ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 02:52
އިންޑިޔާގައި ރޭންޑަމް ސާމްޕަލް ނަގަމުންދަނީ- އިންޑިޔާއަކީ މިވަގުތު ހަލުމިނުވައި ވައިރަސް ފެތުރެމުންދާ އެއް ގައުމު
އިންޑިޔާގައި ރޭންޑަމް ސާމްޕަލް ނަގަމުންދަނީ- އިންޑިޔާއަކީ މިވަގުތު ހަލުމިނުވައި ވައިރަސް ފެތުރެމުންދާ އެއް ގައުމު
އަލްއަރަބިއްޔާ
ކޮވިޑް-19 އިންޑިޔާގެ ހާލަތު
ކޮރޯނާވައިރަސް ބަލީގެ މައި ހާއްޔަކަށް މުމްބާއީ
 
މުމްބާއީގައި ބުރާސްފަތި ދުވަހު އެކަނިވެސް ހާހަކަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައިވޭ
 
މަހަރާޝްތްރަ އިން މެއި މަސް ނިމޭއިރު 50،000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާނެ
 
ނިއު ޔޯކް ސިޓީ ނެގުމަށްފަހު ދެން އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ ސިޓީ އަކީ މުމްބާއީ

މުމްބާއީގައި ބުދަ ދުވަހު ކޮވިޑް-19ށް 800 މީހުން ޕޮޒިޓިވްވެ 40 މީހުން މަރުވުމާއެކު މުމްބާއީ ވެގެންގޮސްފައި މިވަނީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ އެއް ސިޓީ އަށެވެ.

މުމްބާއީގެ ހޮސްޕިޓަލްތައް މިވަގުތު ކޮވިޑް-19 ގެ ބަލީގެ މީހުން އެނދުމަތިކޮށް ވަނީ ފުރިފަ އެވެ. ދުނިޔޭގައި އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ އެމެރިކާގެ ނިއު ޔޯކް ސިޓީ ނެގުމަށްފަހު ދެން އެންމެ ބާރު މިނުގައި ވައިރަސް ފެތުރެމުންދާ ސިޓީ އަކީ މުމްބާއީ އެވެ. ނިއުޔޯކް ސިޓީގެ ހާލަތު މިވަގުތު ރަނގަޅު ވަމުންދާއިރު މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ނިއުޔޯކް ސިޓީއަށްވުރެ މުމްބާއީގެ ހާލަތު ގޯސްކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުޔޯކް ގައި ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް ވަނީ ދަށަށްދާން ފަށާފަ އެވެ. އެހެންނަމަވެސް މުމްބާއީގައި ޕޮޒިޓިވްވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދުތައް ވަނީ މައްޗަށް ގޮސްފައެވެ. މިވަގުތު މުމްބާއީގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ ސަރޖެއް އައިސްގެން ޕޮޒިޓިވްވެފައިވާ މީހުންނަށް އެކަންޏެވެ. އެއާއެކުވެސް ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުމްބާއީގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

އަނެއްކޮޅުން ނިއުޔޯކްގައި ވައިރަސްޖެހިގެން މީހުން މަރުވާ ރޭޓް ވެސް ވަނީ ދަށަށްދާން ފަށާފަ އެވެ. އެހެންނަމަވެސް މުމްބާއީގައި މަރުވާ މީހުންގެ އަދަދުތައްވެސް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ.

ދުނިޔޭގައި މިވަގުތު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ސިޓީތަކުގެ އަދަދުތަކަށް ބަލާލުމުން މިކަން ހާމަވެގެންދެ އެވެ. އެގޮތުން މިވަގުތު މުމްބާއީގައި ދުވާލެއްގެ މައްޗަށް 800 މީހުންނަށް ވައިރަސް ޖެހެމުންދާއިރު ނިއުޔޯކް ގައި އެއަދަދު އުޅެނީ 571 ގަ އެވެ. އަދި މުމްބާއީގައި ދުވާލެއްގެ މައްޗަށް 40 މީހުން މިހާރު ކޮވިޑް-19 ޖެހިގެން މަރުވާއިރު ނިއުޔޯކްގައި ދުވާލެއްގެ މައްޗަށް މިހާރު މަރުވަނީ 17 މީހުންނެވެ.

މުމްބާއީގައި މިހާތަނަށް އައިއިރު 16,500 މީހަކަށް ވައިރަސް ޖެހިފައިވާއިރު 596 މީހުން ވަނީ މަރުވެފަ އެވެ. މުމްބާއީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރު ވަމުންދާތީ މެއި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އޮތް ލޮކްޑައުން އިތުރުކުރާނެ ކަމަށް މުމްބާއީ ނިސްބަތްވާ މަހަރާޝްތްރަ ސްޓޭޓްގެ އިންޑަސްޓްރީ މިނިސްޓަރ އެންޑީޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ. މުމްބާއީގައި ބުރާސްފަތި ދުވަހު އެކަނިވެސް ހާހަކަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.މަހަރާޝްތްރަ އިން މެއި މަސް ނިމޭއިރު 50،000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. މީގެތެރެއިން ގިނަ މީހުން ޕޮޒިޓިވްވާނީ މުމްބާއީން ކަމަށް އިންޑިޔާގެ ސިއްހީ އޮފިޝަލުން އަންދާޒާކޮށްފައި ވެ އެވެ.

އިންޑިޔާގައި މިހާތަނަށް 85,784 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 2,753 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
18%
0%
73%
0%
0%
9%
ކޮމެންޓް