ކ. މާލެ
|
13 މެއި 2020 | ބުދަ 02:38
ގައުމުގެ ހުރިހާ ދިމާލެއްގައި ސިފައިން ދަނީ މަސައްކަތް ކުރަމުން
ގައުމުގެ ހުރިހާ ދިމާލެއްގައި ސިފައިން ދަނީ މަސައްކަތް ކުރަމުން
ރާއްޖެއެމްވީ
ކޮވިޑް-19އާ ގުޅިގެން ދިވެހި ސިފައިން ކުރަމުންދާ މަ
ވައިރަހަށް ފަރުވާލެއް ނެތް، މާތްﷲގެ އިރާދައާއެކު މަސައްކަތް ނިންމާނަން!
 
އާއިލާއާ ދުރުގައި ސިފައިން މަސައްކަތް ކުރާތާ ތިން މަސް
 
ނޭޝަނަލް ސެކިއުރިޓީއަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދޭ
 
ކޮވިޑް-19އާ ގުޅޭ ހުރިހާ މަސައްކަތެއްގެ އިސް ސަފުގައި ސިފައިން ހަރަކާތްތެރިވޭ

''ވައިރަސްއަށް ފަރުވާލެއް ނެތް، މާތްﷲގެ އިރާދައާއެކު މަސައްކަތް ނިންމާނަން''މިއީ މިއަދު ދިވެހި ސިފައިންގެ ދުލުކުރީ ބަހެވެ. އެ ހިތްވަރުގަދަ އޮފިސަރުން މަސައްކަތްކުރަމުން އެ އަންނަނީ އާއިލާއާ ދުރުގަ އެވެ. އެކަމަކު މުޅި ގައުމުގެ ހައްގުގައެވެ. މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮވިޑް-19 އިން މި ކުޑަކުޑަ ގައުމު ސަލާމަތްކުރުމަށް ދިވެހި އަސްކަރިއްޔާގެ ހިތްވަރު ގަދަ ފަހުލަވާނުން ނުކުރާކަށް މަސައްކަތެއް ނެތެވެ.

އެއް މަސައްކަތަކީ، އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީން ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތެވެ. އެތަންތަނުގައި ފޯރި މެރުމުގެ މަސައްކަތެވެ. މީހުން އުފުލުމާއި މީހުންނަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެކެވެ. އެތަނުގައި 24 ގަޑިއިރު ގާއިމްވެގެން ތިބެ ސިފައިނާ ކުރާ މަސައްކަތަކީ، ވީ އެންމެ އަވަހަކަށް އެތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ (ކޮވިޑް ވިލެޖް) ގާއިމް ކުރުމަށް މިލިޓަރީ އިންޖިނިއަރިންގެ ގިނަ ބަޔަކު 40 ދުވަހު ވަންދެން މަސައްކަތް ކުރި އެވެ. މި މަސައްކަތުގެ ތެރޭ އުޅުނު ބައެއް ސިފައިންގެ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް މަސައްކަތް ނުނިންމާ ކަރަންޓީނަށް ދާން ބޭނުންނުވާ ކަމަށް ބުނެ، އެތަނުގައި ލޮކްޑައުންވެގެން ތިބެ އަންނަނީ މަސައްކަތް ފުރިހަމަކުރަމުންނެވެ.

އެތަނަކީ ޕޮޒިޓިވްވި ވަރަށް ގިނަ ބަޔަކު ފެނުނު ތަނެއް. އޭރު ވެސް ރިސްކް ނަގައިގެން ރިސްކުގެ ތެރޭގައި އެތަނުގައި މަސައްކަތް ކުރި ބައެއް ކުދިންނަކީ ޕްރައިމަރީ ކޮންޓެކްޓްސް. އެމީހުންނާއެކު އެންމެން އެކީގައި ފަހަތަށް ނުޖެހި ސިފައިންގެ ކުދިން މަސައްކަތް ކުރަމުން ގޮސް އިރާދަކުރެއްވިއްޔާ ސިވިލް ވޯކްސް މިހާރު އެ ނިމެނީ. އެ ފެސިލިޓީއަކީ 290 އެނދުގެ ތަނެއް.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

ހަމަ އެއާއެކު ގުޅީފަޅުގައި ވެސް ގާތްގަނޑަކަށް 665 އެނދުގެ ފެސިލިޓީއެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އެހެން އެޖެންސީތަކާ ގުޅިގެން ސިފައިން އިސް ރޯލެއް އަދާކުރި އެވެ. ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތާއި އެޗްއައިއެޗް އަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ވެސް ސިފައިން ބޮޑު ދައުރެއް އަދާކުރި އެވެ.

ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވޭ ސިފައިންނަކީ ރިސްކުގައި މަސައްކަތް ކުރާނެ ބަޔެއްކަން އަދި ރިސްކު ނަގައިގެން މަސައްކަތް ކުރާ ބަޔެއްކަން. ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަކީ ޕޮޒިޓިވް ވިޔަސް ހެޔޮ ކަމަށް ގައުމު ދިފާއުކޮށް ރައްޔިތުން ހިމާޔަތްކޮށް ގުރުބާން ވުމަށްޓަކައި ހުވާކޮށްގެން ތިބޭ ބައެއް.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

ނޭޝަނަލް ސެކިއުރިޓީއަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދޭ!

ސިފައިންގެ ފަހުލަވާނުން ކޮވިޑް-19 ސިފަ ކުރަނީ ބޮޑު ހަނގުރާމައެއްގެ ގޮތުގަ އެވެ. މި ހަނގުރާމަ ކުރަމުންދާއިރު ވެސް އެހެން ދިމަދިމާލުން އަތުވެދާނެ ހަމަލާއަކަށް މުޅި ފޯސް އޮތީ ތައްޔާރަށެވެ. ގިނަ އަދަދެއްގެ ސިފައިން ކޮވިޑްއާ ދެކޮޅަށް މަސައްކަތް ކުރި ނަމަވެސް ސިފައިންގެ އެންމެ ބޮޑު އެއް ޒިންމާ ކަމުގައިވާ ނޭޝަނަލް ސިކިއުރިޓީގެ ކަންކަން ފުރިހަމައަށް ބަލަހައްޓަ އެވެ. އަތުވެދާނެ ނުރައްކަލަކަށް ތިބެނީ ފާރަވެރި ވެއެވެ. މުޅި ގައުމަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގެ ފައިދާ ނަގައިގެން ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހިންނަށް، ދިވެހިން އެ މުއައްސަސާއަކާއިމެދު ފަހުރުވެރިވާންޖެހޭ އަސްކަރިއްޔާއިން އަރުވަ އެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ޑްރިލްއެއްގެ ތެރެއިން
އެނގިވަޑައިގަންނަނާވެ މިހާރު ދެން ވަރަށް ބޮޑު ފޯކަސްއެއް އަދި ސިފައިންގެ އޮޕަރޭޝަނަލް ފޯކަސްއެއް މިއޮތީ އެހެން މުއައްސަސާތަކާއެކު ކޮވިޑް އޮޕަރޭޝަނަށް. ނަމަވެސް އަޅުގަނޑުމެން ނޭޝަނަލް ސެކިއުރިޓީއެއް ކޮންޕްރޮމައިޒެއް ނުކުރަން. ނޭޝަނަލް ސެކިއުރިޓީ ކޮންޕްރަމައިޒް ނުކުރާނަމޭ މިދަންނަވާ ބަހުގެ މާނައަކީ ހަގީގަތުގައި އަޅުގަނޑުމެންގެ މިއެލީޓް ޔުނިޓްތައް މިހާރު ވެސް އެތިބީ ވަކިން ބައިތިއްބާފަ ފޯސް ޕްރިޒާވްކޮށްފައި އެތިބީ. ވަކި ތަންތަނުގައި ޚާއްސަކޮށް ފޯސްގެ ލީތަލް ކޮންބެޓް ކެޕޭސިޓީ އެއްވެސް ވަރަކަށް ޑިމިނިޝް ވެގެން ނުދޭ ހަގީގަތުގައި.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

އާއިލާއާ ދުރުގައި ސިފައިން މަސައްކަތް ކުރާތާ ތިން މަސް

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19 ރާއްޖޭން ފުރަތަމަ ފެނުނު ހިސާބުން ޔުނިފޯމް އަޅައިގެން އެ އޮފިސަރުން ތިބީ ތައްޔާރަށެވެ. މުޅި ފޯސް ވަކި ޕްލޭނެއްގެ ދަށުން އެކި ދިމާލުގައި ހަރަކާތްތެރިވާން ފެށިއެވެ. އެގޮތުން މިހާރު ވެސް ސިފައިން އަންނަނީ 25 ފެސިލިޓީއެއް މެނޭޖްކުރަމުންނެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ސިފައިންގެ ދައުރު ވަކި ކުޑައެއް ނޫނެވެ. ސީ އެމްބިއުލެންސް އާއި މަތިން ކުރެވޭ ދަތުރުތަކުގައި ވެސް ސިފައިން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ކަރަންޓީނަށް މީހުން ގެންދިއުމާއި ދޫކުރުމުގައި ވެސް ސިފައިންނެވެ. އަދި ޝައްކުކުރެވޭ މީހުންނާއި ޕޮޒިޓިވް މީހުން ގެންދިއުމުގައި ވެސް އިސްސަފުގައި ވެސް ހަމަ އެ ސިފައިންނެވެ.

އަންހެން ސިފައިންގެ ދައުރު ވެސް މިއޮޕްރޭޝަންގައި ބޮޑު ކަމަށް އެމްއެންޑީއެފުން ބުނޭ

މި ހުރިހާ މަސައްކަތެއްގައި ސިފައިން ހަރަކާތްތެރިވަނީ ލޯބިވާ އައިލާ ދުރުގައި ތިބެގެންނެވެ. މަސައްކަތުގެ ބުރަކަމުން ލިބޭ ހުސްވަގުތު ތަނެއްގައި ހަމަޖެހިލަން ލިބުމުން އެވަރުބަލިކަމުގައި ނިދެ އެވެ. ގިނަ ފަހަރަށް އަނބިދަރީންނަށް ފޯނުން ގުޅާލާނެ ވަގުތު ވެސް ނުލިބެ އެވެ.

އާއިލާއާ ދުރުގައި ސިފައިން މަސައްކަތް ކުރަމުންދާތީ ވެލްފެއާގެ ކަންކަން އެ މުއައްސަސާއިން އަންނަނީ ބަލަހައްޓަމުންނެވެ. އާއިލާތަކުގެ ހާލަތު ގާތުން ބަލަ އެވެ. އެގޮތުން ސިފައިންގެ އެންމެހާ ކަންކަން ބެލުމަށް ޖޮއިންޓް އޮޕަރޭޝަން ސެންޓަރެއް އެ މުއައްސާސައިން ވަނީ ގާއިމްކޮށްފަ އެވެ.

އާއިލާތަކުގެ ކަންތައްތައް ބަލާ ހެދުމަށް ވެލްފެއާ ސިސްޓަމެއް މިތާ ތެރޭގައި އެސްޓެބްލިޝް ކުރެވިފައިވަނީ. އާއިލާތަކަށް ގުޅާ ހުރި ދަތި ކަންތައްތައް ބަލަމުން އަޅުގަނޑުމެން މިގެންދަނީ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

ޝަމާލް ވިދާޅުވި ގޮތުގައި މިހާރު އޮތީ ކުރިއަށް އޮތް ސާޖަށް ނެޝަނަލް އެކްޝަން ޕްލޭނެއް ހެދިފަ އެވެ. އަދި އެ ޕްލޭންގެ އިމްލިމެންޓޭޝަން ޓްރެކް ކުރެވޭނެ މެކޭނިޒަމެއް ތައްޔާރު ކުރެވި، އިތުރަށް ފެތުރިގެން ދާއިރު ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގައި މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

މި ޕްލޭނިން ސްޓޭޖްގައި ސިފައިންގެ ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދޭ. މިޕްލޭން އިންޕްލިމެންޓް ކުރުމުގައި ސިފައިން ހަރަކާތްތެރިވަމުންދަނީ. ސިފައިން ބޭނުންކުރާނެ ޕީޕީއީ ގެއަރ އެބަހުރި.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

ކޮވިޑް-19ގައި މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަމުގައި ކަމާ ބެހޭ ފަރާތްތަކުން ތަމްރީން ކުރަނީ

ކޮވިޑް-19ގައި މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން ކުރުމަށް ސިފައިންގެ ޚާއްސަ ޓީމެއް ތަމްރީންކުރި އެވެ. މީގެ ތެރޭގައި އަންހެން ސިފައިން ވެސް ހިމެނެ އެވެ. މި ބަލީގައި މަރުވި މީހުންގެ ކަށުކަމާ ކެމީގެ ކަންކަމާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ސިފައިންނެވެ. އަދި މިހާރު އަންނަނީ މިކަމަށް ކަމާ ބެހޭ ފަރާތްތަކުން ތަމްރީން ކުރުމުގެ މަސައްކަތް ސިފައިން ކުރަމުންނެވެ.

ކޮވިޑް-19ށް ޕޮޒިޓިވްވި މީހަކު ނިޔާވުމާއި ގުޅިގެން ކަށުކަމާ ކެމީގެ ހުރިހާ މަސައްކަތެއް ކުރީ ސިފައިން

ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ޝުކުރެއް!

މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެކި އެޖެންސީތައް ގުޅިގެން ހިންގޭ އެންމެ ބޮޑު އޮޕަރޭޝަނެވެ. އެގޮތުން ސިފައިންގެ އެންމެ މަތީވެރިޔާ ކޮމާންޑާ އިން ޗީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަންނަނީ ބުރަ މަސައްކަތްފުޅުތަކެއް ކުރައްވަމުންނެވެ. ވަރަށް ގާތުން މަސައްކަތްތައް ބައްލަވަ އެވެ.

މިކަން ދިމާވީއްސުރެ އެންމެ ރެއެއް ވެސް މެދުކަނޑާނުލައްވާ ޕޮލިސީ ލެވަލްގައި މަސައްކަތް ކުރައްވާ، ހުރިހާ އެންމެނާ ގައިޑެންސް ދެއްވަމުން މަސައްކަތްފުޅު ރައީސް ކުރައްވަނީ. މިއޮޕްރޭޝަން ލީޑް ކުރައްވަނީ ރައީސް.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް
ރައީސް ސޯލިހު ކަމާބެހޭ މުއައްސަސާތަކުގެ އިސްބޭފުޅުންނާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މި މަސައްކަތްތަކަށް ރައީސް ހިތްވަރު ދެއްވަވަ އެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ވެސް ކުރައްވަ އެވެ. މިމަޝްވަރާތަކުގެ އަލީގައި މިއަދު ސިފައިން މަސައްކަތް ކުރަމުން އެދަނީ ވައިރަސްއަށް ފަރުވާލެއް ނެތް ކަމަށް ބުނެ މިކަމުން މިންޖުވޭތޯ އެވެ. ރައްޔިތުންގެ ފަރާތުން މިއަދު ސިފައިންނަށް ބޭނުންވަނީ ލޯތްބާއި ހިތްވަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
77%
0%
5%
2%
16%
ކޮމެންޓް
13 މެއި 2020 | ބުދަ 02:45
އަބްދުﷲ
ރޭގައި ވެލުދޫގައި ނިއްމާލީތަ؟