ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ފުރަބަންދުގެ ޙާލަތުގައި އިޖުތިމާއީ ގުޅުންތައް

ފުރަބަންދުގައި އޮފީހުގައި ހުއްޓައި ބެލަރުސްގައި ހުރި އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ލިބުނު ތަފާތު ސަޕްރައިޒް!

  • އައު ނޯރމަލްއެއްގައި އިޖުތިމާއީ ގުޅުންތައް ބަދަހި ކުރާނެ ގޮތްތަކެއް ހޯދަންޖެހޭ
  • ފުރަބަންދަށް 40ށް ވުރެ ގިނަ ދުވަސް ވެފައިވޭ
  • ރައްޔިތުންގެ އާންމު ދިރިއުޅުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ

ކ. މާލެ | 25 މެއި 2020 | ހޯމަ 19:24 | 26,387

ރޫނާ ޝިޔާމްގެ އުފަންދުވަސް އޭނާގެ އެންމެ ގާތް އެކުވެރިޔާ ފާހަގަކޮށްދެނީ - ރާއްޖެއެމްވީ

ރާއްޖޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް 40ށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހުރިހާ ގޮތަކުންވެސް މި ފުރަބަންދު ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ދައުލަތުގެ ބޮޑެތި މުއައްސަސާތަކުގެ މަސައްކަތްތަކުން ފެށިގެން އެންމެ އާދައިގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއާއެކު އިޖުތިމާއީ ގުޅުންތަކާއި، އާންމު ދިރިއުޅުމުގައި އެކަކު އަނެކަކާ އޮންނަ ގުޅުންތައް ބަދަހި ކުރުމަށް ކޮށްއުޅޭ ކަންކަމަށްވެސް ބަދަލުތަކެއް އައިސްފައިވާއިރު، އޭގެ ތެރޭގައި އުފަންދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމުގެ އިތުރުން، އުފަންދުވަސް ފާހަގަ ކުރުމުގައި އައިސްފައިވާ ބަދަލުތައް ފާހަގަކޮށްލެވެއެވެ.

ރާއްޖެޓީވީގެ އޮންއެއަރ އޮޕަރޭޓަރ ރޫނާ ޝިޔާމްއަށް 21 އަހަރު ފުރުނު އުފަންދުވަހާ ކުރިމަތިލީއިރު، ރޫނާ ހުރީ މަސައްކަތް ކުރަމުންދާ އޮފީހުގައި ލޮކްޑައުންވެ، އެ މަސައްކަތުގައި މަސްއޫލުވެގެންނެވެ. އާއިލާއާއި ރައްޓެހިންނާ ދުރުގައި އޮފީހުގައި މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރޫނާގެ އެންމެ ގާތް އެކުވެރިޔާ ވަނީ އެތަކެއް މޭލު ދުރުން ބެލަރުސްއިން ރޫނާގެ އުފަންދުވަސް ފާހަގަކޮށްދީފައެވެ.

ފުރަބަންދުގެ މިފަދަ ޙާލަތެއްގައިވެސް އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަކީ މާ އުނދަގޫކަމެއް ނޫންކަން ރޫނާގެ "ބެސްޓްފްރެންޑް" ޝަހުރު މިވަނީ ސާބިތު ކޮށްދީފައެވެ.

ރޫނާ އޮން އެއަރ އޮޕަރޭޓް ކުރަނީ- އޮފީހުގެ ލޮކްޑައުންއަށް 36 ދުވަސް ވަނީ ވެފައި

ބެލަރުސްގައި ތައުލީމު ހާސިލުކުރަމުންދާ ޝަހުރު އޭނާގެ އެކުވެރިންނާއެކު ރޭވި މި ސަޕްރައިޒް ހަޤީޤަތުގައިވެސް ވަރަށް ފުރިހަމައެވެ. އަދި އުފަންދުވަހު މި މަންޒަރުތައް އެތަކެއް މޭލު ދުރުން އޮފީސް ލޮކްޑައުންއެއްގައި ހުރެ ފޭސް ބުކް ލައިވްއިން ބަލަމުންދިޔަ ވަގުތު ލިބުނު އުފާވެރިކަން ރޫނާ ވަނީ ހިއްސާކޮށްފައެވެ.

އެފްބީ ލައިވް ބަލަން ހުރި ގަޑީ ނޭނގޭ ކީއްކުރަން ކަމެއް މި އުޅެނީ، ގުޅާފަ ބުނީ އެފްބީ ލައިވްއަށް ވަންނާށޭ، ދެން ވަތްއިރު ފުރަތަމަ ކޭކް ފެޅިތަން ފެނުނީ، ދެން ހަވާ އަރުވަން ފެށީމަ ވަރަށް ސަޕްރައިޒްވި، އެއީ ހަވާއަރުވާތަން ބެލުމަކީ އެންމެ ކުރާ ހިތްވާ އެއް ކަންތައް،

~ ރޫނާ ޝިޔާމް

ރޫނާގެ އުފަންދުވަހުގެ ތަހުނިޔާއާއެކު ކޭކް ފަޅަން ތައްޔާރުކޮށްފައި

ކޭކް ފެޅުމުގެ އިތުރުން، ޝަހުރު ވަނީ ރޫނާގެ އުފަންދުވަހަށް ޚާއްސަކޮށް ހަވާވެސް އަރުވާފައެވެ. އެގޮތުން ހަވާ އަރުވާފައިވަނީ އެކުވެރިޔާއަކީ އަބަދުވެސް ހަވާ އަރުވާ މަންޒަރު ބެލުމަށް ޝައުޤުވެރިވާ މީހަކަށްވެފައި، ފުރަބަންދުގެ މި ޙާލަތުގައި އެކުވެރިޔާގެ އުފަންދުވަސް އިތުރަށް ޚާއްސަކޮށްލުމުގެ މަޤްސަދުގައި ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް، މާލެ ސަރަޙައްދު ފުރަބަންދު ކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިފަދައިން އިޖުތިމާއީ ގުޅުންތައް ބަދަހި ކުރާ ގޮތްތަކަށް މިވަނީ ވަރަށް ބޮޑަށް ބަދަލު އައިސްފައެވެ.

އާއިލާއާއި ރައްޓެހިންނާއި އެކުގައި އެއްތަނަކަށް އެއްވެ ވަގުތު ހޭދަކުރުން މިވަނީ މަދު ކުރަން ޖެހިފައެވެ. އެއާއެކުވެސް އިޖުތިމާއީ ގުޅުން ބަދަހި ކުރާނެ އިތުރު ގޮތްތަކަކަށް މިވަނީ ހޭނެން ޖެހިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށްޓަކައި، އައު ނޯރމަލްއެއްގައި އިޖުތިމާއީ ގުޅުންތައް ބަދަހި ކުރާނެ ގޮތްތަކެއް ހޯދަން މިވަނީ ޖެހިފައެވެ. މިފަދަ ދަނޑިވަޅެއްގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ހަފްލާތައް ބޭއްވުމުގެ ބަދަލުގައި ދުރުގައި ތިބެގެންވެސް އައު ނޯރމަލްއެއްގައި ހަފްލާތައް ބާއްވާނެ ގޮތެއް މިހާރު މިވަނީ ހޯދަން ޖެހިފައެވެ. ޝަހުރު މިވަނީ އެކަމުގެ ފުރިހަމަ މިސާލެއް ދައްކުވައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.