ކ. މާލެ
|
11 މެއި 2020 | ހޯމަ 11:49
އިނގިރޭސި ބޮޑުވަޒީރު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަނީ
އިނގިރޭސި ބޮޑުވަޒީރު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަނީ
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
ލޮކްޑައުން އަދި ނިމުމަކަށް ނާދޭ، ނަމަވެސް ވިސްނުންތެރިކަމާއެކު ފިޔަވަޅުތަކަށް ލުއިދޭން ފަށާނަން: ބޮރިސް ޖޯންސަން
 
އިޖުތިމާޢީ ގައިދުރުކަން ގެންގުޅެންޖެހޭނެ ކަމަށް ޖޯންސަން ވިދާޅުވި
 
ބުދަ ދުވަހުން ފެށިގެން މީހުންނަށް ބޭނުން އިރަކު ބޭރަށް ނިކުމެ ކަސްރަތު ކުރުމުގެ ފުރުސަތު ލިބިގެންދާނެ
 
" ގޭގައި ތިބޭ" މެސެޖްގެ ބަދަލުގައި " ރައްކާވެ ތިބުން" މެސެޖް އަންނަނީ ޕްރޮމޯޓް ކުރަމުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތް ލޮކްޑައުން ކޮށްފައި އޮތްއޮތުން އަދި ނިމުމަކަށް ނުގެންނަވާނެ ކަމަށާއި، ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ކަންކަން ވިސްނުންތެރިކަމާއެކު ފައްޓަވާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ބޮރިސް މިހެން ވިދާޅުވީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް އެކުލަވާލި ޕްލޭން ހާމަކުރައްވަމުން ނެވެ. 7 ހަފުތާގެ މުއްދަތަށް އިނގިރޭސިވިލާތް މިހާތަނަށް އައިއިރު ލޮކްޑައުން ކޮށްފައިވާއިރު އެޤައުމުގެ އިޤުތިޞާދަށް ވަނީ އެކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ. އިންގްލެންޑަށް ޢަމާޒުކޮށް އެކުލަވާލާފައިވާ މިޕްލޭނާ އެއްގޮތަށް ޔުނައިޓެޑް ކިންގްޑަމްގެ އެހެން ޤައުމުތަކުންވެސް ޢަމަލުކުރުމަށް ބޮރިސް ބޭނުންވެ ވަޑައިގަންނަވާ އެވެ. ނަމަވެސް ވޭލްސް، ސްކޮޓްލެންޑް އަދި ނޮދަރން އަޔަރލެންޑްގެ ލީޑަރުންގެ މެދުގައި މިކަމުގައި އޮތް ޚިޔާލު ތަފާތެވެ. އެ ތިން ތަނުގެ ލީޑަރުން ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންނަށް މިހާތަނަށް ވެސް ދެމުން ގެންދިޔަ " ގޭގައި ތިބޭ" މެސެޖް އަދިވެސް އެގޮތުގައި ހިފަހައްޓަ ވާނެކަމަށެވެ.

އާދިއްތަ ދުވަހު އިނގިރޭސިވިލާތުގެ ރައްޔިތުންނާ ޓީވީގެ ޒަރީއާއިން މުޚާޠަބު ކުރައްވަމުން ބޮރިސް ވަނީ ލުއިދެއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތައް ހާމަކުރައްވާފަ އެވެ. އެގޮތުން ކަސްރަތު ކުރުމަށް ބޭރަށް މިހާރަށްވުރެ ގިނައިން ނިކުތުމުގެ ފުރުޞަތު މީހުންނަށް ލިބޭނެކަމަށާއި އަދި ބައެއް ދާއިރާތަކުގައި މަސައްކަތްކުރާ މީހުން މަސައްކަތަށް އަނބުރާ ނިކުތުމަށް ބޮރިސް ވަނީ ހިތްވަރުދެއްވާފަ އެވެ.

މިއީ އަދި ލޮކްޑައުން އުވާލަންވީ ވަގުތެއް ނޫން. އެހެންނަމަވެސް މިގެންދަނީ ލޮކްޑައުން އުވާލުމުގެ ފުރަތަމަ ފިޔަވަޅު ވަރަށް ވިސްނުންތެރިކަމާއެކު ނަގަމުން
ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ސަރުކާރުން ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި އަދި ވައިރަސް ފެތުރުމުގެ ފުރުޞަތު އޮއްވާ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭތީ އެކަމުގެ ފާޑުކިޔުންތައް ވަނީ ބޮރިސް އަށް ޢަމާޒުވެފަ އެވެ. އިނގިރޭސިވިލާތަކީ މިވަގުތު އެމެރިކާ ނެގުމަށްފަހު އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓުކުރަމުން އަންނަ ޤައުމެވެ. އެ ޤައުމުގެ 31،885 މީހުން ވަނީ މިހާތަނަށް އައިއިރު ވައިރަސް ޖެހިގެން މަރުވެފަ އެވެ.

ބޮރިސް ވިދާޅުވީ މީހުން މަރުވާ ރޭޓާއި، ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި މީހުން އެޑްމިޓް ކުރާ ރޭޓް ދަށަށްދާން ފަށާފައިވަނިކޮށް ވައިރަސް ދެވަނަ ފަހަރަށް ފެތުރުމުގެ ފުރުޞަތު ފަހިކުރުމަކީ މޮޔަކަމެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ކުރިން ގެންގުޅުނު " ގޭގައި ތިބޭ" މެސެޖްގެ ބަދަލުގައި " ރައްކާވެ ތިބުން" މެސެޖަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ ޢަމާޒުވެފަ އެވެ.

ބޮރިސް ވިދާޅުވީ ގޭގައި ތިބެގެން މަސައްކަތްކުރެވޭ މީހުން ގޭގައި ތިބެގެން މަސައްކަތްކުރަމުން ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގޭގައި ތިބެގެން މަސައްކަތް ނުކުރެވޭ މީހުން މިސާލަކަށް ކޮންސްޓްރަކްޝަން އަދި ތަކެތި އުފައްދާ ކާރުޚާނާ ފަދަ ތަންތާނގައި މަސައްކަތްކުރާ މީހުން މަސައްކަތަށް އެނބުރި ދިޔުމަށް ހިތްވަރު ދެއްވާ ކަމަށެވެ.

އަދި ބުދަ ދުވަހުން ފެށިގެން މީހުންނަށް ބޭނުން އިރަކު ގެއިން ބޭރަށް ނިކުމެ ކަސްރަތު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއިއަދި ކައިރި ޕާކުތަކަށް ގޮސް ބޭނުން ތާކަށް ދިޔުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި އެބަޔަކު ދިރިއުޅޭ ގޭގެ މީހުންނާއެކު ކުޅިވަރުވެސް ކުޅެވޭނެކަމަށް ބޮރިސް ވިދާޅުވި އެވެ.

މިހާތަނަށް އައިއިރު އިނގިރޭސިވިލާތުގައި ހުއްދަ އޮތީ ދުވާލަކު އެއްފަހަރު ބޭރަށް ނިކުމެ ކަސްރަތު ކުރުމަށެވެ. އެހެންނަމަވެސް އަދިވެސް އިޖުތިމާޢީ ގައިދުރުކަން ގެންގުޅެންޖެހޭނެ ކަމަށް ޖޯންސަން ވިދާޅުވިއެވެ. އަދި އެގޮތަށް ޢަމަލު ނުކުރާ މީހުން ޖޫރިމަނާ ކުރަމުންދާނެ ކަމަށާއި، ކުރިޔަށް އޮތްތަނުގައި ޖޫރިމަނާ ކުރާ ޢަދަދުވެސް އިތުރުކުރާނެ ކަމަށް ބޮރިސް ވިދާޅުވިއެވެ.

ބޮރިސްގެ މި ޕްލޭން އިތުރު ތަފުޞީލުތަކާއެކު ހޯމަ ދުވަހު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނަ އެވެ. އެހެންނަމަވެސް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ބޮރިސްގެ މިޕްލޭންގައި އަދިވެސް ޖަވާބު ނުލިބޭ އެތައް ކަމެއް އެކުލެވޭ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި އެކި ގޮތަށް ޢަމަލު ކުރަމުންދާތީ މިކަމުގެ މަޤުޞަދު ޙާޞިލުވާނެ މިންވަރާ މެދު އެފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް