ކ. މާލެ
|
13 މެއި 2020 | ބުދަ 09:56
އެމެރިކާގެ މެރިން ސިފައިންގެ ތެރޭގައި މަސައްކަތްކުރާ މީހަކަށް ކޮވިޑް-19 ޖެހިގެން މަރުވެގެން ބޭއްވި ޖަނާޒާގެ ތެރެއިން
އެމެރިކާގެ މެރިން ސިފައިންގެ ތެރޭގައި މަސައްކަތްކުރާ މީހަކަށް ކޮވިޑް-19 ޖެހިގެން މަރުވެގެން ބޭއްވި ޖަނާޒާގެ ތެރެއިން
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
ކޮވިޑް-19 ޖެހިގެން އެމެރިކާގައި 147،000 މީހުން މަރުވާނެ ކަމަށް އަންދާޒާކޮށްފި
 
ވޯސްޓް ކޭސް ސިނާރިއޯ ގައި ކޮވިޑް-19 ޖެހިގެން 223,489 މީހުން މަރުވާނެ
 
ބެސްޓް ކޭސް ސިނާރިއޯ ގައި 102،783 މީހުން މަރުވާނެ
 
މެއި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އައިއިރު 83,425 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ

ކޮވިޑް-19 ޖެހިގެން އެމެރިކާގައި އޮގަސްޓް މަސް އަންނަން ވާއިރަށް 147،000( އެއް ލައްކަ ސާޅީސް ހަތް ހާސް ) މީހުން މަރުވާނެ ކަމަށް އެކަމާއި ގުޅިގެން އެގައުމުގައި ހެދި އެންމެ ފަހު ދިރާސާއިން ދައްކައިފި އެވެ.

އެންމެ ކުރިން ހެދި ދިރާސާ އިން ދައްކާ ގޮތުގައި އޮގަސްޓް މަސް އަންނަން ވާއިރަށް އެގައުމުން 64،000 މީހުން ކޮވިޑް-19 ޖެހިގެން މަރުވާނެ އެވެ. އޭގެފަހުން ނަންބަރުތައް އަލުން ދިރާސާ ކުރުމަށްފަހު ނެރުނު ރިޕޯޓްގައި އަންދާޒާ ކޮށްފައި ވަނީ އޮގަސްޓް މަސް އަންނަން ވާއިރަށް އެގައުމުގެ 130،000( އެއް ލައްކަ ތިރީސް ހާސް) މީހުން މަރުވާނެކަމަށެވެ. ނަމަވެސް އެންމެ ފަހުން ހެދި ދިރާސާއިން މިވަނީ އެއަށްވުރެ އިތުރަށް ދިހަހާސް މީހުން މަރުވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އެމެރިކާގައި މެއި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އައިއިރު 83,425 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ އިންސްޓިޓިއުޓް ފޮރ ހެލްތު މެޓްރިކްސް އެންޑް އެވަލުޔޭޝަން އިން ބުނާ ގޮތުގައި ވައިރަސް ފެތުރޭ މިންވަރަށް ބަދަލުތައް އަންނަނީ ޓެސްޓު ކުރެވޭ މިންވަރަށް އަންނަ ބަދަލުތަކުންނާއި މީހުން އެކި ދިމަދިމާލަށް ހެލިފެލިވެ އުޅުމާއި އިޖުތިމާޢީ ގައިދުރުކުރުމުގެ ކަންކަމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ދޭ ލުއިތަކުގެ ސަބަބުންނެވެ.

އެމެރިކާގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފިނަމަ ވައިރަސް ޖެހޭ މީހުންނާއި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް މާބޮޑަށްވެސް މައްޗަށްދާނެ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވަނީ ވިދާޅުވެފަ އެވެ.

ފައުޗީގެ އިތުރުން އެމެރިކާގެ އެހެން ސިއްހީ އޮފިޝަލުން ގެންދަވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް ޓެސްޓް ކުރުމުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގ ގެ ކަންކަން މިހާރަށްވުރެ ބޮޑަށްކޮށް ވައިރަސް ޖެހޭ މީހާގެ ފުށުން ވައިރަސް ފެތުރޭ އެންމެން ދެނެގަތުމުގެ ކަންކަން ފުޅާނުކޮށް ލުއި ތަކެއް ދީފިނަމަ އެކަމުގެ ގެއްލުންވަމުންދާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމެރިކާގައި އިގްތިޞާދު އަވަހަށް ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ބޭނުންވަނީ ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މައްޗަށްދާތީ އެވެ. އެގޮތުން މިހާތަނަށް އައިއިރު 30 މިލިއަނަށްވުރެ ގިނަ މީހުން އެމެރިކާގައި ވަޒީފާ ގެއްލިގެން އެލަވަންސް ހޯދުމަށް ވަނީ އެދިފައެވެ. އެހެންނަމަވެސް އިގްތިޞާދު ހުޅުވާލައިފިނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެގެންދާނެ ކަމަށް އެގައުމުގެ ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ.

އެގައުމުގައި ބެސްޓް ކޭސް ސިނާރިއޯ ގައިވެސް 102،783 ( އެއްލައްކަ ދެ ހާސް ހަތް ސަތޭކަ އަށްޑިހަތިން) މީހުން މަރުވާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި ވާރސްޓް ކޭސް ސިނާރިއޯ ގައި ކޮވިޑް-19 ޖެހިގެން 223,489 ( ދެ ލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ އަށްޑިހަ ނުވަ) މީހުން މަރުވާނެކަމަށް މިހާރު ވަނީ އަންދާޒާކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް