ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 13:13
އެމްއެމްއޭ- ރާއްޖޭގެ އިގްތިޞާދު މިއަހަރު ވަރަށް ބޮޑަށް ހީނަރުވާނެ ކަމަށް ވަނީ ލަފާކުރެވިފައި
އެމްއެމްއޭ- ރާއްޖޭގެ އިގްތިޞާދު މިއަހަރު ވަރަށް ބޮޑަށް ހީނަރުވާނެ ކަމަށް ވަނީ ލަފާކުރެވިފައި
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިޞާދުގެ ހާލަތު
އިގްތިޞާދު ކުރިން ހުރި ވަރަށް އަންނާނެ ކަމަށް މިހާރު ލަފާކުރެވެނީ 2022 ހިސާބުގައި
 
ނޮމިނަލް ޖީޑީޕީގެ އަންދާޒާއަކީ 81 ބިލިއަނާއި 67 ބިލިއަނާ ދޭތެރެ
 
50 އިންސައްތަ އާއި 78 އިންސައްތަ އަށް ފަތުރުވެރިކަން ދަށްވެގެންދާނެ
 
66 ބިލިއަނާއި 55 ބިލިއަނާއި ދޭތެރޭ އަދަދަކަށް ރާއްޖޭގެ ރިއަލް ޖީޑީޕީ ވެއްޓިގެން އަންނާނެ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށް މިހާރު ލަފާކުރެވެނީ 2022 ވަނަ އަހަރުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުންދާ ވެބިނާ ސެޝަންގެ ތިން ވަނަ ސެޝަންގައި ކޮވިޑް-19ގެ އިގްތިސާދީ އަދި 'ފިސްކަލް' ލޮޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގްތިސާދަކަށް ވުމުން މިވަގުތު އެދާއިރާ އެއްކޮށް މަޑުޖެހިފައި ވުމާއެކު އިގްތިސާދީ ގޮތުން އެންމެ ބޮޑު ލޮޅުމެއް އަރާ އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އެކަން އޭޑީބީ އާއި ވަރލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

އަދި މިހާލަތަށް ބަލާ 5 ސިނާރިއޯ އެއް ހެދިއިރު މިހާރުގެ ހާލަތަށް ބަލާއިރު މިއޮތީ ބެސްޓް ކޭސް ސިނާރިއޯ އާއި މޮޑަރޭޓް ކޭސް ސިނާރިއޯ އަދި ވާރސްޓް ކޭސް ސިނާރިއޯ ކަަމަށް ސަރުވަޝް ވިދާޅުވި އެވެ. ސިނާރިއޯތަކުގައި އެކި ލަފާކުރުން ތައް ހުރިއިރު މިވަގުތާ ހަމައަށް ރާއްޖެއަށް ތިންލައްކަ އަށްޑިހަ ދެހާސް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. ސިނާރިއޯ 3 އެއީ ބެސްޓް ކޭސް ސިނާރިއޯގައި އަށްލައްކަ ސާޅީސްފަސް ހާސް ފައްސަތޭކަ ސާޅީސް ހާސް ފަތުރުވެރިން ރާއްޖެއަށް މުޅި ޖުމުލަ އަންނާނެ ކަމަށް ލަފާކުރެވޭއިރު ސިނާރިއޯ 4 ގައި ހަ ލައްކަ ފަންސަވީސް ހާސް އަށްޑިހަ ދެ ފަތުރުވެރިން އަދި ސިނާރިއޯ 5 ގައި ދެން އިތުރަށް އެއްވެސް ފަތުރުވެރިއެއް ރާއްޖެއަށް ނާންނާނެކަމަށް ސަރުވަޝް ވިދާޅުވި އެވެ.

އެއާގުޅިގެން ޓޫރިޒަމް ވަރަށް ބޮޑަށް ދަށްވެގެންދަނީ. 50 އިންސައްތަ އާއި 78 އިންސައްތަ އަށް ދަށްވެގެންދަނީ. ބެޑް ނައިޓް 39 އިންސައްތަ އާއި 74 އިންސައްތަ އަށް ދަށް ވެގެންދޭ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް

އިގްތިޞާދުގެ އެންމެ ބޮޑު ހިއްސާ އެއް ފަތުރުވެރިކަމުން ވާއިރު އެހެން ވިޔަފާރިތައްވެސް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމަށް އަންނަ ކޮންމެ ބަދަލެއް އެހެން ވިޔަފާރިތަކަށް ކުރަމުންދެ އެވެ. އެއާއެކު މިއަހަރު 'ރިއަލް ޖީޑީޕީ' ކުރިން ލަފާކުރި ވަރަށް ވުރެ ދަށަށް ދާނެ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރިއަލް ޖީޑީޕީ 75 ބިލިއަން ރުފިޔާގައި ހުރިއިރު މިއަހަރު އަންދާޒާ ކޮށްފައިވަނީ 80 ބިލިއަން ރުފިޔާ ރިއަލް ޖީޑީޕީ އަށް އަރާނެކަމަށެވެ.

މިހާރު އައި ޝޮކްގެ ސަބަބުން 66 ބިލިއަނާއި 55 ބިލިއަނާއި ދޭތެރޭ އަދަދަކަށް ރާއްޖޭގެ ރިއަލް ޖީޑީޕީ ވެއްޓިގެން އަންނާނެ ބެލެވެނީ. މިއީ 11.5 އިންސައްތަ އާއި 29 އިންސައްތަ އާ ދޭތެރޭގެ އަދަދެއް މިއުޅެނީ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް

އެހެންކަމުން ކުރިން އިގްތިސާދު ރަނގަޅުވަމުން ދިޔަ ރޭޓުގައި މިހާރު އިގްތިސާދު ހަމައަކަށް އެޅޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. ކުރިން ލަފާ ކުރެވުނު " ވީ ޝޭޕް" ރިކަވަރީ އެއް މިހާރު އަންނާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި އަންނާނީ "ޔޫ ޝޭޕް" ރިކަވަރީ އެއް ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ވީ ޝޭޕްއޭ މިކިޔަނީ ހަމަ ސީދާ ބައުންސް ބެކްވުން. 2021 ގައި އަނެއްކާވެސް ހަމަ ކުރީގައި ހުރި ލެވެލް އަށް އަނބުރާ ދިޔުން. އެހެންވާނެ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ސްލޯ ރިކަވަރީ އެކޭ އަންނަނީ 2021 ގައިވެސް އަޅުގަނޑުމެންނަށް އުޅެންޖެހޭނީ ހަމަ އިގްތިޞާދީ ގޮތުން ކޮންމެސްވަރަކަށް ދަތިކޮށްނޭ. އެހެންވީމާ ޔޫ ޝޭޕް އެންމެ އަވަހަށްވެސް 2022 ގައި ބެކް ޓް ނޯރމަލް އަށް އަލުން އިގްތިޞާދު އަންނާނީ. އަދި ވޯސްޓް ކޭސްގައި އެއަށްވުރެ ލަސްވުންވެސް އެކަށީގެންވޭ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް

ސަރުވަޝް ވިދާޅުވީ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން ނޮމިނަލް ޖީޑީޕީއަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. ބަޖެޓް އެސްޓިމޭޓް ހެދިއިރުގައި އަންދާޒާއަކީ އޭރު 98 ބިލިއަނަށް 'ނޮމިނަލް ޖީޑީޕީ' ހުންނާނެކަމަށް ކަމަށާއި ނަމަވެސް މިހާރުގެ އަންދާޒާއަކީ އެ އަދަދު 81 ބިލިއަނާއި 67 ބިލިއަނާ ދޭތެރޭ އަދަދަކަށް ވެއްޓުނުކަމަށް ސަރުވަޝް ވިދާޅުވި އެވެ.

މިއާއެކު ފިސްކަލް ބަޖެޓަށް އަންނަ ލޮޅުން ބޮޑުކަމަށާއި އާމްދަނީގެ ބޮޑު ބައެއް މިއާއެކު އުނިވެގެންދާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އަދި އެއާއެކު ޚަރަދުތައް އެމިންވަރަކަށް ނުގެންދެވޭނެކަމަށާއި އެހެންކަމުން ޑެފިސިޓް ބޮޑުވެ ފައިނޭންސިންގ ގެޕް ކުރިޔަށް ވުރެ ބޮޑުވެެގެންދާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

އެހެންކަމުން މިވަގުތު ޚަރަދުތައް ކުޑަކުުރުމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެގޮތުން ސިޔާސީ މީހުންގެ މުސާރަ ކުޑަކޮށްފައިވާކަމަށް ސަރުވަޝް ވިދާޅުވި އެވެ. އަދި މިހާރު ފިނޭންސް މިނިސްޓަރ މުސާރަތައް އުނިކުރުމަށް އިތުރު ކަންތައްތަކެއް އިއުލާންކޮށްފައިވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

މީގެއިތުރުން ޕީއެސްއައިޕީ މަޝްރޫޢުތައް މިހާރު ކޮންޓްރެކްޓް ކުރެވިފައި ނުވާ ހުރިހާ މަޝްރޫޢުއެއް މަޑުޖައްސާލަން ހަމަޖެހިފައި ވާއިރު އެހެނިހެން ހުރިހާ ޚަރަދެއްވެސް ދަތުރުފަތުރު އަދި މަރާމާތު އަދި ކެޕިޓަލް ޚަރަދު އޭގެ 'ކޮމިޓްމެންޓެއް' ނެތް ކަމަށްވާނަމަ މިވަގުތު ހުއްޓާލުން ނޫން އެހެން ގޮތެއް ނެތް ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް