އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
މަޖިލީހުގެ ޖަލްސާތައް އަލުން ފެށުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަނީ އެޗްޕީއޭ ގެ ހުއްދަ ލިބިގެން

  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވޭނެ އުސޫލުތަކެއް އެޗްޕީއޭއިން އެކުލަވާލާފައިވޭ
  • ޖަލްސާތަކަށް ވަޑައިގަންނަވަން ފުލުހުން އަންނަނީ ހުއްދަ ދޫކުރަމުން
  • ފުލުހުން ވަނީ އެޗްޕީއޭގެ އުސޫލުތައް ކަށަވަރުކުރުމަށް މަޖިލީހުގެ އިދާރާއަށް އަންގާފައި

ކ. މާލެ | 26 މެއި 2020 | އަންގާރަ 02:38 | 7,832

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޖަލްސާތައް ބާއްވާނީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން - މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ބާއްވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިގެންކަން ރާއްޖެއެމްވީ އަށް ކަށަވަރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ޖަލްސާ ބޭއްވޭނެ އުސޫލެއް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ އުސޫލުތަކުގެ ތެރެއިން ޖަލްސާތަކަށް ދާން ބޭނުންވާ މެމްބަރުންނަށް ހުއްދަ ދިނުމުގެ މަސައްކަތް ފުލުހުންނާ ވަނީ ހަވާލުކުރެވިފަ އެވެ.

މެމްބަރުންނަށް ޖަލްސާ އަށް ވަޑައިގެންނެވޭނެ ހުއްދަތައް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީއެއްގެ ޖަވާބުގައި ފުލުހުން ވަނީ، އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތައް ފުރިހަމަކުރުމުން ޖަލްސާ އަށް ދިއުމަށް މެމްބަރުންނަށް ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް ހުއްދަ ލިބިފައިވާކަމަށް ބަޔާންކޮށްފަ އެވެ.

އެގޮތުން ޖަލްސާކުރާ މާލަމަށް ވަނުމުގެ ކުރިން ޓެމްޕަރޭޗަރު ބެލުން، ހުން ނެތްކަން ކަށަވަރުކުރުން، ކޮވިޑުގެ އަލާމާތެއް ހުރި މީހަކު ޖަލްސާގައި ބައިވެރިނުވުން، އިޖުތިމާއި ގައިދުރުކަން ބެހެއްޓުން، ޖަލްސާގައި ބައިވެރިވާ މީހުންނަށް ސައިބޯނިލައިގެން ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމުގެ އިންތިޒާމް ހަމަޖެއްސުން އަދި ޖަލްސާ ކުރާ މާލަމުގައި ހުންނަ އަތްލާ ތަކެއްޗާއި ތަންތަން ޑިސްއިންފެކްޓް ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ އިރެއްގައި އަމަލު ކުރުމަށާއި، ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ނޫނީ ނުބޭއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އެ އެޖެންސީން އެދުނީ އެނޫން ހާލަތްތަކުގައި ވަރޗުއަލްކޮށް ޖަލްސާ ބޭއްވުމަށެވެ.

މެމްބަރުންނަށް ހުއްދަ ދިނުމާއި ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބާއްވާނަމަ ފުރިހަމަކުރުމަށް އެޗްޕީއޭއިން އިރުޝާދުދީފައިވާ ކަންކަން މަޖިލީހުގެ އިދާރާގައި ދަންނަވާފައިވާ ކަމަށެވެ. އަދި ޖަލްސާއަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމަށް މަޖިލީހުން އެދިފައިވާ މެމްބަރުންނާއި އިދާރީ މުވައްޒަފުންނަށް ހުއްދަ ދޫކުރުމަންދާ ކަމަށް މައުލޫމާތު ދީފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ޖަލްސާއެއް ބޭއްވުމަށް ނިންމުމާއި ގުޅިގެން މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އަދި އެޗްޕީއޭގެ ހުއްދަ ނެތި ޖަލްސާއަށް ދިއުމަށް އުޒުރުވެރިވާ ކަމަށް ބައެއް މެމްބަރުން ވަނީ ހާމަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ އުސޫލެއް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އިރު، މަޖިލިހުން ވަނީ މާލަމުގައި ޖަލްސާތައް ބާއްވަން ނިންމާފައިވާކަން އިއުލާންކުރުމާއިއެކު، ޖަލްސާތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް އާންމުކޮށްފަ އެވެ. އެގޮތުން، ތަޅުމުގައި އެއް ފަހަރާ ތިބެވޭނީ 42 މެމްބަރުންނަށް ކަމަށް ވަނީ ނިންމާފަ އެވެ.

ތަޅުމުގައި ތިއްބަވާ މެމްބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުލަވާލާ އުސޫލެއްގެ ދަށުންނެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބަވާ މެމްބަރުންނާއި އިދާރީ މުވައްޒަފުން މާސްކު އެޅުމަށް ވެސް އުސޫލުގައި ވެއެވެ. އިދާރީ މުވައްޒަފުންގެ އަދަދުތައް ވެސް ވަނީ އެ ވަގުތަކަށް ބޭނުންވާނެ އެންމެ މަދު އަދަދަކަށް ދަށްކޮށްފަ އެވެ. ވޯޓުލުމުގައި މެމްބަރުން މަޖިލީހުގެ ތަޅުމުން ވަދެ ނިކުމެ ހެދޭނެ އުސޫލުތައް ވަނީ އެކުލަވާލާފަ އެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ޖަލްސާއެއް ބާއްވާފައިވަނީ 18 މާރޗު 2020 ގައެވެ. އެ ދުވަހުގެ ޖަލްސާގައި، ޖަލްސާތައް މެދުކަނޑާލެއްވިކަން އިއުލާންކުރަމުން ވެސް ރައީސް ނަޝީދު ވަނީ، ޖަލްސާއަކަށް ގޮވާލާ ގޮވާލުމަކަށް ތައްޔާރަށް ތިއްބެވުމަށް މެމްބަރުން ގާތު ވިދާޅުވެފަ އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާނެ އުސޫލެއް އެކުލަވާލުމަށްފަހު، މާރޗު މަހުގެ 30 ވަނަ ދުވަހު ފުރަތަމަ ފަހަރަށް އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވުނެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާތައް ވަރޗުއަލް ކޮންފަރެންސިންގ މެދުވެރިކޮށް ގަވައިދުން ކުރިއަށް ގެންގޮސްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.