ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ރިހާނާ އާއި ފޭނުން

ރިހާނާ ބުނީ އާ އަލްބަމް "ގެއްލިއްޖެ" ކަމަށް!

  • ރިހާނާގެ އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައި ވަނީ 2016 ވަނަ އަހަރު
  • 2019 ވަނަ އަހަރު އަލްބަމެއް ރިލީޒް ކުރާނެކަމަށް އޭނާ ބުނެފައިވޭ
  • ފޭނުން އަބަދު އާ އަލްބަމްގެ ސުވާލު ކުރަމުންދާތީ ރިހާނާ މިހާރު ދަނީ ސަމާސަކޮށް ޖަވާބު ދެމުން

ކ. މާލެ | 17 މެއި 2020 | އާދީއްތަ 05:10 | 2,538

ރިހާނާ - ގެޓީ އިމޭޖާސް

މަޝްހޫރު ލަވަކިޔުންތެރިޔާ، ރިހާނާގެ އާ އަލްބަމަކަށް ފޭނުން އިންތިޒާރު ކުރާތާ އެތަކެއް އަހަރެއްވެފައިވާއިރު، އަލްބަމް "ގެއްލިއްޖެ" ކަމަށް އޭނާ ބުނެފި އެވެ.

އޭނާގެ އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ އޭނާގެ އަށް ވަނަ ސްޓޫޑިއޯ އަލްބަމް ކަމަށްވާ 'އެންޓި' އެވެ.

ރިހާނާ އާ އަލްބަމެއް ރިލީޒް ނުކޮށްގެން ފޭނުން ސޯޝަލް މީޑިއާގައި މައްސަލަ ޖައްސަމުންދާއިރު، އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ޕޯސްޓްތަކަށް ފޭނުން ކުރާ ބައެއް ކޮމެންޓްތަކަށް ރިހާނާ ދަނީ ސަކަ މިޒާޖަކަށް ޖަވާބު ދެމުންނެވެ.

އެގޮތުން، އިންސްޓަގްރާމްގައި މީގެ ތިން ދުވަސް ކުރިން އޭނާގެ "ފެންޓީ ބިއުޓީ ލައިން" އާ ގުޅުން ހުރި ޕޯސްޓެއްގައި, އަލްބަމް ކޮބާހޭ ސުވާލު ކުރުމުން ރިހާނާ ބުނެފައިވަނީ އޭނާ އަތުން އަލްބަމް "ގެއްލިއްޖެ" ކަމަށެވެ.

ރިހާނާގެ އިންސްޓަގްރާމް އެކައުންޓަށް ކޮށްފައިވާ ކޮމެންޓެކާއި އޭނާގެ ޖަވާބު

މީގެ އިތުރުން، އެހެން ފަރާތެއް އަލްބަމެއް ރިލީޒް ނުކުރާން ގޮވާލައިފައިވާއިރު، ރިހާނާވަނީ އެއަށް ވެސް ކޮމެންޓްކޮށްފަ އެވެ. ރިހާނާގެ ފޭނުން "ނޭވީ" ންނަށް ގޮވާފައި އެގޮތަށް ކޮމެންޓް ކުރި އެކައުންޓަށް އިޝާރާތްކޮށް އޭނާ ބުނެފައިވަނީ އަލްބަމް ރިލީޒް ނުވެ އޮތުމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ ކަމަށެވެ.

ރިހާނާ ފޭނުންނާ އެގޮތަށް ސަމާސަކޮށް މުއާމަލާތް ކުރަމުން ދިޔަ ނަމަވެސް، އޭނާ މީގެ ކުރިން ބުނެފައިވަނީ 2019 ވަނަ އަހަރު އާ އަލްބަމެއް ރިލީޒް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ އަހަރު ނިމުނު އިރުވެސް މިކަން ވެފައި ނެތުމުން ބައެއް ފޭނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ.

ބާބެޑޯސް އަށް އުފަން ރިހާނާ ދުނިޔެއަށް މަޝްހޫރުވީ ލަވަކިޔުންތެރިއެއްގައި ގޮތުގައި ނަމަވެސް، ރިހާނާ މިހާރު ބޮޑަށް ކުރަމުން އަންނަނީ އޭނާގެ 'ފެންޓީ ބިއުޓީ ލައިން' އާއި 'ސެވޭޖް' ލޯންޖްރޭ ލައިންތަކުގެ މަސައްކަތެވެ. އަދި ލަވަކިޔުމުން ބްރޭކެއްގައި ރިހާނާ އުޅޭއިރު، އޭނާ ބައެއް ފިލްމްތަކުން ވެސް ފެނިފައި ވެއެވެ.

އެހެންކަމުން، އޭނާއާ އަދިވެސް އެންމެ ގިނައިން ކުރެވޭ ސުވާލަކީ އާ ލަވަތަކެއް އަޑު އިވޭނެ ދުވަހެއްގެ ސުވާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.