ކ. މާލެ
|
17 މެއި 2020 | އާދީއްތަ 09:01
މާލެ ސިޓީގެ ފިހާރައެއް ބޭރުގައި ސޯޝަލް ޑިސްޓޭންސް ގެންގުޅުމަށް މީހުން ތިބެންވީ ތަންތަން ފާހަގަކޮށްފައި
މާލެ ސިޓީގެ ފިހާރައެއް ބޭރުގައި ސޯޝަލް ޑިސްޓޭންސް ގެންގުޅުމަށް މީހުން ތިބެންވީ ތަންތަން ފާހަގަކޮށްފައި
ޓްވިޓަރ
ކޮވިޑް-19 އާއެކު ނިއު ނޯމަލް
ނިއު ނޯމަލް އާއެކު ދިިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް، ފޯނުވެސް އެހެން މީހަކަށް ނުދެވޭނެ
 
އާންމު ދިރިއުޅުމުގައި އެކަކު ގެންގުޅޭ އެއްޗެހި އަނެކަކަށް ދީގެން މިއުޅޭ އުޅުން ވަރަށް ބޮޑަށް ނިއު ނޯމަލްގައި މަދުކުރަން ޖެހޭނެ
 
ނިއު ނޯމަލް އަކަށް ދިޔުމުގެ ކުރިން އެކަމަށްޓަކައި ވަރަށް ޑީޓެއިލް ކޮށް ކަންތައްތައް ކުރަންވީ ގޮތުގެ އެސްއޯޕީތައް އަންނަނީ ހެދެމުން
 
ނިއު ނޯމަލް ދިރިއުޅުން ދެތިން މަހަށް އަދި އެއަށްވުރެވެސް ގިނަ ދުވަހަށް އުޅެން ޖެހިދާނެ

ކޮވިޑް-19 އާއެކު ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް މިވަނީ ބަދަލުތަކެއް އައިސްފަ އެވެ. ލޮކްޑައުން އެއްގައި ތިބެންޖެހުމާއެކު ކުރިން މިނިވަން ކަމާއެކު އުޅެމުންދިޔަ ދިރިއުޅުމެއް މިއަދު އުޅެވޭކަށް ނެތެވެ. ރާއްޖެއަށް ބަލާއިރު މިވަގުތާ ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 ގައި އުޅޭއިރު ދުވާލެއްގައި މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ތައް ވަނީ ގާތްގަޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ވެރިރަށް މާލެ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ފެނުމާއެކު މާލެ ސިޓީ ލޮކްޑައުން ކުރި އެވެ. އަދި ރަށްރަށުގައިވެސް ޕޮޒިޓިވްވާ ކޭސްތައް ފެންނަ ރަށްރަށް ލޮކްޑައުންކޮށް، ކޭސްތަކާއި ގުޅުންހުރި ރަށްރަށް މޮނިޓަރިން އަށް ލައެވެ. މީގެއިތުރުން އެއް ރަށުން އަނެއް ރަށަށްވެސް ހުއްދަ ނެތި ނޭރެއެވެ.

އެއާއެކު ރަށްރަށުގައިވެސް ކުރިން ދިރިއުޅެމުންދިޔަ މިނިވަންކަމާއެކު ހެލިފެލިވެ އުޅުމުގެ ފުރުސަތެއް މިއަދަކު ނެތެވެ. ލޮކްޑައުންގައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މިމަހުގެ 28 އާ ހިސާބަށް އަދިވެސް މާލެ ސިޓީ އޮންނާނީ ލޮކްޑައުންގެ ހާލަތުގަ އެވެ. މިހާރުގެ ހަގީގަތަކީ ކުރިޔަށް އޮތްތަނުގައި ވެސް އުޅެންޖެހޭނީ މިވައިރަސް އާއެކު ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން ދާއިރު އަދި ލުއި ދިނުމަށް މަސައްކަތް ތައްޔާރުވަމުން ދާއިރު ނިއު ނޯމަލްގައި ކަންކުރާނެ އުސޫލުތައް އެކުލަވާލާ އުޅެންވީ ގޮތުގެ އިރުޝާދުތައް އަންނަނީ ދެމުންނެވެ. ރާއްޖެއަށް ބަލާލާއިރު ރާއްޖޭގައި މިވަގުތު އޮތް ލޮކްޑައުން އުވާލުމަށްފަހު ދެން ދިރިއުޅެން ބައްޓަންކުރަން ޖެހޭ ގޮތުގެ އުސޫލުތައް މިހާރު އަންނަނީ އެކުލަވާ ލަމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިންގެ ނިއު ނޯމަލް އާ ގުޅޭގޮތުން ކުރު ޚުލާސާއެއް އެޗްޕީއޭގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ އިބްރާހީމް އަފްޒަލް އަދި ޑރ ނަޒްލާ ރަފީގު ވަނީ ދެއްވާފަ އެވެ.

ޑރ އަފްޒަލް ވިދާޅުވާ ގޮތުންނަމަ ދިވެހިންގެ ނިއު ނޯމަލް ދިރިއުޅުން ދެތިން މަހަށް އަދި އެއަށްވުރެ ވެސް ގިނަ ދުވަހަށް އުޅެންޖެހިދާނެ އެވެ. އެއީ ލޮކްޑައުން އަކުން ނެގުމާއެކު ދެވަނަ ވޭވެއް އައުން ކޮންޓްރޯލް ކުރުމަށްޓަކަ އެވެ. އެހެންކަމުން ނިއު ނޯމަލްގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އެކަމަށްޓަކައި ވަރަށް ތަފުސީލީ ގޮތަކަށް އުސޫލުތައް އެކުލަވާލާ އެކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުކޮށްދޭނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

ނިއު ނޯމަލް އަކަށް ދިޔުމުގެ ކުރިން އެކަމަށްޓަކައި ވަރަށް ޑީޓެއިލް ކޮށް ކަންތައްތައް ކުރަންވީ ގޮތުގެ މާނައަކީ ގޭތެރޭގައި ތިބޭ މީހުންވެސް އަދި މަސައްކަތަށް ނިކުންނަ މީހުންގެ ވެސް ސަރުކާރުގެ މުއައްސަސާތައް ވެސް އޭގެ ވަރަށް ޑީޓެއިލްކޮށް އެސްއޯޕީތަކާއި އެއްޗެހި ހެދެމުންދޭ.
ޑރ އިބްރާހީމް އަފްޒަލް

ނިއު ނޯމަލްގައި ކަންކަން ކުރަންވީ ގޮތުގެ އެސްއޯޕީތައް އެކުލަވާ ލަމުންދިޔަ ނަމަވެސް ދިރިއުޅެމުންދާ ގޮތަށް ބޮޑެތި ބަދަލުތަކެއް ކޮންމެ މީހަކުވެސް އަމިއްލަ އަށް ގެންނަން ޖެހެއެވެ. ޑރ އަފްޒަލް ވިދާޅުވާ ގޮތުން މިހާރު އާންމު ދިރިއުޅުމުގައި އެކަކު ގެންގުޅޭ އެއްޗެހި އަނެކަކަށް ދީގެން މިއުޅޭ އުޅުން ވަރަށް ބޮޑަށް ނިއު ނޯމަލްގައި މަދުކުރަން ޖެހޭނެ އެވެ. އެގޮތުން ފާހަގަކުރެއްވި އެކައްޗަކީ ކޮންމެ މީހެއްގެ އަތުގައިވެެސް 24 ގަޑިއިރު މިއޮންނަ މޯބައިލް ފޯނެވެ. ފޯނު ގެންގުޅޭ އިރު އެކި ބޭނުންތަކަށް އެހެން މީހުންނަށް މިހާރު ފޯނު ދިންނަމަވެސް ކުރިޔަށް އޮތްތަނުގައި އެގޮތަށް އެކަން ނުކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

ފޯނު ގެންގުޅޭއިރު ނިއު ނޯމަލްގައި އެމީހެއްގެ ފޯނު އެމީހަކު ގެންގުޅެންވާނީ. އެއްވެސް މީހަކާއި ހިއްސާއެއް ނުކުރާނެ ފޯނެއް. ޚާއްސަގޮތެއްގައި ކުރެވޭ ކަމެއް ގެންގުޅޭ ފޯނު ކުޑަކުދިންނަށް ދެވުން. އެކުދިން ނަގައިވެސް ފާނެ. އެހެންނަމަވެސް ނިއު ނޯމަލްގައި މަސައްކަތްކުރާއިރު ފޯނު ފަދަ ތަކެތި ވަރަށް ގިނައިން އަތްލާ އެއްޗެއް. އަދި ވަރަށް ސާފުވެސް ނުކުރާނެ ފޯނު. އެހެންވީމާ ރައްކާތެރި ގޮތުގައި ފޯނު ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭނެ.
ޑރ އިބްރާހީމް އަފްޒަލް

މީގެއިތުރުން ފާހާނަ ބޭނުން ކުރާއިރުވެސް ކުރިޔަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އެގޮތުން ފާހާނައަށް ވަންނަ ކޮންމެ ފަހަރަކު ސާފުކުރުމަށް ފަހު ފާހާނަ ބޭނުންކުރުމާއި މިހާރުވެސް އާންމު ދިރިއުޅުމުގެ ތެރެއަށް ހަރުލައްވާފައިވާ އަތްދޮވުމުގެ ކަންކަން ހަމައެގޮތަށް ކުރަންޖެހޭނެ ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. އަދި ބޭރަށް ނިކުމެފައި ވަންނަ ކޮންމެ ފަހަރަކު ހޭންޑް ސެނެޓައިޒަރ ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

ޑރ އަފްޒަލް ވިދާޅުވީ މިހާރުވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ނުވަތަ ބިރުވެރިކަމަކީ ލޮކްޑައުން ނެގުމާއެކު ކުރިންވެސް އުޅުނު ގޮތަށް މަގުމަތީ އާ ތަންތާވެސް އެޅެދާނެތީ ކަމަށާއި އެހެންކަމުން ނިއު ނޯމަލްގައި ކޮންޓްރޯލްތަކެއް ގެންގުޅެން ޖެހޭ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

މީގެއިތުރުން ގޭގައި އުޅޭ ހައިރިސްކް މީހުންނާ މެދުވެސް ޚާއްސަ ގޮތްތަކަށް މުއާމަލާތް ކުރަންޖެހޭ ކަމަަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

ޚާއްސަކޮށް ގޭތެރޭގައި ތިބޭ ހައިރިސްކް މީހުންނާމެދު މުއާމަލާތް ކުރާގޮތް ޖެހޭނެ ވަރަށް ބޮޑަށް ކޮންޓްރޯލްކުރަން. މާނައަކީ ގޭގައި ތިބޭ އެންމެންނަކީ އެމީހުން ޑައިރެކްޓްލީ ކޮންޓެކްޓް ވާ ބަޔަކަށް ވެގެންނުވާނޭ. ޚާއްސަކޮށް އެމީހުންނާ ޑައިރެކްޓްލީ ކޮންޓެކްޓްވާ ބަޔަކީ ވަކިން ބޭރުން އައިއްސަ މިސާލަކަށް އެއްޗެހި ގަންނަންދާ މީހާ ކަމަށް ވެއްޖިއްޔާ އޭނަ ހަގީގަތުގައި ހައިރިސްކު މީހަކަށް އަދި އޭގެ ތެރެއިންވެސް ވަކިން ޚާއްސަކޮށް އުމުރުން 65 އަހަރުން މަތީ މީހެއް ނޫނީ ގިނަ ދުވަސް ވަންދެން ބަލީގައި އުޅޭ މީހެއް ވިއްޔާ އެފަދަ ބަޔަކާއި ކޮންޓެކްޓް ވުމުގެ ކުރިން އެންމެ ރަނގަޅުވާނީ ހަމަ ފެންވެސް ވަރާލައިގެން ބޭރަށް ދިޔަ އަންނައުނުވެސް ބަދަލުކޮށްގެން ކޮންޓެކްޓް ވިއްޔާ. މިއީ ފަސޭހަކަމަކަށް ނުވާނެ ކަންނޭންގެ
ޑރ އިބްރާހީމް އަފްޒަލް

ޑރ ނަޒްލާ ވެސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މީހާއަކީ ގެއިން ނިކުންނަ މީހާއަށް ނުވުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެމީހާއަކީ މާސްކު ފަދަ ތަކެތި އަޅައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ހުންނަ މީހާއަށް ވުން މުހިންމު ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

އަދި ގެއަށް އޯޑަރ ކޮށްގެން ގެންނަ ތަކެތިވެސް ރައްކާތެރިގޮތުގައި ނައްތާލާފައި ބޭނުންކުރުމަށް އިސްކަން ދޭންޖެހޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. މީގެއިތުރުން އެއްވެސް ތާކު ކިޔުއެއް ހެދޭނަމަ އެތަނެއްގައި ސޯޝަލް ޑިސްޓެންސް ގެންގުޅެން ޖެހޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ޑރ އަފްޒަލް ވިދާޅުވާ ގޮތުންނަމަ ފިހާރައަށް ގޮސް ސޯޝަލް ޑިސްޓެންސް ނުވަތަ އިޖުތިމާޢީ ގައިދުރުކަން ކުރިޔަށް އޮތްތަނުގައި ނުގެންގުޅޭ ކަމަށް ވާނަމަ ލޮކްޑައުންގައި ތިބެގެން އަދަދުތަކަށް މިގެނެވުނު ލަސްކަމާއި މަދުކަމުގެ ފައިދާއެއް ގިނަ ދުވަހަކު ނޯންނާނެއެވެ.

ދެން ހަމަ ލޮކްޑައުން ފިލުވާލުމުގެ ކުރިން އޭގެ ވަކިން ސްޕެސިފިކް އިންސްޓްރަކްޝަންތައް އާންމުނަށް ހިއްސާކުރަމުން ގެންދާނަން. އެހުރިހާ ސްޓެޕްތަކެއް ރެޑީވީމާ
ޑރ އިބްރާހީމް އަފްޒަލް
މަގުމަތީގައި ކިޔުހެދިގެން ދާއިރު ސޯޝަލް ޑިސްޓެންސާ އެއްގޮތަށް މީހުން ތިބުމަށް ފާހަގަ ޖަހާފައި

މީގެއިތުރުން މިހާރުވެސް އަމަލުކުރާ ގޮތަށް ކިރިޔާވެސް އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭގެ 1676 ށް ރިޕޯޓުކުރާ ގޮތަށް ނިއު ނޯމަލްގައިވެސް ރިޕޯޓްކުރަން ޖެހޭނެ އެވެ.

ޑރ ނަޒްލާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ބަލީގެ އަލާމާތެއް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވާ ގިނަ ބަޔަކު ފެންނައިރު ކުރިޔަށް އޮތްތަނުގައިވެސް އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ޖުމްލަ ގޮތެއްގައި ނިއު ނޯމަލްގައިވެސް މިހާރު މިދިރުއުޅެމުންދާ ލޮކްޑައުންގެ ދިރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ސަމާލުކަން ދޭންޖެހޭނެ އެވެ. ނުވަތަ އެއަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެވެ. ނިއު ނޯމަލް އަކީވެސް ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ މިކަންކަމަށް ސަމާލުކަން ދީގެން ދިރިއުޅުން ނޫން އެހެން ގޮތެއް ނެތް ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
17%
0%
50%
17%
0%
17%
ކޮމެންޓް