ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 20:07
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ސަރުކާރު އޮފީސްތައް ހުޅުވުން
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
 
އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިނުލެވޭނެ
 
މި 3 ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް އޮފީސްތައް ހުޅުވޭނެ
 
އޮފީސްތައް ހުޅުވޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ ދުވަހު

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ރައީީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ 2020 މޭ 31 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 11 ވަނަ ދުވަހު ގެ ނިޔަލަށް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި 3 ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ. އަދި އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވާފަކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށް ބަޔާނުގައިވެއެވެ. އަދި ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެއްވުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ދެއްވަވާފައިވާކަމަށެވެ. އަދި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ބަޔާނުގައިވެއެވެ.

އޭގެއިތުރުން ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުުވުމަށް ނިންމީ، ކޮވިޑް-19 އާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް 2 މަސް ދުވަސް ފަހުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
67%
0%
0%
ކޮމެންޓް