ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 17:53
ރާއްޖޭގެ ރިސޯޓެއް- އެންމެ ބޮޑު އާމްދަނީ އެއް ރާއްޖެއަށް ވަންނަނީ ފަތުރުވެރިކަމުން
ރާއްޖޭގެ ރިސޯޓެއް- އެންމެ ބޮޑު އާމްދަނީ އެއް ރާއްޖެއަށް ވަންނަނީ ފަތުރުވެރިކަމުން
ރިސޯޓް ކުލި ފަސްކުރުން
ރިސޯޓްތަކުގެ ބިމު ކުލި ފަސްކޮށްދިނުމުން މިއަހަރު ލިބެންއޮތް އާމްދަނީން 900 މިލިއަން ރުފިޔާ މަދުވާނެ
 
އިގްތިޞާދު ހުޅުވާލަން މަސައްކަތް ކުރާއިރު ވިޔަފާރިތަކަށް ލުއި ތަކެއް ދީގެން މަސައްކަތްކުރަން ޖެހޭ
 
މިއަހަރުގެ ބަޖެޓްގައި ބިމު ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ހިމަނާފައި
 
މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި ލިބެންޖެހޭ 800 މިލިއަން ރުފިޔާ މިހާރު ވަނީ ލިބިފައި

މިއަހަރުގެ ފަހު ހަ މަސް ދުވަހު ރިސޯޓުތަކުން ދައްކަން ޖެހޭ ބިމު ކޮށްލި ފަސް ކުރުމުން މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން 900 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ބިމު ކުއްޔަކީ ދައުލަތަށް ގިނަ އަދަދެއްގެ އާމްދަނީ ލިބޭ އެއް ގޮތްކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ބިމު ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ހިމަނާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މީގެތެރެއިން މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި ލިބެން ޖެހޭ 800 މިލިއަން ރުފިޔާ މިހާރު ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފަހު ހަމަސް ދުވަހުގެ ކުލި ދެއްކުން ފަސްކޮށްފައި ވާއިރު އެއީ ގެއްލިގެންދާ އެއްޗެއް ނޫންކަމަށާއި އެފައިސާ އަންނަ އަހަރު ބަހާލައިގެން ދައްކާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިގްތިޞާދީ ބަލިމަޑުކަމުން އަރައި ގަތުމަށްޓަކައި ކޮންމެހެންވެސް އެބަޖެހޭ އިގްތިޞާދީ އެކިއެކި މަސައްކަތްތައް ލުއިތަކެއްދޭން. އޭގެތެރޭގައި އެކި ސެކްޓަރ ތަކަށް ވަކިވަކިން ބަހާލައިގެން ކަންކަން އެބަކުރަން. ހަމައެކަނި ރިސޯޓްތަކަށް ނޫން. ރާއްޖޭގެ އެކިއެކި ސެކްޓަރސްތަކަށް މަސައްކަތްތަކެއް އެބަކުރެވޭ. ބީއެމްއެލް މެދުވެރުކޮށް، އެސްޑީއެފްސީ މެދުވެރިކޮށް އަދި އިންކަމް ސަޕޯޓް މެދުވެރިކޮށް ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އަދި ސެލްޕް އެމްޕްލޯއިޑް ފަރާތްތަކަށްވެސް އެހީތައް ވެދެމުންދަނީ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އިގްތިޞާދު ހުޅުވާލަން މަސައްކަތް ކުރާއިރު ވިޔަފާރިތަކަށް ލުއި ތަކެއް ދީގެން މަސައްކަތްކުރަން ޖެހޭކަމަށެވެ. އެގޮތުގެ މަތިން މިހާތަނަށް އެޅިފައިވާ ފިޔަވަޅުތަކަކީ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ފިޔަވަޅުތައް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ގައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅު ވެފައިވަނީ މިއަހަރުގެ ފަހު ހަ މަސް ދުވަހު ރިސޯޓުތަކުގެ ކުއްޔާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ އެކި ބިންތަކުގެ ކުލިވެސް ދެއްކުން ފަސްކޮށްފައިވާ ކަމަށެވެ. އަދި އެކިއެކި ބޭނުންތަކަށް ފިނޭންސް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ކުލި ދެއްކުންވެސް ފަސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މީގެތެރޭގައި މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ބިންތަކާއި ވިޔަފާރިކުރަން ދޫކޮށްފައިވާ ބިންތައް ހިމެނޭނެ ކަމަށެވެ. އޭގެތެރޭގައި އެކިއެކި އެޕާޓްމަންޓްސް ތަކާއި ވިޔަފާރިކުރަން ދޫކޮށްފައި ހުރި ތަންތަންވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް