ކ. މާލެ
|
12 މެއި 2020 | އަންގާރަ 04:05
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، 26 ސެޕްޓެމްބަރު 2019
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، 26 ސެޕްޓެމްބަރު 2019
ރައީސް އޮފީސް
މަޓީގެ މައްސަލަ
މަޓީއާ ސަރުކާރާ ދެމެދު ނުތަނަވަސްކަމެއް ނެތް: ޓޫރިޒަމް މިނިސްޓަރު
 
އެންމެންނާއެކުވެސް ސަރުކާރަށް މަސައްކަތްކުރެވޭނެ: އަލީ ވަހީދު
 
މަޝްވަރާ ކޮށްގެން ހައްލު ކުރެވޭނެ: އަލީ ވަހީދު
 
މަޓީން ވަނީ ސަރުކާރުން އެކުލަވާލާފައިވާ ރިލީފް ޕެކޭޖަށް ފާޑުކިޔާފައި

މޯލްޑިވިއަން އެސޯސީއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީއާ) ސަރުކާރާ ދޭތެރޭ އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު މެންދުރު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ދުވަހުން ފެށިގެން މަޓީގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި، އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބޭނުންވާ ހިޔާލާއި މަޝްވަރާތައް މަޓީގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަޓީއަކީ ހަމައެކަނީ ބޯޑުގައި ތިބި ވިޔަފާރިވެރިން ނޫން ކަމަށާއި، މަޓީންވެސް ތަމްސީލު ކުރަނީ އެތައް މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ކަމަށެވެ. ބައެއް ކަންތައްތަކުގައި ހިޔާލު ތަފާތުުވެދާނެ ކަމަށާއި، އެކަމަކު އެއީ މަޝްވަރާ ކޮށްގެން ހައްލު ކުރެވިދާނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

ސަރުކާރާ މަޓީއާ ދޭތެރޭގައި ނުތަނަވަސް ކަމެއް ނެތް. އަޅުގަނޑުމެންނަށް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ހާލަތެއް މިއޮތީ.
ޓޫރިޒަމް މިނިސްޓަރު - އަލީ ވަހީދު

މަޓީއާ މައްސަލައެއް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވެފައިމިވަނީ، ސަރުކާރުން އެކުލަވާލާފައިވާ އިކޮނޮމިކް ރިކަވަރީ ޕެކޭޖަކީ އެއްވެސް އޮއްޓަރެއް ނެތް ޕެކޭޖެއް ކަމަށް ބުނެ މަޓީން ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.

މަޓީގެ ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ރައްދު ދެއްވާފައެވެ. އެ ދުވަހު ފައްޔާޒު ވިދާޅުވީ، ޕެކޭޖް އެކުލަވާލާފައިވަނީ މަޓީގެ މަޝްވަރާއާއެކު ކަމަށެވެ. އަދި މަޓީން ނެރުނު ބަޔާނަކީ ސަރުކާރުގައި "ކޮޅު ފައިން ޖެހުން" ކަމަށް ފައްޔާޒު ސިފަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓަރު ދެކިވަޑައިގަންނަވާ ގޮތުގައި އިކޮނޮމިކް މިނިސްޓަރުގެ ވާހަކަތަކަކީ، މަޓީއާ ސަރުކާރާ ދެމެދު މައްސަލައެއް ޖެހިގެން އުޅޭ ވާހަކައެއް ނޫނެވެ. އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކާއި އެކު ސަރުކާރަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް