޅި އައުން އަދި ހިތުގެ ބަލިތަކަށް ހުށަހެޅިގެން ދެއެވެ. ނަމަވެސް ލޭމައްޗަށް ދިޔަ ނަމަވެސް ގިނަފަހަރު އެކަން ނޭނގިދާ ފަހަރު އާދެއެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ލޭމައްޗަށް ގޮސް ސިކުޑީގެ ނާރުތަކަށް އޭގެ އަސަރުކޮށް ކޯމާއަށް ދާ ފަހަރު އާދައެވެ. އަދި ނުރައްކާތެރި ދަރަޖައަކަށް ލޭމައްޗަށް ނުދަނީސް ގިނަފަހަރު އޭގެ އަލާމާތްތައް ނުފެންނައިރު، ދޭތެރެ ދޭތެރެއިން ލޭގެ ޕްރެޝަރު ބަލައި ޗެކުކުރުމަކީ މުހިއްމު ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ޚާއްސަކޮށް ތިމާގެ އާއިލާގެ ތެރޭގައި ލޭމައްޗަށްދާ މީހުން ތިބިނަމަ މިއީ އެހާމެ މުހިއްމު ކަމެއްގެ ގޮތުގައި ބައެއް ސިއްހީ މާހިރުން އިލްތިމާސްކޮށްފައިވެއެވެ.

ލޭމައްޗަށް ދިއުމުގައި ވަކި އުމުރު ފުރައެއްނެތް ނަމަވެސް އާއިލާގައި ލޭމައްޗަށް ދިއުން ހުންނަ މެންބަރުން ހިމެނޭ އާއިލާގެ މީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި، މާބަނޑު މީހުންނާއި، ދޭތެރެދުރުކުރާ ބޭސް ބޭނުންކުރާ އަންހެނުންނާއި، އުމުރުން 35 އަހަރަށްވުރެ ދޮށީ މީހުންނާއި، އާދަޔާ ޚިލާފަށް ފަލަމީހުންނާއި އަދި އާންމުކޮށް ހެލިފެލިވެ ހަރަކާތްތެރިވެ ނޫޅޭ މީހުންގެ އިތުރުން ތެޔޮ، އަދި ލޮނު ކެއުމުގައި މާގިނައިން ބޭނުންކުރާ މީހުން ފަސޭހައިން ލޭމައްޗަށް ދިއުމަށް ހުށަހެޅޭ ކަމަށް ޑރ. އަޒީޒު ވިދާޅުވެއެވެ.

ލޭމައްޗަށް ދިއުމުން ދުރުވުމަށް ދިރިއުޅޭ އާދަތަކަށް ބަދަލު ގެނައުމަކީ އެންމެ މުހިންމު ފަރުވާގެ ގޮތުގައި ސިއްހީ މާހިރު ވިދާޅުވެއެވެ.

އެގޮތުން މާބޮޑަށް ފަލަނަމަ ބަރުދަން ލުއިކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުން ކުރުމާއި ކާނާގައި ލޮނު ބޭނުންކުރެވޭ މިންވަރު މަދުކޮށްލުމުގެ އިތުރުން ކޮންމެ ދުވަހަކު ވެސް އާދަކޮށް ކަސްރަތުކުރުމަކީ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ކުރުމަކީ ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ލިބިދޭ ފަރުވާއެވެ. އަދި ކެއުމުގައި ލޮނުމެދު ބޭނުން ކުރުމަކީ ވެސް ލޭމައްޗަށް ދިއުން ކުޑަ ކޮށްދޭ ކަމެއް ކަމަށް ސިއްހީ ބައެއް ދިރާސާތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް