ކ. މާލެ
|
17 މެއި 2020 | އާދީއްތަ 22:29
ޛުދްލީނާ ކުރިން ކޭކް އެޅުމުގެ މަސައްކަތް ކުރި ނަމަވެސް، ލޮކްޑައުންއާއެކު އެ މަސައްކަތް މުޅިން ހުއްޓިގެން ދިޔަ
ޛުދްލީނާ ކުރިން ކޭކް އެޅުމުގެ މަސައްކަތް ކުރި ނަމަވެސް، ލޮކްޑައުންއާއެކު އެ މަސައްކަތް މުޅިން ހުއްޓިގެން ދިޔަ
ރާއްޖެއެމްވީ
ގޭގައި ތިބެގެން އާމްދަނީ ހޯދުން
ކުރިން އެޅީ ކޭކު، މިހާރު ފަހަނީ މާސްކް
 
މިހާރު ދުވާލަކު 200 މާސްކު ފަހާކަމަށް ޛުދްލީނާ ބުނޭ
 
ކުރިން އެކި ހަފްލާތަކަށް ކޭކުއަޅައިދީ އާމްދަނީ ހޯދަމުން އައި
 
މިއަދާ ހަމައަށް 3500 އަށްވުރެ ގިނަ މާސްކު ފަހާފައިވޭ

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މިވަނީ އެތަކެއް ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިސްފަ އެވެ. ރާއްޖޭގެ ވެރިކަން ކުރަމުން އަންނަ މާލޭ ސިޓީން މި ނުރައްކާތެރި ބައްޔަށް މީހަކު ފައްސިވި ހިސާބުން ރާއްޖޭގައި މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މާލޭ ސަރަހައްދު ފުރަބަންދު ކޮށްފަ އެވެ.

މިކަމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި މިވަނީ ގޭތެރޭގައި ދަރިން ބަލަމުން އަމިއްލަ މަސައްކަތް ކުރަމުންދާ ފަރާތްތަކަށެވެ. އެގޮތުން ފެހުމާއި، ކޭކުއެޅުމާއި، އެކި އެކި ހަފްލާތަކަށް ކާބޯތަކެތި ހަދަމުންދިޔަ ފަރާތްތަކާއި އަދި އެހެނިހެން މަސައްކަތްތައް ކުރަމުންދާ ފަރާތްތަކަށް މިވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ލާންޖެހިފަ އެވެ.

2010 ވަނަ އަހަރުން ފެށިގެން ކޭކުއެޅުމުގެ ދާއިރާއިން ގިނަގުނަ ހިދުމަތްތަކެއް ކުރަމުންދާ ފަރާތެއް ކަމަށްވާ ޛުދްލީނާ ޒައީމް އަކީ ކޭކުއެޅުމުގެ އެކި ކޯސްތައް ބާއްވާ އެކި ހަފްލާތަކަށް ކޭކުއަޅައިދީ އާމްދަނީ ހޯދަމުން އަންނަ ފަރާތެކެވެ. މާލެ ސަރަހައްދު ފުރަބަންދު ކުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް އެކީހެން ހުއްޓުމަކަށް އައި ނަމަވެސް، ގޭގައި އިނދެގެން އާމްދަނީ ލިބޭނެ ގޮތެއް މިހާރު މި ހީވާގި ޒުވާނާ ވަނީ ހޯދާފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރުތެރޭގައި އުޅޭއިރު އެންމެންވެސް މާސްކް އެޅުމަށް ސިއްޙީ މާހިރުން އިލްތިމާސް ކުރަމުންދާއިރު، މާސްކު ލިބުމުގެ ދަތިކަމާއި، އެއްފަހަރު ބޭނުންކޮށްފައި މާސްކް އެއްލާލަން ޖެހުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ މީހުން ފާޅު ކުރެއެވެ. އެގޮތުން އެކަމަށް ޙައްލެއް ގެނައުމުގެ މަޤްސަދުގައި ޛުދްލީނާ މިވަނީ ރީތި ޑިޒައިންތަކުގެ ފޮތި މާސްކް ފަހަން ފަށާފަ އެވެ.

ޛުދްލީނާ ތައްޔާރުކޮށްފައިވާ މާސްކް ތަކެއް- އެކި ޑިޒައިންތަކުގެ ފޮތި ބޭނުންކޮށްގެން އޭނާ މާސްކް ފަހާ
ފުރަތަމަ މާސްކެއް ހެދީ ތިމާގެ ކުއްޖަކަށް އެއީ ނަރުހެއް، ދެން އެތާ ވޯކް ކުރަމުންދިޔަ ކުދިންނަށް މާސްކު ހަދައިދިނީ. އެދުވަހު ހިތައް އެރީ މީ ގޭގައި އިނދެގެން ކުރަން ރަގަނޅު މަސައްކަތެކޭ. އެހެންވެ މާސްކު ހަދަން ފެށީ
ޛުދްލީނާ ޒައީމް
ޛުދްލީނާ ފަހާފައިވާ މާސްކްތަކެއް- އޭނާ އަދިވެސް މި މަސައްކަތް ކުރޭ

ޛުދްލީނާ ގެ ހިތްވަރަކަށް އަޒުމަކަށް ބަދަލެއް ނައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް 3500 އަށްވުރެ ގިނަ މާސްކު ފަހައިފި އެވެ. ޛުދްލީނާ ބުނިގޮތުގައި މިހާރު ދުވާލަކު 200 މާސްކު ފެހެ އެވެ. އަދި ގިނައިން ލިބެނީވެސް ކުޑަކުދިންގެ މާސްކު ހެދުމަށެވެ. އެއީ ކުޑަކުދިން ގެ މާސްކު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވާތީކަން އޭނާ ފާހަގަ ކުރި އެވެ.

ޛުދްލީނާ ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަދާފައިވާ މާސްކެއް

މި މާސްކު ތަކަކީ ދޮވެލައިގެން ބޭނުން ކުރެވޭނެ މާސްކްތަކެއްކަން ފާހަގަކޮށް ޛުދްލީނާ ބުނީ، ދުވާލަކު މާސްކެއް ގަތުމަށް ވުރެ ހަރަދުވެސް ކުޑަވާނެ ކަމަށެވެ. މިހާރު ވަރަށް ގިނަ އަތޮޅުތެރޭގެ ރަށްތަކަށް ވެސް ޛުދްލީނާ ވަނީ މާސްކު ފަހައިދީފަ އެވެ. އަދި އުފަންދުވަހުގެ ހަދިޔާއަށް މާސްކު ފަހަން އޯޑަރު ލިބޭކަންވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 200 މާސްކް ފަހާކަމަށް ޛުދްލީނާ ބުނޭ

މި މަސައްކަތުގެ އިތުރުން، ލޮކްޑައުންގައި ގޭގައި ތިބެގެން ކޭކު އެޅުމަށް އެހީތެރިވުމުގެ ގޮތުން ޛުދްލީނާގެ ފޭސްބުކް ޕޭޖުން ހިލޭ ކޭކު އަޅައިދޭގޮތްވެސް ދަނީ ކިޔައިދެމުންނެވެ. "ކޭކްސް ފޯރ އޯލް އޮކޭޝަން (ކޭކްސް ބައި ޒުދޫ)" ނަމުގައި ހިންގާ މި ޕޭޖް މެދުވެރިކޮށް އެ މަސައްކަތުގެ ތަމްރީނުތައް ފޯރުކޮށްދެމުން ގެންދާއިރު، މިއީ ކޮވިޑް-19 ގެ ސަބަބުން ގޭގައި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއް ކަން ޛުދްލީނާ ފާހަގަކުރި އެވެ.

މިއަދު ބޭނުންވަނީ ރާއްޖެ މި ދެކެމުންދާ ވަޅުގަނޑުން އަރައިގަނެވޭނެ ދުވަހެކެވެ. އެކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަން ޖެހެ އެވެ. ގޭގައި ތިބިނަމަވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވިދާނެކަން މިއަދު ޒުވާން ހިތްވަރުގަދަ ޛުދްލީނާވެސް އެވަނީ ސާބިތު ކޮށްދީފަ އެވެ. އޭނާ އެވަނީ އެކަމުގައި ޒުވާނުންނަށް ނަމޫނާ ދައްކައިދީފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
1%
78%
3%
8%
6%
5%
ކޮމެންޓް
18 މެއި 2020 | ހޯމަ 13:02
ކޮވިޑް
މާސްކް އަކީ ހަވީރު ފިންޔަށް އަޅާއެއްޗެއް؟ ތިމާސްކްއިން ކިހާވަރެއްގެ ރައްކާތެރިކަމެއްލިބޭ؟
17 މެއި 2020 | އާދީއްތަ 23:38
މާހިލް
ޒުދޫ މަރުހަބާ ، ތިޔަ ކުރަމުންދާ މަސައްކަތް