އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އެމްއެމްޕީއާރުސީ އާއި މަރުގެ މައްސަލަތައް

ބޮޑު ޚިޔާނާތާއި އާއި މަރުގެ މައްސަލަތައް ޖޮއިންޓް ކޮމިޓީއަކުން ބަލަން ނިންމައިފި

  • ދެ ކޮމިޓީގެ މުގައްރިރުން ވާހަކަ ދައްކައިގެން މިކަމާއި ގުޅޭގޮތުން ގޮތްތަކެއް ނިންމުމަށް ކޮމިޓީން ނިންމި
  • މެމްބަރުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި މަރުކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި
  • މައްސަލަތަކުގެ ތަހުގީގު ލަސްވާ ސަބަބުތަކާއި މުއައްސަސާތަކުގައި މައްސަލަތައް ގޮސްފައިވާ ހިސާބު ބެލުމަށް މެމްބަރުން ހުށަހެޅުއްވި

ކ. މާލެ | 26 މެއި 2020 | އަންގާރަ 20:32 | 4,823

ޖުޑީޝަރީ ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ޔޫސުފް ސޮފްވާން ރަޝީދު

ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތަކާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބެލުމަށް ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝަރީ ކޮމިޓީ އާއި 241 ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއަކުން ބެލުމަށް ނިންމައިފި އެވެ.

މި މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ނޭނގޭ ކަމަށާއި އެކަން ބައްލަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ފޮނުއްވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އެވެ. އެހެންކަމުން މި މައްސަލަ ބެލުމަށްޓަކައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖުޑީޝަރީ ކޮމިޓީ އަށާއި 241 ކޮމިޓީއަށް ފޮނުވާފަ އެވެ.

މި މައްސަލާގައި ކުރިޔަށްދާނެ ގޮތްތަކެއް ކަނޑައެޅުމަށް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ ރޭގަނޑު ވަނީ ބާއްވާފަ އެވެ. މި ކޮމެޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ޖުޑީޝަރީ ކޮމިޓީއަށް މިފަދަ ދެ ސިޓީ އެއް ލިބިފައިވާ ކަމަށެވެ. އެއް ސިޓީއަކީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ފޮނުއްވާފައިވާ ސިޓީއެއް ކަމަށާއި، އަނެއް ސިޓީ އަކީ ފޮނަދޫ ދާއިރާގެ މެންބަރ މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ ސިއްރު ސިޓީއެއް ކަމަށެވެ.

މީގެތެރެއިން މުއިއްޒު ފޮނުއްވާފައިވާ ސިޓީގައިވާ ކަންކަން ބެލުމަށް 241 ކޮމިޓީއަށް ވެސް ފޮނުވާފައިވާކަން ފާހަގަކުރައްވާ އިމްތިޔާޒު ވިދާޅުވީ މިކަމުގައި ޖުޑީޝަރީ ކޮމިޓީގެ މެންޑޭޓުގެ ތެރެއިން ކުރެވެން ހުރި ކަންކަން ބެލުން އެއީ ކޮމިޓީގެ ބައްދަލުވުން ބޭއްވުމުގެ އެއް ބޭނުން ކަމުގައެވެ. އަދި މިކަމުގައި ޖުޑީޝަރީ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައިވާ ކަންކަން ބެލިދާނެ ކަމަށް އިމްތިޔާޒު ފާހަގަކުރެއްވި އެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖުޑީޝަރީ ކޮމިޓީގަޔާއި 241 ކޮމިޓީގައިވެސް އިންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ ޙަސަން ލަޠީފު ވިދާޅުވީ މިކަމާއި ގުޅިގެން 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ގުޅުންހުރި ގިނަ މައުލޫމާތު ތަކެއް ހޯދުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ދެ ކޮމިޓީގެ މުޤައްރިރުން ވާހަކަ ދައްކައިގެން މިކަމާއި ގުޅޭގޮތުން ގޮތްތަކެއް ނިންމިދާނެ ކަމަށް ޙަސަން ލަޠީފު ވިދާޅުވި އެވެ.

