ކ. މާލެ
|
3 ޖޫން 2020 | ބުދަ 13:35
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ - ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ހާމަކުރެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ - ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ހާމަކުރެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ
ޔޫސުފް ސޮފްވާން ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ދެ މައްސަލަ އެބައޮތް، މައްސަލަތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރެވޭ: ފިޔާޒް
 
މިހާރުވެސް އީމެއިލް މެދުވެރިކޮށް މައްސަލަތައް ހުށަހެޅޭނެ
 
އިންފޮމޭޝަން ކޮމިޝަނުރުގެ އޮފީހުގެ މަސައްކަތްތައް 'ނިއު ނޯމަލް' އާ އެއްގޮތަށް ކުރިއަށްދާނެ

މިވަގުތު ހުށަހެޅިފައިއޮތީ ދެ މައްސަލައެއް ކަމަށާއި އެ ދެ މައްސަލައިގެ އަޑުއެހުން އޮންލައިންކޮށް، ނުވަތަ ވެބް ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ބުނެފި އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖްގައި މައުލޫމާތުުދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، ކޮވިޑް-19ގެ މިހާލަތުގެ ކުރިން އެ އޮފީހަށް ދެ މައްސަލައެއް ހުށަހެޅި ބަލަނުންދާ ކަމަށެވެ. އެގޮތުން، ކޮވިޑް-19ގެ މިހާލަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް ވެބް ކޮންފަރެންސްކޮށް، ބެލުމުގެ މަސައްކަތް ކުރެއްވި ކަމަށް ފިޔަޒް ވިދާޅުވި އެވެ. ނަމަވެސް، މައްސަލަ ހުށަހެޅުއްވި ފަރާތުން ބޭނުންވަނީ މިވަގުތު އަވަސް އަރުވާލައިގެން މައްސަލަ ކުރިއަށް ގެންދިއުމުގެ ބަދަލުގައި ހަމަޖެހިލައިގެން މައްސަލަ ކުރިއަށް ގެންދަން ކަމަށް ވިދާޅުވެފައިވާތީ، މިވަގުތަށް އެ މައްސަލަތައް މަޑުޖައްސާލާފައިވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ، އަންގާރަ ދުވަހުން ފެށިގެން އެ އޮފީހުގެ ބައެއް މުވައްޒަފުން އޮފީހަށް ނިކުމެ، މަސައްކަތް ކުރަމުންދާއިރު، ގޭގައި ތިއްބަވައިގެން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފިޔާޒު ވިދާޅުވީ މިހާލަތުގައިވެސް ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ހާމަކުރުމާއި، ދައުލަތުގެ ހާމަކަން ބޮޑު ކުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށްވާނެ ކަމަށެވެ. އަދި ފިޔާޒު ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދެއްވުމުގައި ވަރަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ.

ފިޔާޒު ވިދާޅުވީ، ސަރުކާރާއި ދައުލަތުގެ އިދާރާތަކާމެދު ރައްޔިތުންގެ އިތުބާރު ހޯދުމަށް އޮތް އެންމެ ފަހި ފުރުސަތަކަށްވާނީ ފުޅާ ދާއިރާއެއްގައި މައުލޫމާތު ހާމަކުރުން ކަމަށެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކާމެދު ކުރެވޭ ތުހުމަތުތަކާއި ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރާގޮތުގެ ތަފްސީލްތަކާއި ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކާ ދުރުވުމަށާއި ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްވެސް މައުލޫމާތު ހާމަކުރަންޖެހޭކަމަށް ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ، މިހާލަތުގައި ވެސް ދައުލަތުގެ އިދާރާތައް ހިނގަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް މަސައްކަތްތައް ބައްޓަން ކުރަންޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތައްވެސް 'ނިއު ނޯމަލް' އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، ގިނަ ހިދްމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ މިހާލަތުގައި ވެސް އީމެއިލް މެދުވެރިކޮށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އަދި މައްސަލަތައް ބެލުމުގައި ވެސް ވީހާވެސް ބޮޑަކަށް އޮންލައިން ނުވަތަ ޓެކްނޮލުޖީގެ ވަސީލަތްތަކުގެ ބޭނުން ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ފިޔާޒު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް