އަންގާރަ 26 ޖެނުއަރީ 2021
8 ހުވަން
1442 ޖުމާދުލް އާހިރަތު 12
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ކަރަންޓީން ފެސިލިޓީސް އަށް މީހުން ފޮނުވުން

ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް އިތުރު 413 މީހަކު ގެންގޮސްފި: މަބްރޫކް

  • ހުކުރު ދުވަހު 413 މީހަކު ބަދަލުކުރެވިފައިވޭ
  • ޖުމްލަ 1558 މީހުން މިހާރު ޓްރާންސިޓް ކަރަންޓީންގައި އެބަތިބި
  • މެއި މަހުގެ 24ގެ ކުރިން މަދުވެގެން 1800 މީހުން ރަށަށް ފޮނުވުމަށްޓަކައި ކަރަންޓީން ކުރެވޭނެ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 01:59 | 5,201

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ - އެންއީއޯސީ

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އިތުރު 413 މީހަކު "ޓްރާންސިޓް ކަރަންޓީން ފެސިލިޓީސް" އަށް ގެންގޮސްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ، ހުކުރު ދުވަހު ޓްރާންސިޓް ކަރަންޓީން ފެސިލިޓީސްތަކަށް 413 މީހަކު ގެންގޮސްފައިވާކަމަށާއި ޖުމްލަ 1558 މީހުން މިހާރު ޓްރާންސިޓް ކަރަންޓީންގައި އެބަތިބި ކަމަށެވެ.

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ދިއުމުގެ ކުރިން ކަރަންޓީން ވުމަށް "ޓްރާންސިޓް ކަރަންޓީން ފެސިލިޓީސް" ގެ ގޮތުގައި ޖުމުލަ 7 ރިސޯޓެއް އަންނަނީ ބޭނުން ކުރަމުންނެވެ. ޓްރާންސިޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި އައްޑޫ، ދ، ޅ، އަދި ރ އަތޮޅުގައި ވާ ރިސޯޓުތަކެއް ދަނީ ބޭނުން ކުރަމުންނެވެ.

ހދ، ފ، އަދި މ އަތޮޅުން 3 ރިސޯޓު ވަނީ ހަމަޖެހިފަ އެވެ. އެއީ ހދ. އަތޮޅުން ހޮނޑާފުށި އައިލެންޑް ރިސޯޓު، ފ. އަތޮޅުން ފިލިތެޔޮ އައިލެންޑް ރިސޯޓު އަދި މ. އަތޮޅުން މެދުފުށި އައިލެންޑް ރިސޯޓެވެ. އައްޑޫ ސިޓީގައި ހެރެތެރެ އައިލެންޑް ރިސޯޓު ހަމަޖައްސާފައި ވާއިރު، ދ. އަތޮޅުން ސަން އަކުއާ އިރުވެލި، ޅ. އަތޮޅުން ފުށިފަރު މޯލްޑިވްސް އަދި ރ. އަތޮޅުން ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ ވަނީ ހަމަޖައްސާފަ އެވެ.

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގައި ލަސްތަކެއް އުޅެނީ ވަޞީލަތްތައް ނެތިގެން ނޫންކަމަށާއި، ބަލިމަޑުކަމެއްގެ ތެރޭގައި 'ރިސްކް' ނަގަން ބޭނުން ނުވާތީ ކަމަށް ސަރުކާރުން މީގެކުރިންވެސް ވަނީ ފާހަގަކޮށްފަ އެވެ. މިހާރު ރާއްޖޭގެ ހާލަތު ބަދަލުވެ، އަންނަނީ ގިނަ ލުއި ތަކެއް ދެމުންނެވެ. އެގޮތުން، މޮނީޓަރިންގ ހާލަތައް ނުލާ، ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފަަ އެވެ.

ސަރުކާރުގެ މައިގަނޑު ޢަމާޒަކީ އަތޮޅުތެރެއަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުން ކަމަށް ވާއިރު، ރަށަށް ދާން ބޭނުންވާ މީހެއްގެ ފުށުން އެ ބަލި ރަށުތެރޭގައި ފެތުރިއްޖެ ނަމަ، ރަށުގައި ދިރިއުޅޭ އެންމެން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.