ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 18:30
މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ: 106.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ހޯދާފައި
މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ: 106.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ހޯދާފައި
ގެޓީ އިމޭޖަސް
އެންމެ އާމްދަނީ ބޮޑު ކުޅުންތެރިން
އެންމެ އާމްދަނީ ބޮޑު ފިރިހެން ކުޅިވަރު ކުޅުންތެރިއަކަށް ފެޑެރާ
 
އެންމެ އާމްދަނީ ބޮޑު އަންހެން ކުޅިވަރު ކުޅުންތެރިޔަކީ އޮސާކާ
 
ފެޑެރާ އެއްވަނައަށް އެރީ 106.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިގެން

ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ފިރިހެން ކުޅިވަރު ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ހޯދައިފި އެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ އިން މި ހިސާބުތައް ޖަހާފައިވަނީ މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން މިދިޔަ 12 ދުވަހު ކުޅުންތެރިންނަށް ލިބޭނެ އާމްދަނީ އެއްކޮށްގެންނެވެ.

އެގޮތުން ފުޓްބޯޅަ ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ފެޑެރާ އެއްވަނަ ހޯދިއިރު، މިއީ މި ލިސްޓުގެ އެއްވަނަ އަށް ފެޑެރާ އެރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު މެސީ އެއްވަނައިގައި އޮތްއިރު ފެޑެރާ އޮތީ ފަސްވަނައިގައެވެ. ފެޑެރާ މިއަހަރު އެއްވަނައަށް އެރީ ފާއިތުވި އަހަރެއްހާ ދުވަހު 106.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިގެންނެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން ފަހަރު ލިސްޓުގެ ކުރީގައި އޮތީ މެސީ ނުވަތަ ރޮނާލްޑޯ އެވެ. މެސީ މި ފަހަރު ތިންވަނައިގައި ލައްވާލިއިރު، އެންމެ ބޮޑު އާމްދަނީއެއް ހޯދި ފުޓްބޯޅަ ކުޅުންތެރިޔަކީ ޔުވެންޓަސްގެ ތަރި ރޮނާލްޑޯ އެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރޮނާލްޑޯ ވަނީ 105 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ. ލިސްޓުގެ ތިންވަނައިގައި އޮތް މެސީ އަށް ވަނީ 104 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.

ލިސްޓުގެ ހަތަރުވަނައިގައި އޮތީ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އެވެ. އޭނާ އަށް ވަނީ 95 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފަ އެވެ. އަދި ފަސްވަނައިގައި އޮތް ބާސްކެޓްބޯޅަ ތަރި ލެބްރޯން ޖޭމްސް އަށް ލިބުނީ 88.2 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.

ޓެނިސް ކުޅުންތެރިޔާ ޖަޕާނުގެ ނައޯމީ އޮސާކާ: 37.4 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ހޯދާފައި

މީގެ އިތުރުން މިވަގުތު ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު އަންހެން ކުޅިވަރު ކުޅުންތެރިޔަކީ ޓެނިސް ކުޅުންތެރިޔާ ޖަޕާނުގެ ނައޯމީ އޮސާކާ ކަމަށް ފޯބްސް އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އުމުރުން 22 އަހަރުގެ އޮސާކާ އެއްވަނައިގައި އޮތީ 37.4 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ އޮސާކާ އަށް ވުރެން 1.4 މިލިއަން ޑޮލަރު މަދުން ލިބުނު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އެވެ.

މިފަހަރުގެ ލިސްޓުގެ އެއްވަނަ އޮސާކާ ހޯދިއިރު، އެންމެ ފަހުން މިދިޔަ މާޗު މަހު އާންމުކުރި ޓެނިސް ރޭންކިންގައި އޮސާކާ އޮތީ ދުނިޔޭގެ 10 ވަނައިގައެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން ކުޅިވަރު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އަބަދުވެސް ޓެނިސް ކުޅުންތެރިން ހިމެނޭއިރު، މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން ޓެނިސް ކުޅުންތެރިޔަކީ ދާދި ފަހުން ރިޓަޔާކުރި ރަޝިއާގެ މާރިއާ ޝަރަޕޯވާ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު 29.7 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް