ކ. މާލެ
|
29 މެއި 2020 | ހުކުރު 06:06
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލިސް
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ
ކޮމިޝަނަރ ޖެނެރަލް އޮފް ހެލްތު އެޝުއަރަންސް އައްޔަނު ނުކުރެވިވާ ސަބަބު ހޯދަނީ
 
4 އަހަރުވީ އިރު އެމަގާމަށް މީހަކު އައްޔަނު ކޮށްފައެއް ނުވޭ

ޞިއްޙީ ޚިދުމަތުގެ ޤާނޫނުގެ ދަށުން ޢައްޔަނު ކުރަންޖެހޭ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް އެއް ޢައްޔަނު ނުކުރެވިވާތާ 4 އަހަރު ވެފައިވާތީ އެކަން ވެފައިވާ ސަބަބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމެވެ. އުޝާމް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ޞިއްޙީ ޚިދުމަތުގެ ޤާނޫނުގެ 24 ވަނަ މާއްދާ ގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ކޮލިޓީ އިޝުއަރެންސް ކުރުމަށްޓަކައި އެތަންތަނުގެ ފެންވަރާއި އަދި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަދި އެތަންތަނުގައި ހިނގާ އެކި ބާވަތް ބާވަތްތަކުގެ މައްސަލަތައް ތަޙުޤީޤުކޮށް އެކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް ގެ މަޤާމެއް އުފައްދާ އެމަޤާމުގައި މީހަކު ޢައްޔަނުކުރައްވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ޤާނޫނު 2015 ވަނަ އަހަރު ސެޕްޓެންބަރ މަހު ފާސްކޮށް ޢަމަލުކުރަން ފައްޓާފައި ވަނީ އޭގެ އެއް އަހަރު ފަހުންނެވެ. އޭގެ ފަހުން ހަތަރު އަހަރު ފާއިތުވީއިރުވެސް އެ މަޤާމަށް ސިވިލް ސަރވިސް ކޮމިޝަނުން މީހަކު ޢައްޔަނުކޮށްފައި ނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އެ ޤާނޫނުގެ 24 ވަނަ މާއްދާގެ ށ ގައި ކޮމިޝަނަރ ޖެނެރަލް އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް މީހަކު ޢައްޔަނުކުރަން ވާނީ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކަމަށެވެ.

އެހެންކަމުން މިކަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ އިހުމާލެއް އޮތްކަމަށް ޤަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ. މީގެއިތުރުން ހެލްތު މިނިސްޓްރީގެ އިހުމާލެއްވެސް މިކަމުގައި އޮތްކަމަށް ޤަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

އެހެންކަމުން މިކަން ނުކުރެވި އޮތް ސަބަބު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަން އަދި ހެލްތު މިނިސްޓްރީން އެކަން ސާފުކުރުމަށް ހުށަހަޅުއްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ވަނީ މިކަންތައް ބެލުމަށް ސިވިލް ސަރވިސް ކޮމިޝަނަށާއި ހެލްތު މިނިސްޓްރީއަށް ފޮނުވުމަށް ފާސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް