ކ. މާލެ
|
13 މެއި 2020 | ބުދަ 09:18
އެމެރިކާގެ ސެނެޓްގެ ޖަލްސާއެއްގެ ތެރެއިން: ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ އިން
އެމެރިކާގެ ސެނެޓްގެ ޖަލްސާއެއްގެ ތެރެއިން: ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ އިން
ރޮއިޓަރސް
އެމެރިކާއިން ޗައިނާއަށް ކުރާ ތުހުތަމުތައް
ޖަވާބުދާރީ ނުވެއްޖެނަމަ ޗައިނާއަށް ފިޔަވަޅު އަޅަން ސެނެޓަށް ބިލެއް ހުށައަޅައިފި
 
އެމެރިކާއިން އަންނަނީ ކޮވިޑް-19 ފެތުރުމުގެ ޒިންމާ ޗައިނާއިން ނަގަންޖެހޭ ކަމަށް ބުނަމުން
 
ޗައިނާގެ ވިޔަފާރިތަކަށާއި ވިޔަފާރިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ހުށައަޅާފައިވޭ
 
މި ބިލް ހުށައެޅުއްވީ ރިޕަބްލިކަން ޕާޓީގެ ލިންޑްސް ގްރޭޙްމް

ކޮވިޑް-19 އާ ގުޅިގެން ޗައިނާއަށް ކުރެވޭ ތުހުމަތުތަކަށް އެ ގައުމުން ޖަވާބުދާރީ ނުވެއްޖެނަމަ، އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރުދޭ ގާނޫނެއް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓަށް، ހުށައަޅައިފި އެވެ.

މި ބިލް ހުށައެޅުއްވީ ސެނެޓުގެ އަޣުލަބިއްޔަތު އޮންނަ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރޭހްމް އެވެ. އޭނާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެކެވެ. ޕާޓީގެ އިތުރު 8 މެމްބަރުންގެ ތާއީދާއެކު ހުށައެޅި ބިލަށް ދީފައިވާ ނަމަކީ "ކޮވިޑް-19 އެކައުންޓަބިލިޓީ އެކްޓް" އެވެ.

ބިލް ހުށައަޅުއްވަމުން ގްރޭހްމް ވިދާޅުވީ، ޗައިނާ ގެ ކޮމިއުނިސްޓް ޕާޓީ އިން މިކަމުގައި "އޮޅުވާނުލީނަމަ، އެމެރިކާއަށް ވައިރަސް ނާންނާނެ ކަމަށެވެ. ގްރޭހްމް އިތުރަށް ވިދާޅުވީ، ވައިރަސް އައުޓްބްރޭކް ފެށިގެން އައިގޮތް ތަހުގީގުކުރަން ޗައިނާ އިން ފުރުސަތު ދީފައި ނުވާ ކަމަށާއި، މަޖުބޫރު ނުކުރާ ހާލަތުގައި ޗައިނާއިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުރުސަތު ދޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާއިން މިހާތަނަށް 80,000ށް ވުރެ ގިނަ މަރު ރިޕޯޓްކުރެވިފައިވޭ

ބިލްގައި ވަނީ، އެމެރިކާ ނުވަތު އެމެރިކާގެ ބައިވެރިންނާއިއެކު، ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ގުޅިގެން ހިންގާ ތަހުގީގަކަށް ޗައިނާއިން 60 ދުވަހުގެ ތެރޭގައި އެއްބާރުލުން ދިނުމަށް، ރައީސް މެދުވެރިކޮށް، ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ކޮންގްރެސް އަށް އެންގުމަށް ހުށައަޅާފަ އެވެ.

ފާސްކުރަން ހުށައަޅާފައިވާ ގާނޫނުގައި، ޗައިނާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، މުދާ ގަނޑު ކުރުމާއި، ދަތުރުކުރުން މަނާކުރުމުގެ އިތުރުން ޗައިނާގެ ވިޔަފާރިވެރިންނަށް އެމެރިކާގެ ބޭންކުތަކުން ލޯނު ދޫކުރުން މަނާކުރަން ވަނީ ހުށައަޅާފަ އެވެ. އަދި ޗައިނާގެ ކުންފުނިތައް އެމެރިކާގެ ސްޓޮކް މާކެޓުގައި ލިސްޓުކުރުން މަނާކުރަން ވެސް ވަނީ ހުށައަޅާފަ އެވެ.

ކޮވިޑް-19 ފެތުރިގެން ދިޔުމުގައި ޗައިނާ ގެ އިހުމާލެއްވާ ކަމަށް އެމެރިކާ އިން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. ޗައިނާ އިން މިކަމަށް ރައްދުދެމުން ބުނެފައިވަނީ، އެމެރިކާ އިން ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
0%
25%
25%
ކޮމެންޓް