ކ. މާލެ
|
20 މެއި 2020 | ބުދަ 15:47
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، ދަނި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، ދަނި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން
ރާއްޖެއެމްވީ
އެމްޓީސީސީގެ ފައިދާ
އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެ
 
ކޮވިޑް-19އާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ
 
ފުރަތަމަ ކުއާޓާރގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގިފައިވޭ
 
މިއަހަރު ފުރަތަމަ ކުއާޓަރގައި 353.54 މިލިއަން ރުފިޔާގެ ލިބިފައިވޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ށް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައ ސާފު ފައިދާގެ ގޮތުގައ 62.34 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީއން ބުނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއާ އަޅާބަލާއިރު %310.54 އިތުރު ޢަދަދެއް ކަމަށާއި، ކުންފުނީގެ މިއަހަރު ފުރަތަމަ ކުއާޓަރުގައ 353.54 މިލިއަން ރުފިޔާގެ ލިބިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރާ އަޅާބަލާއިރު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައ ކުރެވުނު ވިޔަފާރި 6.30- އިންސައްތައިން އަދި ޖުމުލަ ފައިދާ (ގްރޮސް ޕްރޮފިޓް) 7.53- އިންސައްތައިން ދަށްވެފައި ވީނަމަވެސް، 2020 ވަނަ އަހަރު ކުންފުނީގެ ހިންގުމަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަ ކުރެވި، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައ 62.34 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށެވެ.

މި ޢަދަދަކީ 2019 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައ ރިކޯޑުކުރެވުނު ސާފު ފައިދާއާއި އަޅާބަލާއިރު %55.17 އިތުރު ޢަދަދެއް ކަމަށާއި، މިނަތީޖާއާ އެކު 2019ވަނަ އަހަރު ހަތަރުވަނަ ކުއާޓަރުގައ ހިއްސާއަކަށް ޖެހުނު ޢާމްދަނީގެ ޢަދަދު 3.83 ރުފިޔާއިން 6.50 ރުފިޔާ ލިބިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައ ޙާޞިލުކޮށްފައިވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން އެމްޓީސީސީން ބުނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓަރުގައި ޢަމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބު ކަމާއެކު ހިންގާފައިވާ ކަމަށެވެ.

އެގޮތުން 53 މަޝްރޫޢެއްގައި މަސައްކަތް ކުރެވި 4 މަޝްރޫޢެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އެމްޓީސީސީން 11 ރަށަކަށް ވަނީ މި ކުއާޓަރުގައ ތެރޭގައި މޮބިލައިޒް ކުރެވިފައިވާ ކަމަށާއި، ކުންފުނީގެ ޢާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް ޢަމާޒުކޮށް ތަފާތު އެކި މަރކެޓިން ޙަރަކާތްތަކެއް ވެސް މި ކުއާޓާރުގެ ތެރޭގައި ހިންގިފައިވާ ކަމަށެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރަށްރަށުގެ މުޖުތަމަޢުތަކައް ވެސް ކުންފުނީގެ ޢާންމު އިޖުތިމާޢީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަޓްތަކެއް ކޮށްދީފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން، އެމްޓީސީސީން ކޮވިޑް-19ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް ކުންފުނިން އެކުލަވާލާ، ޙާލަތު ބަދަލުވަމުންދާ މިންވަރަށް ރިޢާޔަތްކޮށް މުރާޖަޢާ ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީން ބުނީ ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް މިއަހަރުގެ ކުރިއަށް އޮތް ބައިގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިޔަފާރިތަކަށް މި ޙާލަތުގައި ގެންނަން ޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤުޞަދުތައް ޙާޞިލުކުރުމަށް ޙިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން ހިއްސާދާރުންނަށް އަރުވާ ކަމަށެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިޞްލާޙު ކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމަށެވެ. އަދި އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ހިއްސާދާރުންނާއި މުޖުތަމަޢަށް ނަފާ ލިބޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެމްޓިސީސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް