ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 21:18
ބޯންމަތުގެ މިޑްފީލްޑަރު ޖޯޑަން އައިބް: އައިބްގެ މައްސަލަ ބޯންމަތުން އަންނަނީ ބަލަމުން
ބޯންމަތުގެ މިޑްފީލްޑަރު ޖޯޑަން އައިބް: އައިބްގެ މައްސަލަ ބޯންމަތުން އަންނަނީ ބަލަމުން
ގެޓީ އިމޭޖަސް
ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވުން
ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވުމުން ޖޯޑަން އައިބަށް ފިޔަވަޅު އަޅަނީ
 
އެ މައްސަލަ ބޯންމަތުން ބަލަމުން އަންނައިރު، އޭނާ އަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައި
 
އައިބް ގަވާއިދާ ޚީލާފުވީ ބޯކޮށަން އޭނާގެ ސްޓައިލިސްޓާ ބައްދަލުކުރުމުން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވުމުން ބޯންމަތުގެ މިޑްފީލްޑަރު ޖޯޑަން އައިބަށް ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ބޯކޮށާ ތަންތަން ހުޅުވުން މަނާ ކޮށްފައެވެ. އަދި ސްޓައިލިސްޓުން މީހުންގެ ގޭގެއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފައެވެ.

އެކަމަކު ޖޯޑަން އައިބް ވަނީ އޭނާގެ ސްޓައިލިސްޓާ ބައްދަލުކޮށް ބޯކޮށާފައެވެ. އަދި ބޯކޮށުމަށްފަހު ސްޓައިލިސްޓާއެކު ނަގާފައިވާ ފޮޓޯއެއް އައިބް ވަނީ އިންސްޓާގްރާމްގައި ހިއްސާ ކޮށްފައެވެ. އެކަމަކު ފަހުން އޭނާ ވަނީ އެ ފޮޓޯ ޑިލީޓް ކޮށްފައެވެ.

އެ އާއެކު ބޯންމަތުން ވަނީ އައިބް ގަވާއިދާ ޚިލާފުވި މައްސަލަ ބަލަން ފަށާފައެވެ. އެ ކްލަބުން ބުނީ އައިބްގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، ގަވާއިދާ ޚިލާފުވުމުން އޭނާ އަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އައިބްގެ މައްސަލަ ބޯންމަތުން ބަލަމުން އަންނައިރު، އެ ކްލަބުން ފެށި ތަމްރީނުތަކުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. މިދިޔަ އަންގާރަ ދުވަހު ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފަށާފައެވެ.

އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ މީގެކުރިން ޚިލާފުވި ކުޅުންތެރިންނާއި ކޯޗުން:

  1. ދެ ފަހަރެއްގެ މަތިން ގަވާއިދާ ޚީލާފުވުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ވަނީ ނިންމާފައި
  2. އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދުތަކާ ޚިލާފަށް އަމަލުކުރުމުން، އާސެނަލްގެ ހުރިހާ ކުޅުންތެރިންނަށް ވަނީ ނަސޭހަތް ދީފައި
  3. ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި އެޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފު އަމަލުތައް ފެނުމުން ވަނީ މާފަށް އެދިފައި
  4. ލޮކްޑައުން ގަވާއިދުތަކާ ތިންވަނަ ފަހަރަށް ޚިލާފުވުމުން ސާޖް އޯރިއޭގެ މައްސަލަ ބަލަން ޓޮޓެންހަމުން ވަނީ ނިންމާފައި
  5. ހޯމް-އައިސޮލޭޝަންގެ ގަވައިދާ ޚިލާފުވުމުން ޗެލްސީން ވަނީ އެޓީމުގެ މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައި
  6. ގަވާއިދުތަކާ ޚިލާފަށް މޮއިސް ކީން ޕާޓީއެއް ބޭއްވުމުން، އޭނާ އަށް ފިޔަވަޅު އަޅަން އެވަޓަން އިން ވަނީ ނިންމާފައި
  7. ލޮކްޑައުން ގަވާއިދާ ޚިލާފުވުމުން އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ވަނީ މާފަށް އެދިފައި
  8. ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވުމުން މިޑްފީލްޑަރު މޯގަން ގިބްސް-ވައިޓް އަށް ފިޔަވަޅު އަޅަން ވުލްވްސް އިން ނިންމައިފި
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް