ކ. މާލެ
|
25 މެއި 2020 | ހޯމަ 13:16
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް: އަލުން ހުޅުވާލާއިރު، ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް: އަލުން ހުޅުވާލާއިރު، ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނޭ
އެމްއޭސީއެލް
ނިއު ނޯމަލަށް އެއަރޕޯޓް ތައްޔާރު
ކޮވިޑް-19: ނިއު ނޯމަލްގެ ދަށުން ހިދުމަތް ދިނުމަށް އެއަރޕޯޓް އޮތީ ތައްޔާރަށް: އެމްއޭސީއެލް
 
ކައުންޓަރުގައި ތިބޭ ސްޓާފުންނާއި ފަސިންޖަރުންނާއި ދެމެދު ބިއްލޫރި ޕަރޓިޝަން ޖަހައި، އެއަރޕޯޓުގެ އާންމު ތަންތަނާ ޑިސްއިންފެކްޓް ކުރުމުންދާނެ
 
ގައިދުރުކުރުމުގެ ނިޝާންތަކާއި ކޮވިޑް-19 އިން ރައްކާރިވުމަށް އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތަކުގެ މައުލޫމާތުތައް ހަރުކުރެވިފައި ހުންނާނެ
 
ސްޓާފުންނަށް ބޭނުންވާ ތަމްރީންތައް ދެވިފައިވޭ

ކޮވިޑް-19 ރޯގާ އާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ހިދުމަތްތައް ދެމުންދަނީ ރައްކާތެރިކަމާއެކުގަ ކަމަށާއި އަދި 'ނިއު ނޯމަލް'ގެ ދަށުން ހިދުމަތްދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)އިން ބުނެފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން، ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ބަންދުކުރެވިފައިވާ ރާއްޖޭގެ ބޯޑަރ ހުޅުވާލައި، ރާއްޖެއިން ބޭރުން އަންނަ ފްލައިޓުތަކާއި އަދި ރާއްޖޭގެ އެތެރޭގެ ފްލައިޓުތައް އޮޕްރޭޓުކުރަން ފެށުމަށްޓަކައި އެމްއޭސީއެލުން ގިނަ ފިޔަވަޅުތަކެއް އަޅައި، ތައްޔާރުވެފައިވާ ކަމަށެވެ. ހާއްސަކޮށް، އަލުން އެއަރޕޯޓް ހުޅުވާލާއިރު، އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އަދި އަޅަމުންދާ ކަމަށެވެ.

އަރީފް ވިދާޅުވީ ނިއު ނޯމަލްގެ ދަށުން އެއަރޕޯޓް ހިންގާނެ ގޮތުގެ އުސޫލްތައް ތައްޔާރުކޮށް، އެކިއެކި ކަންކަމަށް ބޭނުންވާ ތަމްރީނުތައް މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ. އަދި އެއަރޕޯޓުގައި ހިދުމަތްދޭ ތަންތަނާއި ބޭނުން ކުރަމުންދާ ވަސީލަތްތަކަށް ވެސް ބައެއް ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. އަދި އެއަރޕޯޓް އަލުން ހުޅުވާލެވޭއިރު، އެއަރޕޯޓު ސްޓާފުންނާއި، ފުރާ އަދި އަންނަ ފަސިންޖަރުންގެ ހުން ބެލުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތަށް އަޅަމުންދާނެކަމަށް ވެސް އަރީފް ވިދާޅުވި އެވެ.

އެގޮތުން، އެއަރޕޯޓުން ފުރާ މީހުންގެ ޓަރމިނަލް އަދި އަންނަ މީހުންގެ ޓަރމިނަލާއި އާންމު ތަންތާގައި ގައިދުރުކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމުގެ ނިޝާންތައް ކުރަހައި އަދި ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި ކައުންޓަރުގައި ތިބޭ ސްޓާފުންނާއި، ފަސިންޖަރުންނާއި ދެމެދު ބިއްލޫރި ޕަރޓިޝަން ޖަހައި، އެއަރޕޯޓުގެ އާންމު ތަންތަނާއި، ގޮޑި، މޭޒު ފަދަ ތަކެތި، ހަމަޖެހިފައިވާ އުސޫލްގެ ދަށުން ޑިސްއިންފެކްޓް ކުރުމުންދާނެ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަންނަ ޖުލައި މަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާލުމަށެވެ. އިގްތިޞާދީ ހަރަކާތް އަދި ހާއްސަކޮށް ފަތުރުވެރިކަން ފަށައިގަންނަން ކުރަމުންދާ މި މަސައްކަތުގެ ތެރެއިން، ކޮވިޑް-19 ރޯގާއިން ރައްކާތެރިވެ، ނިއު ނޯމަލްގައި އަމަލު ކުރާގެ ހާއްސަ އުސޫލުތަކެއް ކަމާބެހޭ އެކިއެކި އިދާރާތަކުން ދަނީ ގާއިމު ކުރަމުން ނެވެ. ޓޫރިޒަމް މިނިސްޓްރީ ދަނީ، "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ގައިޑްލައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު އެ ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީއާ މެދު ބޮޑެތި މަޝްވަރާތަކެއް ކުރެވެމުން ދާއިރު، އެ ގައިޑްލައިނަށް ގެންނަން ބޭނުންވާ އިސްލާހުތައް ނުވަތަ މަޝްވަރާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
40%
0%
20%
40%
0%
ކޮމެންޓް