ކ. މާލެ
|
11 މެއި 2020 | ހޯމަ 16:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތުއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ: މިހާރު ހިނގަމުންދާ ކައުންސިލްތަކުުގެ މުއްދަތު އިތުރުކުރުން ކުރުން ނޫންގޮ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތުއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ: މިހާރު ހިނގަމުންދާ ކައުންސިލްތަކުުގެ މުއްދަތު އިތުރުކުރުން ކުރުން ނޫންގޮ
ރައީސް އޮފީސް
މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އިތުރުކ
ކައުންސިލްތަކަށް ޤާނޫނީ ހުސްކަން: ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫންގޮތެއް ނެތް: ބަންޑާރަ ނައިބު
 
މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހަށް ހަމަވާނެ، މީގެކުރިން މިކަމަށް ޤާނޫނީ ޙައްލެއް ބޭނުންވާނެ
 
ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ކަނޑައަޅައި އެކަށައަޅާފައިވާ އުޞޫލުތަކާ ތަޢާރަޒުނުވާގޮތަށް ޤާނޫނީ ހަމަތަކުގެ މަތިން އެކަން ކަނޑައެޅުންކަމަށް ލަފާ ދެއްވި
 
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އިން ކައުންސިލްތަކުގެ ޤާނޫނީ ހުސްކަމަށް ފަރުވާއެއް ނުލިބޭނެ ކަމަށް ބަންޑަރަ ނައިބު ވިދާޅުވި

ލޯކަލް ކައުންސިލްތަކަށް ޤާނޫނީ ހުސްކަމެއް އަޔަނުދީ، މި ޙާލަތުގައި ގެނެވޭނެ ޤާނޫނީ ހަމައެކަނި ޙައްލަކީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙުކޮށްގެން ކަމަށް ވިދާޅުވެ، އެޓަރނީ ޖެނެރަލް (ބަންޑާރަ ނައިބު) އިބްރާހީމް ރިފްޢަތު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ލަފާ ދެއްވައިފި އެވެ.

އާދިއްތަ ދުވަހު ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ލިޔުމުން އެކޮމެޓީއަށް ދެއްވި ލަފާފުޅު އިއްވަވާ ދެއްވާފަ އެވެ. އެޓަރނީ ޖެނެރަލްގެ ލަފާފުޅެއް ލަމާރުކަޒީ ކޮމެޓީން ހޯއްދެވީ، ކައުންސިލްތަކުގެ ޤާނޫނީ ހުސްކަމެއް އަޔަނުދިނުމަށް ޤާނޫނީ ޙައްލެއް ހޯއްދެވުމަށް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ގުޅިގެން ނެވެ. އެބިލު ދިރާސާކުރުމުގެ މަސައްކަތް ލާމަރުކަޒީ ކޮމެޓީން ދަނީ ކުރަމުންނެވެ.

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ދެއްވާފައިވާ ލަފާފުޅުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފއިވާ ކަންކަން:

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ރިޢާޔަތްކުރާއިރު، ޤާނޫނުއާސާސީގެ 230 ވަނަ މާއްދާގައިވާ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުން ކަމަށާއި އަދި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތައް އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. ޤާނޫނުއަސާސީގެ 230 ވަނަ ބަޔާންކޮށްފައި ވާގޮތަށް އުފައްދާ ކައުންސިލްތަކުގައި ހިމަނަންވާނީ އެކައުންސިލަކަށް ނިޞްބަތްވާ ޞަރަޙައްދުގެ ރައްޔިތުންގެ ދިމިގްރާތީ އުޞޫލުގެ މަތިން ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުންކަމުގައި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ވީމާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގޭނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ބަޔަކަށްކަން ޤާނޫނުއަސާސީގެ އިސްވެދެންނެވި މާއްދާތަކާއި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގެ ހިމެނޭ އެހެން މާއްދާތަކުން އިނގެން އޮންނަ ކަމަށެވެ. ޤާނޫނުއަސާސީގެ 8 ވަނަ ބާބަށް ރިޢާޔަތްކުރާއިރު ލޯކަލް ކައުންސިލްތަކަށް މިހާރު އިންތިޚާބުކޮށްފައިވާ މެންބަރުންގެ، މެންބަރުކަމުގެ ދައުރު 3 ޖޫން 2020 ހަމަވާއިރު، އެކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ، ޢަމަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ކުރެވެންދެން މިހާރު ކައުންސިލްތަކުގެ މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުން މަޤާމުތަކުގައި ދެމިތިބޭނެ ކަމަށް ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ކަނޑައަޅައި އެކަށައަޅާފައިވާ އުޞޫލުތަކާ ތަޢާރަޒުނުވާގޮތަށް ޤާނޫނީ ހަމަތަކުގެ މަތިން އެކަން ކަނޑައެޅުންކަމަށް ފެންނަ ކަމަށެވެ.

ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއިން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)އަށް ގެނެސްފައިވާ އިޞްލާޙު ކަމަށްވާ ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި ކުރުމަށް ރިޢާޔަތްކުރާއިރު، އެމާއްދާއަށް ޢަމަލުކުރެވޭނެ އުޞޫލު ކަނޑައަޅާދީފައިވަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގައެވެ. މިގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތަކަށް މެންބަރުން ޢައްޔަނު ކުރަންވާނީ އެ ކައުންސިލްތަކަށް މެންބަރުން ޢައްޔަނުކުރަން ފެށި ތާރީޚު ކަމަށްވާ 8 ޑިސެމްބަރު 2019ށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 4 މާއްދާ އެފަދައިން އޮތްހާހިނދަކު، އެމާއްދާ އިޞްލާޙު ކުރުމަކާ ނުލައި މިހާރު 3 އަހަރަށް އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޢާންމު ޤާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރު ކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ރިޢާޔަތް ކުރާއިރު، 3 ޖޫން 2020ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ޤާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިހާރު އިންތިޚާބު ވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ، މެންބަރުކަމުގެ ދައުރު އިތުރުކޮށްގެން ކަމަށްވީނަމަވެސް، އެކަންކުރެވޭނީ، ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނުގެ 4 ވަނަ މާއްދާ އިސްލާހުކޮށްގެން ކަމަށް ފެންނަ ވާހަކަ ދައްނަވަމެވެ. އަދި ދަންނަވަމެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ލޯކަލް ކައުންސިލްތަކުގެ ހާއްސަ ބިލް 2020 ސަރުކާރުން ހުށަހެޅިއިރު އެބިލާއެކުގައި ގާނޫނުއަސާސީގެ 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 4 ވަނަ މާއްދާ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ޤާނޫނު ނަންބަރު: 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު) ބިލު ހުށަހެޅީ ވެސް އިސްވެ ދެންނެވުނުކަންކަން އެހެން ހުރުމުން ކަމަށް ދަންނަވަމެވެ.

ވީމާ ލާމަރުކަޒީ އުޞޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ތަންޒީމުކޮށްފައިވާ އުޞޫޅލުތަކާއި، އިޖުރާޢަތުތަކާ ޚި9ލާފު ނުވުމަށާއި، 3 ޖޫން 2020ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާ ޤާނޫނީ ހުސްކަން ފޫބެއްދުމަށް، އަދި ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމަށްޓަކައި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގެ ރޫޙާއި، މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ޢަމަލު ކުރެވެން އޮތްގޮތަކީ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙު ކުރުމަށް، ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން އެ ޤާނޫނުގެ 4 ވަނަ މާއްދާ އިޞްލާޙުކޮށް، ލޯކަލް ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ކުރެވެންދެން މިހާރު ކައުންސިލްތަކުގައި ތިބި މެންބަރުން އެމަޤާމުތަކުގައި ދެމި ތިބެވޭނެކަމަށް ކަނޑައެޅުން ކަމުގައި ފެންނަ ވާހަކަ ދަންނަވާ ކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ދެއްވާފައިވާ ލަފާފުޅުގައި ވިދާޅުވެފައި ވެއެވެ.

އެޓަރނީ ޖެނަރަލް ރިފްޢަތު އެވިދާޅުވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަލީހަށް ހުށަހަޅުއްވާފައިވަނީ މިދިއަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ. މިބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމެވެ.

ސަރުކާރުގެ ފަރާތުން، ހުށަހެޅި އެބިލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެގެން ދިޔައެވެ. ބައެއް މެންބަރުން ވިދާޅުވަނީ ރާއްޖޭގައި ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށްޓަކައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާނުކޮށްފައި ވާތީ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ނުކުރެއްވޭނެ ކަމަށެވެ. ބައެއް މެންބަރުން ވިދާޅުވީ، މިއީ ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫން ކަމަށާއި މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ކަމަށެވެ. އަދި ބައެއް މެންބަރުން ޤަބޫލު ކުރައްވާ ގޮތުގައި މިއީ ޤާނޫނުއާސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫންކަމަށްވިޔަސް، މި ޙާލަތަކީ ރައްޔިތުންގެ ޙައްޤުތަކެއް ހިފެހެއްޓި، ގެއިން ބޭރަށް ނުނިކުމެވޭ، އެއްވެ ނޫޅެވޭ، ނުވަތަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންވެސް މީހުން ހައްޔަރުކޮށް، ޙައްޤުތަކެއް ހިފެހެއްޓިފައިވާ ޙާލަތެއް ކަމަށްވާތީ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

ޙަސަން ލަޠީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އަކީ އެ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި ޤާނޫނީ އެހެން ޙައްލެއް ގެނައުމަށްޓަކައި ހުށަހެޅުއްވި ބިލެކެވެ.

އެޓަރނީ ޖެނެރަލް ރިފްޢަތު ވިދާޅުވެފައިވާ ގޮތުގައި، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައި ނުވާކަމަށެވެ. އެހެންކަމުން މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ޤާނޫނީ ލަފާ ދެއްވާފައިވަނީ މިފަދައިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި