ކ. މާލެ
|
22 މެއި 2020 | ހުކުރު 12:53
(ކ) އަކްޝޭ ކުމާރު، އަޖޭ ދޭވްގަން އަދި ވިކީ ކައުޝަލް
(ކ) އަކްޝޭ ކުމާރު، އަޖޭ ދޭވްގަން އަދި ވިކީ ކައުޝަލް
ބޮލީވުޑް ލައިފް
ބޮލީވުޑްގައި ނިކުންނަން ހުރި ފިލްމުތައް
ލޮކްޑައުން ނިމުމުން އެންމެ އަވަހަށް ނިކުންނަން އޮތީ ކޮން ތަރިންގެ ފިލްމުތަކެއްކަން އެނގޭތަ؟
 
ކުރިޔަށް ނިކުންނަން ހުރި ފިލްމުތައް ނިކުންނާނީ އިންޑިޔާގެ ލޮކްޑައުން އަށް ފަހު
 
ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ޝެޑިޔުލްތައް ވަނީ ފަސްކޮށްފަ

ކޮވިޑް-19 އާ ގުޅިގެން ބެލުންތެރިންނާ ހަމައަށް އައު ފިލްމެއް އަދި އައު ލަވައެއް ބަލާލުމުގެ ފުރުސަތެއް ނެތެވެ. ކުރިޔަށް ނިކުންނަށް ހުރި ފިލްމުތައް އެޅުވުން ފަސްކޮށްފައި ވާއިރު ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ޝެޑިޔުލްތައްވެސް ވަނީ ފަސްކޮށްފަ އެވެ. މި އަހަރު ގިނަ ފިލްމުތަކެއް ނިކުންނަން ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް ފިލްމުތައް ބެލުންތެރިންނާ ހަމައަށް އަންނަވަރު ވާނީ އިންޑިއާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އެގައުމު ލޮކްޑައުންކޮށްފައި އޮތް އޮތުން ނިމުމަކަށް އައިސްގެންނެވެ.

އެހެންކަމުން މިބަލާލަނީ ލޮކްޑައުން ނިމުމާއެކު ބެލުންތެރިންނާ އެންމެ އަވަހަށް ބައްދަލުކުރާނެ ތަރިންނާއި އެތަރިން ކުޅެފައިވާ ފިލްމުތަކަށެވެ.

އަކްޝޭ ކުމާރު:

ބޮލީވުޑްގެ ކިލާޅީގެ ނަމުން މަޝްހޫރުވެފައިވާ އަކްޝޭގެ ދެތިން ހަތަރު ފިލްމެއް ކޮންމެ އަހަރަކުވެސް އޭނާގެ ފޭނުންނަށް ފެނިގެންދާނެ އެވެ. އެހެންނަމަވެސް މިއަހަރު އޭނާގެ ހަ ފިލްމެއް ނިކުތުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ހިމެނޭ އެއް ފިލްމަކީ ކެޓްރީނާ ކައިފް އާއެކު އަކްޝޭ ކުޅެފައިވާ ރޯހިތު ޝެޓީގެ ސޫރިޔާވަންޝީ އެވެ. ދެން ރާގަވާ ލޯރެންސް ލަކްޝްމީ ބޮމްބް އެވެ. މި ދެ ފިލްމަކީ ވައިރަސް އާ ގުޅިގެން އެޅުވުން ފަސް ކުރި ދެ ފިލްމެވެ. ދެން އޮތް އަކްޝޭގެ ފިލްމަކީ މިސް ވަރލްޑް މަނޫޝީ ޗިލާރް އަލަށް ފިލްމީ ދާއިރާއަށް ނެރެދޭ ފިލްމު ޕްރިތްވިރާޖް އެވެ. ސާޖިދު ނަޑައިވާލާގެ ބަޗަން ޕަންޑޭ އަކީވެސް އަކްޝޭގެ ކުރިޔަށް ނިކުންނަން އޮތް ފިލްމެކެވެ. މީގެއިތުރުން ސާރާ އަލީ ޚާން އާއި ދަނުޝް އާއެކު ފެނިގެންދާނެ އަތްރަންގީ އަކީ އަކްޝޭގެ ފިލްމުތަކުގެ ތެރެއިން މިއަހަރު ނިކުންނަން ހަމަޖެހިފައިވާ ފިލްމެކެވެ.

އަޖޭ ދޭވްގަން:

ބޮލީވުޑްގެ ސިންހަމްގެ ގޮތުގައި މަޝްހޫރުވެފައިވާ އަޖޭ ގެ 5 ފިލްމެއް މިއަހަރު ނިކުތުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި ހިމެނެނީ ބަޖް:ދަ ޕްރައިޑް އޮފް އިންޑިޔާ އާއި މައިދާން އަދި އާރުއާރުއާރު ގެ އިތުރުން ޗަނަކްޔާ އަދި މަޝްހޫރު ގޯލްމާލް ފިލްމު ސީރީޒްގެ ފަސް ވަނަ ފިލްމެވެ.

ވިކީ ކައުޝަލް:

އޫރީން ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދިޔަ ވިކީގެ ހަތަރު ފިލްމެއް މިއަހަރު ނިކުތުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ހިމެނެނީ އުދަމް ސިން އާއި މަނެކްޝޯވ އާއި އޫރީ ހެލްމަރ ގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ހިމަނައިގެން ކަރަން ޖޯހަރް އުފައްދާ ޑްރާމާ ތަޚުތު އެވެ.

އާލިއާ ބަޓް:

ހައިވޭ، ގަލީ ބޯއީ ، އުޅުތާ ޕަންޖާބު ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލުކަމެއް ހޯދި އާލިއާ ބަޓްގެ ފަސް ފިލްމެއް މިއަހަރު ނެރެން ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ހިމެނެނީ އާލިއާ ގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓް ކުރާ ސަޑަކް ދޭއް، އާރުއާރުއާރު، ގަންގޫބައި، ކަތިވަޑި އަދި ކަރަން ޖޯހަރް ގެ ތަޚުތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް