ކ. މާލެ
|
1 ޖޫން 2020 | ހޯމަ 10:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތާއި އިދާރީ މުވައްޒަފުން (ފައިލް ފޮޓޯ)
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތާއި އިދާރީ މުވައްޒަފުން (ފައިލް ފޮޓޯ)
ރައްޔިތުންގެ މަޖިލިސް
ގާނޫނުއަސާސީ އިސްލާހު ކުރުން
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބާއްވާ ޖަލްސާ މިރޭ މެންދަމު 1:30 ގައި
 
ލާމަރުކަޒީ "ސަންސެޓް ބިލް" ވެސް ފާސްކޮށް ތަސްދީގު ކުރައްވަން ޖެހޭ
 
ކައުންސިލްތައް ގާނޫނީ ހުސްކަމަށް ދިޔަނުދިނުމަށްޓަކައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލް ބުދަ ދުވަހުގެ ކުރިން ފާސްކޮށް، ތަސްދީގު ކުރައްވަން ޖެހޭ
 
ބުދަ ދުވަހުގެ މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާނެ

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާތީއާއި، އަދި ކޮވިޑް-19ގެ ސަބަބުން އައު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިހާބު ވަކި ތަރީހެއް ނެތްގޮތަށް ފަސްކުރަންޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބާއްވާ ޖަލްސާ އަންގާރަ ދުވަހުގެ ރޭ މެންދަމު ބޭއްވުމަށް އެޖެންޑާ ކޮށްފި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އަންގާރަ ދުވަހުގެ ރޭ މެންދަމު (މިރޭ މެންދަރު) 01:30 ގަ އެވެ. މިޖަލްސާގެ އެޖެންޑާގައި ވަނީ ގާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އެވެ.

މީގެއިތުރުން، ވޯޓަށް އެހުމަށް ހުރިކަންކަމަށް ވޯޓަށް އެހުމުގެ އެޖެންޑާގެ ދަށުން، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020،" ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އަދި ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާޙަވާލުކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވެސް ހިމެނެ އެވެ.

ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމަށް އެޖެންޑާގައި ހިމެނޭތީ، ގާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، އެރިޕޯޓަށް ވެސް ވޯޓަށް އަހާނެ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެރޭވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވެއެވެ. މިޖަލްސާގެ ތެރެއިން މުޅި މަޖިލީހުގެ ކޮމެޓީއެއް ބޭއްވުމަށްފަހު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހު ހުށަހެޅުމަށްފަހު، މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކައި ބޭއްވި ޖަލްސާގައި، އެކަން ކުރެވޭގޮތް ނުވީ، މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް އެޖަލްސާގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ފާސްކުރުމާމެދު އެއްބަސްވުމަކަށް ނުދެވުމުން ކަމަށް ވެއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ، ގާނޫނުއަސާސީ އިސްލާހު ކުުރުމުގެ ބިލް ފާސްކުރުމާމެދު، ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން، ދެން މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް މެމްބަރުންނަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރުމަށެވެ. އެގޮތުގެމަތީން، އަންގާރަ ދުވަހުގެ ރޭ މެންދަމު 01:30 ގައި ޖަލްސާއެއް ބާއްވަން ނިންމައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސްކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމެވެ. މި ބިލްގެ ބަހުސް މަރުހަލާގައި މިހާލަތުގައި ޤާނޫނު އަސާސީ އިސްލާހު ކުރެވޭނެތޯ މެމްބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު އެންމެފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ މިދިއަ ހުކުރު ދުވަހު އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިލަފާގައި ވަނީ ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި މި މަގްސަދު ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ.

މިކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިބިލްގެ ބަހުސްކުރިޔަށް ގެންދަވާފަ އެވެ. އަދި މިމައްސަލަ ކުރިޔަށް ގެންދިޔުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށެވެ.

އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ 231 ވަނަ މާއްދާއަށް (ޅ) އަދި (ކ) އިތުރު ކުރުމަށެވެ. އެގޮތުން (ޅ) ގައި ބުނެފައިވަނީ 3 ޖޫން 2017 ގައި އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެކައުންސިލްތަކަށް އައު މެމްބަރުން އިންތިޚާބު ނުކުރެވިއްޖެ ހިނދެއްގައި އެކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވާ އެކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެމްބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ އަދި މަގާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެމީހެއްގެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އަދި (ކ)ގައި ބުނެފައިވަނީ މިމާއްދާގެ (ޅ) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަގާމުގައި ދެމި ތިބޭ ކައުންސިލްތަކުގެ މެމްބަރުން މަގާމުގައި ދެމި ތިބޭއިރު އެ މެމްބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.

މި އިސްލާހުގެ (ކ) އެބުނާ، އިންތިޤާލީ މުއްދަތުގައި މަގާމުގައި ދެމި ތިބޭ ކައުންސިލްތަކުގެ މެމްބަރުން މަގާމުގައި ދެމި ތިބޭއިރު އެ މެމްބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި ގާނޫނަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ އެބިލް ފާސްކުރުމާއެކު، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ފާސްކުރަންޖެހެ އެވެ. އެހެންކަމުން މިދެ ބިލް ވެސް މިވަނީ އަންގަރާ ދުވަހުގެ ރޭ މެންދަމު (މިރޭ) 01:30ގައި ބާއްވާ ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ހުށަހެޅުނު އިސްލާހުތަކާއެކު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 63 މެމްބަރުންގެ އިއްތިފާގުން ނެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ބުދަ ދުވަހަށް (މިމަހުގެ 3އަށް) ހަމަވާއިރު، ވަގުތު މިވަނީ ކުޑަތަން ވެފަ އެވެ. އަންގާރަ ދުވަހުގެ ރޭ މެންދަމު ބާއްވާ މަޖިލީހުގެ ޖަލްސާއިން އެ ދެ ބިލް ފާސްކުރުމަށްފަހު، އެ ދެބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހެއެވެ. މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ބަދަލުވާނީ، ރައީސުލްޖުމްހޫރިއްޔާ އެބިލެއް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރައްވާ ދުވަހުން ފެށިގެން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
67%
0%
0%
ކޮމެންޓް