ދެ ކޮމިޓީ ގުޅިގެން ކުރިޔަށް ގެންދެވޭ ގޮތެއް ހޯދިދާނެ މިކަމުގައި. 241 ކޮމިޓީގައި ވާހަކަ ދެއްކުމަށްފަހު ވަރަށް ބައިވަރު މައުލޫމާތު ހޯދުމަށް ނިންމާފައިވާނީ. އެހެންވީމާ ދެ މުގައްރިރުން ވާހަކަ ދައްކާފައި ގޮތެއް ނިންމުން މުހިންމު މިމައްސަލަ ކުރިޔަށް ގެންދާނެ ގޮތް ހޯދުން ދެ ކޮމިޓީން. ދެން މުސާ ސިރާޖުގެ ސިޓީގެ މައްސަލަ މިކޮމިޓީއަށް ކުރިޔަށް ގެންދެވޭނެތޯ ބެލުން އެއީ ކުރާނެ ކަމަކީ.

~ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު

ޙަސަން ލަޠީފުގެ މި ހުށަހެޅުއްވުމަށް ތާޢީދު ކުރައްވާ ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރ މޫސާ ސިރާޖު ވިދާޅުވީ ދެ ކޮމިޓީން ވާހަކަ ދައްކައިގެން 'ޖޮއިންޓް ކޮމިޓީއެއް' ނަގައިގެން މިކަމުގައި ކުރިޔަށްދާނެ ގޮތްތަކެއް ހޯދުން ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިކަން ދެކޮމިޓީން ވާހަކަ ދައްކައިގެން ޖޮއިންޓް ކޮމިޓީއެއް ނަގައިގެން ކުރިޔަށްދާނެ ގޮތެއް ހޯދުން ރަނގަޅު. ސިއްރު ސިޓީގައިވާ ބޮޑެތި މައްސަލަތަކުގައި ފާހަގަވެފައިވަނީ އިންވެސްޓިގޭޝަންގައި އެއްބަޔަކު އުޅެނީ. އެހެންވީމާ ދެ ކޮމީޓިގައި އެއްބަޔަކު ތިބެގެން މިކަން ކުރާނެ ގޮތެއް ހޯދުން ރަނގަޅު. ދެ ކޮމިޓީގެ މުގައްރިރުން ވާހަކަ ދައްކައިގެން ކުރިޔަށް ގެންދަން ހުށަހަޅަން. ހަސަން ލަތީފު ހުށަހެޅުއްވި ގޮތަށް ކުރިޔަށް ގެންދަން ރަނގަޅު.

~ ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު

ސިރާޖު ވިދާޅުވީ އެހެންނަމަވެސް ޖޮއިންޓް ކޮމިޓީގައި އިންނެވުމަށް ތަނާޒުލްވެ ވަޑައިގަންނަވާ ކަމަށެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްސަލަތަކުގައި ވަކީލެއްގެ ގޮތުގައި އުޅުއްވާފައިވާތީ ކަމަށާއި އެހެންކަމުން މިކަމުގައި ސުލޫކީ މިންގަނޑު ހިފަހައްޓަން ބޭނުންފުޅުވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި ފުލުހުންގެ ތެރޭގައި ތަޙުޤީޤު ގޮސްފައިވާ ހިސާބުތަކާއި މައްސަލަތައް ބެލުން ލަސްވެގެންދާ ސަބަބުތަކަށް ބަލައިގެން އެކަންކަން ބެލުން މުހިންމު ކަމަށް ސިރާޖު ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުން ލަސްވެ، މިކަމުގައި ވާނުވާ ރައްޔިތުންނާ ހަމައަށް ނާންނަކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އަދި އެންމެ ފުޅާކޮށް މިކަންކަން މަޖިލީހުން ބެލެން ޖެހޭކަން މެންބަރުން ފާހަގަކުރެއްވި އެވެ.

އަދި މިކަން އަވަސްކުރުމުގެ ގޮތުން ޖޮއިންޓް ކޮމިޓީ ބައްދަލުވުން ފަށާއިރުގައި، މަސައްކަތް ކުރިޔަށްދާނެ ގޮތުގެ ވިސްނުންތަކެއް ހިފައިގެން އިށީނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޙަސަން ލަޠީފު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މަޢުލޫމާތު ހޯދަން 241 ކޮމިޓީއަށް ވަރަށް ފަސޭހަ ވާނެ ކަމަށާއިި، ޕްރޮސެކިއުޓަރ ޖެނެރަލް އާއި އެޓަރނީ ޖެނެރަލް އާ ގުޅިގެން މަސައްކަތް ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފަސޭހަވާނެ ކަމަށެވެ. އަދި ދެ ކޮމިޓީ ގުޅިގެން މިކަން ކުރިޔަށްގެންދާނެ ގޮތްތަކެއް 241 ކޮމިޓީގެ މުޤައްރިރާއި ވާހަކަ ދައްކަވައިގެން ހޯއްދަވާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.