ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 09:29
މިސްކިތެއްގައި ނަމާދުކުރަނީ -  ހަނދު ކޭތަ ނަމާދު ނުވަތަ އިރު ކޭތަ ނަމާދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުރެވިދާނެ ނަމާދެއް
މިސްކިތެއްގައި ނަމާދުކުރަނީ - ހަނދު ކޭތަ ނަމާދު ނުވަތަ އިރު ކޭތަ ނަމާދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުރެވިދާނެ ނަމާދެއް
މުހައްމަދު ޝަރުހާން
ކޭތަ ނަމާދު
ކޭތަ ނަމާދު ކުރާނެ ގޮތް
 
ހަނދު ކޭތަ ނަމާދު ނުވަތަ އިރު ކޭތަ ނަމާދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުރެވިދާނެ ނަމާދެއް

ކޭތަ ހިފުމަކީ، އިރާއި ހަނދާއި ބިން ދަތުރު ކުރަމުންދާއިރު އެއް ދަނޑިއަކަށް ދިމާވުމެވެ. މިގޮތުން އިރާއި ބިމުގެ ދެމެދަށް ހަނދުވަނުމުގެ ސަބަބުން އިރުން ބައެއް ނުފެންނަ ގޮތްވެއެވެ. ނުވަތަ ހަނދަށް ބިމުގެ ހިޔަނި އެޅުމުގެ ސަބަބުން ހަނދުގެ ބައެއް ނުފެންނަ ގޮތްވެއެވެ.

މިއިން ކޮންމެ ތަރިއަކީ މާތް ﷲގެ ކުޅަދުންވަންތަކަމުގެ ޢަލާމާތެކެވެ. ހަމައެހެންމެ އިރުކޭތަ ނުވަތަ ހަނދު ކޭތަ ހިފުމަކީ ވެސް ﷲގެ ކުޅަދުންވަންތަކަމުގެ ތެރެއިންވާ ޢަލާމަތްތަކެވެ.

ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘު ކުރައްވާފައި ވެއެވެ. [إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لَا يَنْكَسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ فَإِذَا رَأَيْتُمُوهُمَا فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ ([1])- فَإِذَا رَأَيْتُمُوهُمَا فَكَبِّرُوا وَادْعُوا اللَّهَ وَصَلُّوا وَتَصَدَّقُوا[ ([2]) މާނައީ: ދަންނާށެވެ! އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ނިޝާންތަކުގެ ތެރެއިން ދެނިޝާނެ އެވެ. އެއިން ތަރިއެއް ކޭތަ ހިފުމަކީ ފަހަރެއްގައިވެސް މީހެއްގެ މަރަކާއި މީހެއް އުފަންވުމަކާއި ގުޅިފައިވާ ކަމެއް ނޫނެވެ. ފަހެ ތިޔަބައިމީހުން އެއިން ތަރިއެއް ކޭތަ ހިފާފައި ހުރިތަން ދެކެފުމުން ކޭތަ ވީއްލަންދެން ތަކްބީރު ކިއުމާއި ދުޢާކުރުމާއި ނަމާދު ކުރުމާއި ޞަދަޤާތްދީ ހެދުމުގައި މަޝްއޫލުވާށެވެ.

އެހެން ކަމުން ކޭތަ ހިފުމާއެކު ﷲ އަށް ތަވައްޖުހުވެ އެއިލާހުގެ ޙަޟުރަތަށް ކުއްތަންވެ ތިމާމެންގެ ނިކަމެތިކަން ހާމަކޮށް، ތިމާމެންނަށް ދުނިޔެމަތީން ދިމާވަމުންދާ އުނދަގޫތަކުން ސަލާމަތް ކޮށްދެއްވުމަށާއި ތިމާމެންގެ ފާފަ ފުއްސަވައި ދެއްވުމަށް އެދި އަތްއުފުލަންވީ އެވެ. ކޭތަ ނަމާދު ކުރުމަށް އަވަސް ވެގަންނަން ވީއެވެ. ނަމާދުކުރަންވީއެވެ. ތިމާއަށް ލިބުނު މިންވަރަކުން ﷲގެ މަގުގައި ޞަދަޤާތް ކުރަންވީ އެވެ.

ތިރީގައި މިވަނީ ކުރު ގޮތަކަށް ކޭތަ ނަމާދު ކުރާނެ ގޮތެވެ.

1- ހަނދު ކޭތަ ނަމާދު ނުވަތަ އިރު ކޭތަ ނަމާދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުރެވިދާނެ ނަމާދެކެވެ.

2- ނަމާދުގައި އޮންނަނީ 2 ރަކްޢަތެވެ.

3- ނަމާދުގައި 2 ޤިޔާމާއި 2 ރުކޫޢު އޮންނާނެެއެވެ. އެބަހީ ކުރާނީ ފުރިހަމަ ދެރަކްޢަތެވެ.

(ހ) ފުރަތަމަ ރަކްޢަތުގައި ކޭތަ ނަމާދަށް ނިޔަތް ގަންނަމުން ހަށަންބަން ތަކްބީރު [الله أكبر] ކިޔައި ހަށަން ބަންނާނީއެވެ.

(ށ) ދެން ވައްޖަހުތު ކިއުމަށްފަހު އަޢޫޛު ކިޔައި ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ.

(ނ) އޭގެ ފަހުން ދިގު ސޫރަތެއް ކިޔަވާނީއެވެ.

(ރ) ސޫރަތް ކިޔަވައި އަވަދިވެގެން [الله أكبر] ކިޔަމުން ރުކޫޢަށް ދާނީއެވެ.

(ބ) ދެން [سَمِع اللَّهُ لِمَنْ حَمِدَه] ކިޔަމުން އިޢުތިދާލަށް ތެދުވާނީއެވެ. ތެދުވެ [رَبَّنَا لَكَ الْحَمْدُ.... ] ކިޔާނީއެވެ.

(ޅ) ދެން އަނެއްކާ އަލްޙަމްދު ކިޔަވާނީއެވެ. އެއަށް ފަހު ސޫރަތް ކިޔަވާނީއެވެ. (މިވަގުތު އަޢޫޛު ކިއުމެއް އަދި ވައްޖަހުތު ކިއުމެއް ވެސް ނޯންނާނެއެވެ.)

(ކ) ދެން ދެވަނަ ފަހަރަކަށް [الله أكبر] ކިޔަމުން ރުކޫޢަށް ދާނީއެވެ.

(އ) އެއަށްފަހު [سَمِع اللَّهُ لِمَنْ حَمِدَه] ކިޔަމުން އިޢުތިދާލަށް ތެދުވާނީއެވެ. ތެދުވެ [رَبَّنَا لَكَ الْحَمْدُ.... ] ކިޔާފައި

(ވ) ދެންދާނީ ސަޖިދައަށެވެ.

(ފ) ދެސަޖިދަކޮށް ނިމިގެން ތެދުވެ ދެވަނަ ރަކްޢަތަށް ތެދުވެ ކުުރީގައި ބުނެވި ދިޔަ ގޮތަށް ނަމާދުކޮށް ނިންމާނީއެވެ.

(ދ) ޢާއްމު ނަމާދުގައި ކިޔާފަދައިން އައްތަޙިއްޔާތުގެ 3 ބައި ކިޔައި ނިމިގެން ސަލާމް ދޭނީއެވެ.

4- ހަނދު ކޭތަ ނަމާދުގައި ޤުރުއާން ކިޔަވާނީ ބާރަށެވެ. އިރުކޭތަ ނަމާދުގައި ކިޔަވާނީ ސިއްރުންނެވެ. ޖަމާޢަތުގައި އިރުކޭތަ ނަމާދު ކުރާނަމަ ބާރަށް ވެސް ޤުރުއާން ކިޔެވިދާނެއެވެ. (ދެގޮތްމެ ޞައްޙަ ވެގެން ވެއެވެ.)

5- ބޮޑު ޖަމާޢަތުގައި ނަމާދު ކުރާނަމަ ނަމާދުކޮށް ނިމިގެން 2 ޚުޠުބާ ކިއުން އޮންނާނެއެވެ.

6- ނަމާދުކޮށް ނިމިގެން ނުވަތަ ޚުޠުބާއިން ނިމިގެން ދުޢާ ކުރުމީ ސުއްނަތެކެވެ. އިމާމުމީހާ އިންނާނީ ޤިބުލައަށް ކުރިމަތި ލައިގެންނެވެ. ނުވަތަ މައުމޫނުންނާ ދިމާއަށް ކުރިމަތި ލައިިގެން ކޮޅަށް ހުންނާނީއެވެ. މިިހިިސާބުން ކޭތަ ނަމާދު ނިމުނީއެވެ.

7- އިތުރު ބައެއް މަޢުލޫމާތުތައް:

(ހ) ފުރަތަމަ ރަކުޢަތުގައި އަލްޙަމްދަށް ފަހު ކިޔަވާ ސޫރަތް ދިގުވާން ވާނެއެވެ.

(ށ) ދެވަނަ ފަހަރު ކިޔަވާ ސޫރަތް އެއަށް ވުރެން ކުޑަކޮށް ކުރުކުރާނީއެވެ.

(ނ) ތިންވަނައަށް ކިޔަވާ ސޫރަތް އެއަށް ވުރެން ކުރުކޮށެވެ. ހަތަރުވަނައަށް ކިޔަވާ ސޫރަތް އެއަށްވުރެން ކުރުކޮށެވެ.

(ރ) ރުކޫޢުއާއި ސަޖިދަ ވެސް ދިގުކުރާނީ މިމިންވަރަށެވެ.

(ބ) އިޢުތިލާއި ދެސަޖިދަ ދެމެދު ދިގުކުރުމެއް ނޯވެއެވެ. އެތާގައި ކިޔަން ސުއްނަތް ވެގެންވާ ދުޢާ ކިއުމަށް ފަހު އަނެއް ރުކުނަށް ނަގުލުވާނީއެވެ.

(ޅ) ޚުޠުބާ ވީހާވެސް ކުރުކުރުމީ ސުއްނަތްވެގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް