ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އެމްއެމްޕީއާރުސީ މައްސަލަ

އަދީބާ ގުޅިގެން މެންބަރުން ފްރޭމްކުރަން އެމްޑީޕީ ތެރެއިން މަސައްކަތް ކުރާ ކަމަށް ޝަރީފު ތުހުމަތު ކުރައްވައިފި

  • އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގު އިދާރާތަކުން ކުރައްވަމުން ގެންދަވާ ތަހުގީގު ނުނިމި، ދިގުލައިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށް ޝަރީފް ވިދާޅުވި
  • މިކަމުގައި ބަޔަކު ރާވައިގެން ވަކި ބަޔަކު ފްރޭމް ކުރުމަށް މަޖިލިސް ތެރެއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި
  • 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކު ހިޔާނާތުގެ ފައިސާގައި ޖެހިފައިވާކަން ވަނީ އެނގިފައި

ކ. މާލެ | 26 މެއި 2020 | އަންގާރަ 22:01 | 5,883

މަރަދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - މަޖިލިސް

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ގުޅިގެން، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި މަޖިލިސް މެންބަރުންތަކެއް ފްރޭމް ކުރުމަށް އެމްޑީޕީ ތެރެއިން މަސައްކަތް ކުރަމުންދާ ކަަމަށް މަރަދޫ ދާއިރާ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝަރީފު މި މޭރުމުން ވާހަކަ ދެއްކެވީ އަންގާރަ ދުވަހު ކުރިޔަށްދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މައްސަލައިގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން ކޮމިޓީގައި ކުރިޔަށްދިޔަ މަޝްވަރާގެ ތެރޭގަ އެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ތަޙުޤީޤު އިދާރާތަކުން ކުރައްވަމުން ގެންދަވާ ތަޙުޤީޤު ނުނިމި، ދިގުލައިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅުކޮށް އެކަން ކުރުން އެދިވަޑައިގަންނަވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މީގެއިތުރުން މިކަމުގައި ބަޔަކު ރާވައިގެން ވަކި ބަޔަކު ފްރޭމް ކުރުމަށް މަޖިލިސް ތެރެއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފު ތުހުމަތު ކުރެއްވި އެވެ.

އަޅުގަނޑަށް މައުލޫމާތު އެބަލިބޭ ވަކި ބަޔަކު ފްރޭމް ކުރުމަށް އަދީބާއި ގުޅިގެންނާ އެ މަސައްކަތް އަޅުގަނޑުމެންގެ ޕާޓީ ތެރެއިންވެސް ކުރާ ބަޔަކު އެބަ އުޅޭ. މިއީ ވަރަށް ދެރަ ކަމެއް. މިވެނި މީހަކަށް އެވެނި ބަޔާނެއް ދޭށޭ ކިޔައި، މިކަން އެބަ ހިނގާ. މިއީ މަގުމަތިން އަޅުގަނޑު ކައިރީ ބަޔަކު ދެއްކި ވާހަކައެއް ނޫން.

~ މަރަދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު

ޝަރީފު ވިދާޅުވީ މިކަމާ ސީދާ ގުޅޭ މީހުން އޭނާއަށް ފޯނުކުރައްވައި އެ މަޢުލޫމާތު އޭނާއަށް ދެއްވާފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އޭނާ އެދެނީ ވީހާވެސް އަވަހަކަށް ތަޙުޤީޤީ އިދާރާތަކުން މައްސަލަ ނިންމާ ދަޢުވާ ކުރަން ޖެހޭ މީހުންނަށް ދަޢުވާ ކުރުން ކަމަށެވެ. އަދި މައްސަލަ ނުނިމި އެކި މީހުންނަށް ތުހުމަތު ކުރެވުމަކީ އެދޭ ކަމެއް ނޫން ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މިކަން ނުނިމި އޮތުގުމުގެ ސަބަބުން މަޞްލަޙަތު ވަރަށް ބޮޑަށް ގެއްލޭ ކަމަށާއި އެހެންކަމުން ކޮންމެ މެންބަރަކު ވިޔަސް ހެކި ހުރިނަމަ ޝަރީޢަތަށް ފޮނުވަންވީ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މިކަމުގައި ތުހުމަތު ކޮށްގެން އިނގިލި ދިއްކުރުމުގެ މާނައެއް ނެތް ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ޝަރީފު ވަނީ ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބަށްވެސް ރައްދު ދެއްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މި މައްސަލާގައި އޭނާ ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނެގި މީހެއް ނޫން ކަމަށް ޝަރީފު ވިދާޅުވި އެވެ. އެހެންނަމަވެސް ވަރޗުއަލްކޮށް ބޭއްވި އެ ބައްދަލުވުމުގައި އިލްޔާސް ލަބީބު، ޝަރީފަށް ނިޞްބަތްކޮށް އެމޭރެމުން ވާހަކަ ދެއްކެވި އަޑެއް ނީވެއެވެ.

އިލްޔާސް ލަބީބަށް އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑަކީ ތަނާޒުލްވާން ޖެހޭ މީހެއް ނޫން. އަޅުގަނޑު ނޯންނާނެ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެފައެއް. އެހެންވީމަ އަޅުގަނޑާ ދިމާލަށް ވިދާޅުވި އެއްޗެއް ނަމަ އަޅުގަނޑު ތަނާޒުލް ނުވެ މިހުރީ، މިކަމުގައި އަޅުގަނޑުގެ އެއްވެސް ހިއްސާއެއް ނެތްކަން އަޅުގަނޑު ނަފްސު ގަބޫލު ކުރާތީ

~ މަރަދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު

ޝަރީފު ދެއްކެވި ވާހަކަ ތަކާ ގުޅިގެން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވީ މެންބަރުން ފްރޭމް ކުރުން އެއީ ސީރިއަސް މައްސަލައެއް ކަމަށާއި ޝަރީފަށް އެފަދަ މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ތަޙުޤީޤު އިދާރާތަކާ ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.