ހޮނިހިރު 23 ޖެނުއަރީ 2021
5 ހުވަން
1442 ޖުމާދުލް އާހިރަތު 09
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
އިރުއޮއްސޭ 18:17
އިޝާ 19:33
ރައީސް ޔާމީންގެ ވެރިކަން

ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވިނަމަ...!

  • އޭރު ވެރިކަން ކުރެއްވިގޮތުން މިއަދު ކަންތައް އޮންނާނެ ގޮތް އަންދާޒާ ކުރެވޭ
  • ބަލިމަޑުކަމުން އަރައިގަތުމަށްވުރެ ބޮޑަށް އޮންނާނީ ސިޔާސީ ކުޅިވަރު
  • ޔާމީން ވެރިކަމުގައި މިއަދު ހުންނެވިނަމަ ދައުލަތުގެ ޚަޒާނާ އޮންނާނެ ގޮތް ސިފަކުރަން ދަތި

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 08:06 | 21,538

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރައީސް އޮފީސް

ކޮވިޑް-19 އައުމުގެ ކުރިންވެސް، ގައުމުގައި ކަމެއް ހިނގާއިރަށް، އެކަމަކާ ގުޅުވައި ރައީސް ޔާމީން ދޫކޮށްލަން ގޮވާލަމުން ދިޔައެވެ. ކޮވިޑް-19 ފެތުރެން ފެށުމުން އިދިކޮޅު ފަރާތްތައް ޔާމީން މިނިވަންކުރަން ގޮވާލާ، އުޅެން ފެށި ގޮތުން ހީވީ ޔާމީނަކީ މިބަލީގެ ވެކްސިންހެންނެވެ.

ޔާމީން ހުންނެވިނަމަ ރާއްޖޭގައި ކޮވިޑް-19 ނުފެތުރޭނެކަމަށް އެމީހުން ބުނަމުން ދާއިރު، މުޅި ދުނިޔޭގައި މިބަލި މިފެތުރެނީ ޔާމީން ޖަލުގައި ހުންނަވައިގެން ހެން ހީވެއެވެ. އެކަމަކު ޔާމީން މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވިނަމަ ކަންތައްވާނެ ގޮތް ހިތަށް ގެންނަން އެހާ ދައްޗެއް ނޫނެވެ.

2013 ވަނަ އަހަރު ވެރިކަމަށް ވަޑައިތީއްސުރެ، 2018 ވަނަ އަހަރު ރައްޔިތުން ނިކުމެ ވެރިކަމުން ދުރުކުރަން ދެން ކަންތައް ކުރެއްވި ގޮތް ރައްޔިތުން އަދިވެސް ހަނދާން އެބަހުއްޓެވެ. މިއަދު ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ މީޑިއާގެ މިނިވަންކަން އޮންނާނީ ކިހިނެއްތޯ އެވެ؟

މިއަދުގެ ސަރުކާރުން ރައްޔިތުންގެ ނުރުހުންވުން ލިބުނަސް ފޮރުވުމެއް ނެތި ހުރިހާ މައުލޫމާތެއް އެދަނީ ހާމަކުރަމުން ނެވެ. މީޑިއާތަކުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެދަނީ އެކަމާ ބެހޭ ގޮތުން ބޭނުން ސުވާލެއް ކުރަމުންނެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ މިހާ ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވީސްތޯ އެވެ؟

ރައީސް ޔާމީންގެ މޮޅުކަމުން ރާއްޖެއަށް ކޮވިޑް-19 ނައިސް ހިފެހެއްޓިއްޖެކަމަށް ދައްކަން ހަދައިގެން އެތައް ބައެއްގެ ފުރާނަ ނުދަނީސް ކޮވިޑް-19 ރާއްޖެއަށް އައިކަން އިއުލާން ކުރާނެތޯ އެވެ؟ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު މީޑިއާއަކުން ސުވާލެއް އުފައްދައިފިނަމަ އެ މީޑިއާއަކާ ދެކޮޅަށް ފިޔަވަޅު އަޅައި، މީޑިއާތައް ބަންދުކުރަން ނުފަށާނެތޯ އެވެ؟

ރައީސް ޔާމީން ވެރިކަމުގައި މިއަދު ހުންނެވިނަމަ ކޮވިޑް-19 އާ ބެހޭ ގޮތުން ކޮންމެވެސް މީހަކު ބުނި ވާހަކައެއް ޓީވީއިން ގެނެސްދިނީތީ މިއަދު ރާއްޖެ ޓީވީގެ ނޫސްވެރިން ތިބެން ޖެހޭނީ އަނެއްކާވެސް ފަންޑު ފޮށި ހުޅުވައިގެންނެވެ. މީޑިއާތައް ތިބޭނީ ބިރުވެރިކަމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމާފައި ގެއަށްދާ މަގުމަތީގައި މަގުމަތިން ނޫސްވެރިންނަށް ބިރު ދެއްކުން އޮންނާނީ އިންތިހާގަ އެވެ.

ދެން މިހާރު މިދެކެވޭ ވާހަކަޔަކީ ޕެންޝަން ފަންޑުގެ ވާހަކަ އެވެ. ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގަންވީ ކަމަށް ބުނަމުން ދާއިރު، މިވާހަކަ މިދައްކަނީ އެއް ޒަމާނެއްގައި އިގްތިސާދީ މާހިރުންނަށްވެ، މުޅި ގައުމު ދަރަނިވެރި ކުރި ގްރޫޕެވެ. ރާއްޖެއަށް އެހީދޭ ބޭރުގެ ގިނަ ގައުމުތަކުން ވެސް ކޮވިޑް-19ގެ ސަބަބުން އިގްތިސާދީ ހީނަރުކަމަކާ ދިމާއަށް މިސްރާބު ޖަހާފާއި ވާއިރު، ޔާމީންގެ ސަރުކާރަކީ ދެން ވާނެ ގޮތެއް ނުބަލާ މިފަދަ ކަންކަމުގައި ފިޔަވަޅު އަޅަން ފަރިތަ ސަރުކާރެކެވެ. ބޭރުން ލިބޭ އެހީ މަޑުޖެހުމާއެކު ވަގުތުން ދެން އަތް ބާނާނީ ޕެންޝަން ފަންޑަށެވެ. މާދަމާ ވާނެ ގޮތެއް ބެލުމެއް ނެތެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއިން ވެސް އަލަށް ފެނު ބައްޔެކެވެ. ބައްޔަށް އަދިވެސް ބޭހެއް ހޯދިފައި ނުވާއިރު އެކްސްޕެރިމެންޓް ކުރާ އެތައް ބޭހެއް އެބަހުއްޓެވެ. މިދޭތެރެއަކުން އިންޑިއާއިން އެޗްސީކިއު ކިޔާ މެލޭރިޔާ ބަލީގެ ބޭހަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ ބޭހެއްކަމަށް ބައެއް ސައިންސްވެރިން ބުނަން ފެށިއެވެ. ޔަގީންކަމެއް އެކަމުގައި ނެތްނަމަވެސް، އެބޭހަކީ ހަގީގަތުގައިވެސް ބޭނުން ކުރެވިދާނެ ބޭހެއްކަމަށް ވެދާނެކަމަށް ބަލައި، ބޭސް ހޯދުމަށް ސަރުކާރުން ނިންމާ، އެ ބޭސް ހޯދިއެވެ. އެހެން ނަމަވެސް އެއީ ޔަގީންކަން ނެތް ބޭހަކަށް ވާތީ ބޭސް ބޭނުމެއް ނުކުރެއެވެ.

އެހެންނަމަވެސް، މިއަދު ޔާމީން ވެރިކަމުގައި ހުންނެވިނަމަ މަޖިލިސް މެންބަރުން ގޮވައިގެން 'ފަސްޓްލޭޑީ' އުޅުއްވާނީ އެބޭސް ރަށު ތެރޭގައި ބައްސަވާށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް މަތިން ހަނދާނެއް ނުހުންނާނެ އެވެ. ބަލީގެ ނުރައްކާތެރިކަމަށް ވުރެ ބޮޑަށް އޮންނާނީ ފޮޓޯ ނެގުމާ، މެޑަމް ރުއްސުމެވެ.

މިއަދު އޮތީ ޕީޕީއެމްގެ ސަރުކާރެއް ނަމަ 'ލޮކް ޑައުން' ކުރުމުގެ ކުރިން ޕީޕީއެމްގެ ވެރިންނަށް ޕީޖީ ލީޑަރު ލޮކްޑައުން ކުރާކަން އަންގައި، ގެއަށް ގަންނަން ބޭނުންވާ ހުރިހާ އެއްޗެއް ހަމަކުރަން އިރުޝާދު ދޭނެއެވެ. ނިކަމެތި ރައްޔިތު މީހާއަށް ވާނުވާ އެނގުމުގެ ކުރިން ސަރުކާރުގެ އިސްވެރިންނަށް ބޭނުންވާ ހުރިހާ އެއްޗެހި ގަނެ، ފިހާރަތަކުގެ ހަރުތަކަށް ވަރުއަރުވާލާނެކަން އެއީ ލަފާކޮށްފައި ބުނަން ފަސޭހަ ވާހަކައެކެވެ.

ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވި ނަމަ ލޮކްޑައުން އާއި ގުޅިގެން ގައުމުގެ ޚަޒާނާއަށް ވާނެގޮތާއި، ދައުލަތަށް ލިބޭ އެހީއަށް ވާނެ ގޮތް އެއީ ޚިޔާލަށް ގެންނަން އުނދަގޫ ކަންތަކެއް ނޫނެވެ. މިނިވަން 50 އާއި، މާލެ ފެނަށް ޖެހުނު ޙާދިސާ ފަދަ ކަންކަމުން އެކަންކަން ދާނެ ގޮތް ހިތަށް ގެނެވެއެވެ. އައިސޮލޭޝަން ފެސިލިޓީތައް ހަދަން ނަގާ ފައިސާއިން ސަދަގާތު ފައުންޑޭޝަނަށް ބައި އަޅާނީ ކިހާ އަދަދަކުން ކަމެއް ހިތަށްވެސް ނުގަނެވެ އެވެ. ކޮވިޑް-19 އަށް ސަދަގާތު ފައުންޑޭޝަނުގެ އެހީގައި ފަރުވާދޭން ފަށައި، ފަހުން ބަލާލާއިރު އެސްޓީއޯ އާއި އެޗްޑީސީ ފަދަ ކުންފުނިތައް އެއްކޮށް ހުސްކޮށްލާފައި ހުންނާނެކަމަށް ބެލެވެ އެވެ.

ރައީސް ޔާމީނުގެ އެކަހެރި ޚާރިޖީ ސިޔާސަތުގެ ތެރެއިން ޗައިނާ އާއި ސައޫދީއާއި އެކަނި ގުޅުން ބަދަހިކުރަމުން ދިޔައިރު، މި ހާލަތުގައި އެ ދެގައުމަށް އެކަނި ބުރަ ވާން ޖެހިއްޖެނަމަ ދެން ހަދާނެ ގޮތް ވިސްނާށެވެ. އެ ދެގައުމުންވެސް ކޮވިޑާ ދެކޮޅަށް މަސައްކަތްކުރަމުން ދިޔައިރު، ރާއްޖެއަށް އެހީވާނެ ވަގުތަކާ ވަސީލަތެއް ނެތެވެ.

ޔާމީން ވެރިކަމުގައި ހުންނެވިނަމަ މިއަދު ރާއްޖެއަށް އެހީވާން ޗައިނާއިން އަންނާނެކަމަށް ބުނި ނަމަވެސް، އެކަން އެގޮތަށް ނުހިނގާނެކަން މާލެ ފެނަށް ޖެހުނު ދުވަހުވެސް އެވަނީ ސާބިތުވެފަ އެވެ. ޗައިނާއަށްވުރެ ކުރިން އެދުވަހު ވެސް ވަގުތުން އެހީ ހިފައިގެން އައީ އިންޑިއާގެ މަނަވަރުތަކެވެ. އެމަނަވަރުތަކުން ފެން ގެނެސްދިން އިރު، ކަންތައް ހަމަޔަކަށް އެޅެންދެން މެދުނުކެނޑި އިންޑިއާއިން ދިޔައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމައޭ ބައެއް ފަރާތްތަކުން ބުނާތީ އެމަނިކުފާނު ހުންނެވިނަމަ ކަންތައް ވާނެ ގޮތާމެދު ވިސްނާލުމުން ހިތަށް ގެނެވުނު ދެތިން ކަމެއް ހަމަ ހިމަނާލީ އެވެ. ނެތްކަން ނަސީބެކޭ ވެސް ހިތަށް އަރާ ނޫންތޯ އެވެ؟

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.