ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 16:07
ފިނޭންސް މިނިސްޓަރ އަމީރު؛ ފެނާއި ކަރަންޓުގެ ޑިސްކައުންޓަށް ވެސް ވަނީ ބޮޑު އަދަދުން ހޭދަކޮށްފައި
ފިނޭންސް މިނިސްޓަރ އަމީރު؛ ފެނާއި ކަރަންޓުގެ ޑިސްކައުންޓަށް ވެސް ވަނީ ބޮޑު އަދަދުން ހޭދަކޮށްފައި
ރައީސް އޮފީސް
އިކޮނަމިކް ރިލީފް ޕެކޭޖް
އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މިހާތަނަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފި
 
އެސްޑީއެފްސީ މެދުވެރިކޮށް ބިޒްނަސް އަދި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ދޭ ރިލީފް ޕްކޭޖްގެ ތެރެއިން 640 ފަރާތަކަށް އެޕްރޫވަލް ދީފައިވޭ
 
ބީއެމްއެލް މެދުވެރިކޮށް މިހާތަނަށް 125 ފަރާތަކަށް 145.7 މިލިއަން ރުފިޔާ އަދި 2.5 މިލިއަން ޑޮލަރު ދޫކޮށްފައިވޭ
 
ފެނުގެ ޑިސްކައުންޓްގެ ގޮތުގައި 10.9 މިލިއަން ރުފިޔާ، ކަރަންޓް ޑިސްކައުންޓްގެ ގޮތުގައި 49.7 މިލިއަން ރުފިޔާ ދީފައިވޭ

ކޮވިޑް-19 އާއި ގުޅިގެން މާލީގޮތުން އެކި ގޮންޖެހުންތަކާއި ދިމާވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން މިހާތަނަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ބޭންކްތައް މެދުވެރިކޮށް ދީފައިވާ އެހީތަކުގެ ނުވަތަ ލޯނުތަކުގެ ތަފުސީލުތައް ހާމަކޮށްފަ އެވެ.

މިނިސްޓަރ ވިދާޅުވީ ފެނުގެ ޑިސްކައުންޓްގެ ގޮތުގައި 10.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި، މިއީ ކޮންމެ ގެއެއްގެ ބިލުން އެވްރެޖްކޮށް 235 ރުފިޔާގެ ޑިސްކައުންޓެއް ކަމަށެވެ. ކަރަންޓް ޑިސްކައުންޓްގެ ގޮތުގައި 49.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ އިރު، އެއީ ކޮންމެ ބިލަކުން އެވްރެޖްކޮށް 537 ރުފިޔާ އެެވެ.

އެގޮތުން ބީއެމްއެލް މެދުވެރިކޮށް ދޭ ލޯނުގެ ދަށުން 10 މިލިއަންގެ ރެވެނިއު ހުރި ފަރާތްތަކާއި އަދި ރިސޯޓުތަކަށް ދޭ ރިލީސް ޕެކޭޖުގެ ތެރެއިން މިހާތަނަށް 125 ފަރާތަކަށް 145.7 މިލިއަން ރުފިޔާ އަދި 2.5 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަދި މި ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 159 ފަރާތެއްގެ އެޕްލިކޭޝަން ބަލައިގެންފައިވާ އިރު 14 އެޕްލިކޭޝަނެއް ވަނީ 'ރިޖެކްޓް' ކޮށްފައެވެ. އަދި ޕްރޮސެސިންގެ ގޮތުގައި 140 އެޕްލިކޭޝަން ދައްކައެވެ.

މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ބިޒްނަސް އަދި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ދޭ ރިލީފް ޕްކޭޖުގެ ތެރެއިން 640 ފަރާތަކަށް އެޕްރޫވަލް ދީފައިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

241 ފަރާތަކަށް 22.3 މިލިއަން ރުފިޔާ ވާނީ ދީފައި. ވިޔަފާރި 193 އަދި އަމިއްލަ 48 ފަރާތް،
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އެސްޑީއެފްސީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޖުމުލަ 1680 ހުށަހެޅުން އައިސްފައި ވެއެވެ. އެއީ 319 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ވިޔަފާރިތަކުން ހުށަހަޅާފައި ވަނީ 1046 ހުށަހެޅުން އަދި އަމިއްލަ ފަރާތްތަކުން 634 ހުށަހެޅުން ވަނީ ހުށަހަޅާފަ އެވެ. އަދި 'އެޕްރޫވްޑް' 640 ހުށަހެޅުން ހިމެނޭ އިރު، މީގެ ތެރެއިން 466 ފަރާތަކީ ވިޔަފާރި އަދި 174 އަކީ އަމިއްލަ ފަރާތްތަކެވެ.

އަދި 241 ފަރާތަކަށް އެހީ ފޯރުކޮށްދީފައި ވާއިރު، 193 ފަރާތަކީ ވިޔަފާރި އެވެ. އަދި 48 ފަރާތަކީ އަމިއްލަ ފަރާތްތަކެވެ. މީގެ ތެރެއިން 193 ވިޔަފާރިއަށް 21.2 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އަދި އަމިއްލަ 48 ފަރާތަށް ވަނީ 1.2 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ދަނޑުވެރިކަމުގެ ލޯނަށް 7 ފަރާތަކުން ވާނީ ހުށަހަޅާފައި. އަދި އެޕްރޫވް ދީފައިވާނީ 3 ފަރާތަކަށް. އޭގެ އިތުރުން ކޮމާސްއަށް 548 ފަރާތަކުން ރިލީފް ޕެކޭޖަށް އެޕްލައިކޮށްފައިވާ އިރު އަޅުގަނޑުމެން ވާނީ 257 ފަރާތަކަށް އެޕްރޫވަލްދީ ދޫކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މިނިސްޓަރ އަމީރު ވިދާޅުވީ ރިލީފް ޕެކޭޖަށް 217 އަންހެނުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 84 މީހަކަށް ރިލީފް ޕެކޭޖް ދީފައިވާ ކަމަށާއި، އެއީ 14.3 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް