ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ކޮވިޑް-19 ޗައިނާގެ ހާލަތު

ލޮކްޑައުން އުވާލިފަހުން ވުހާންއިން ކޮވިޑް-19 ގެ ފުރަތަމަ ކްލަސްޓަރ ފެނިއްޖެ

  • ވުހާން އިން އަލަށް ޕޮޒިޓިވްވި މީހުންނަކީ އެއް ތަނެއްގައި ދިރިއުޅުނު ބައެއް
  • ޕޮޒިޓިވްވި މި މީހާއަކީ ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ އަލާމާތެއް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވި މީހެއް
  • ޖިލިން ޕްރޮވިންސްގެ ޝުލާން އިން ހޮނިހިރު ދުވަހު ވަނީ އައު ކްލަސްޓަރ އެއް ފެނިފަ

ކ. މާލެ | 11 މެއި 2020 | ހޯމަ 11:09 | 5,024

ބެއިޖިންގ ގެ ސަބްވޭގައި މީހުން މާސްކް އަޅައިގެން ހިނގާފައި ދަނީ - ރޮއިޓަރސް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވުހާން ސިޓީންނެވެ. ޑިސެންބަރ މަހުގެ 31 ވަނަ ދުވަހު ވުހާންގައި މިވައިރަސް ފެތުރޭކަމަށް ރަސްމީކޮށް އިޢުލާނު ކުރިއިރު މިހާތަނަށް މިވައިރަސް ދުނިޔޭގެ ހަތަރު މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ. އަދި ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. މިވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާންއިން ވައިރަސް ފިލާފައިވާކަމަށް ހާމަކޮށްފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ވުހާން އިން ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވްވެގެން ރިޕޯޓުކުރަމުން ނުދާތީ އެވެ.

ނަމަވެސް މަސް ދުވަސް ފަހުން މިވަނީ ވުހާން އިން ކޮވިޑް-19 ގެ އާ ކޭސްތަކެއް ރިޕޯޓުކުރަން ފަށާފަ އެވެ. ހޯމަ ދުވަހު މިވަނީ ލޮކްޑައުން އުވާލިފަހުން ވުހާން އިން ފުރަތަމަ ކުލަސްޓަރ ފެނިފަ އެވެ. އެއާއެކު މުޅި ޗައިނާގައި ވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ކުރަމުންދާ މަސައްކަތްތަކާމެދު މިވަނީ އަނެއްކާވެސް ވިސްނަން ޖެހިފައެވެ.

ވުހާން އިން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ އެއް ތަނެއްގައި ދިރިއުޅެމުން އައި ބައެކެވެ. އެތަނުން އެކަކަކީ އާދިއްތަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓުކުރި މީހާގެ އަންހެނުންނެވެ. ފުރަތަމަ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 89 އަހަރުގެ މީހާއެވެ. އޭގެފަހުން އޭނާގެ ފުށުން އޭނާގެ ޢާއިލާއަށް ވަނީ ވައިރަސް ޖެހިފައެވެ.

ފަހުން ޕޮޒިޓިވްވި މި މީހާއަކީ ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ ޢަލާމާތެއް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވި މީހެއްކަމަށް ޗައިނާގެ އޮފިޝަލުން ބުނެއެވެ. އެއާއެކު އޭނާގެ ހަށިގަނޑުގައި ވައިރަސް ހުރިކަމުގެ ނިޝާނެއް ނެތި އެހެން މީހުންނަށް ވައިރަސް ޖެހުމުގެ ފުރުޞަތު ފަހިވެގެންދިޔައީ އެވެ.

މިގޮތައް ޗައިނާގައި ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ސީދާ ޢަދަދެއް ނޭނގެއެވެ. އެއީ އެމީހުން އެނގެނީ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިޔަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގ އިން ކަމަށްވާތީ އެވެ. އަދި ޗައިނާގައި ވައިރަސް ޖެހިގެން ހާމަކުރަމުންދާ ޢަދަދުތަކުގައި އެގޮތަށް ވައިރަސް ޖެހޭ މީހުންގެ ޢަދަދުތައް ހާމަކުރަމުންނެއް ނުދެއެވެ. މިހާތަނަށް ޗައިނާއިން ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 82،918 މީހުންނެވެ. މި މީހުންނަކީ ހަށިގަނޑުގައި ވައިރަސް ހުރިކަމުގެ އަލާމާތްތައް ފެނިގެން ވައިރަސްއަށް ޕޮޒިޓިވްވިކަން އެނގިފައިވާ މީހުންނެވެ.

އެހެންނަމަވެސް ޗައިނާގެ އޮފިޝަލުން ބުނާގޮތުގައި ވުހާންގައި ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ އަލާމާތެއް ނުފެންނަ އެތައް ސަތޭކަ މީހުންނެއް އުޅެއެވެ. އަދި އެމީހުންގެ ކަންކަން އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން މޮނިޓަރ ކުރަމުން އަންނަކަމަށް އެޤައުމުން ބުނެއެވެ.

ޗައިނާގައި ވައިރަސް ޖެހިގެން އޭޕްރީލް މަހު ރިޕޯޓް ކުރަމުން އައިސްފައިވަނީ ވަރަށް މަދުންނެވެ. އޭގެ ސަބަބަކީ މުޅި ޗައިނާގައި ކުރިޔަށް ގެންދިޔަ ސްކްރީނިންގ އާއި ވައިރަސް އަށް ޓެސްޓް ކުރުމުގެ ކަންކަމުގެ އިތުރުން ކަރަންޓީނު ގައި މީހުން ބޭތިއްބުމެވެ.

ޗައިނާ ސަރުކާރުން ހުކުރު ދުވަހު ބުނެފައިވަނީ ސިނަމާތަކާއި، މިޔުޒިޔަމްތައް އަދި އެހެނިހެން މުނިފޫހިފިލުވުމުގެ ތަންތަން ހުޅުވާލާނީ މަޑުމަޑުން ކަމަށެވެ. ނަމަވެސް އެތަންތަނުގައިވެސް ވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އަޅާތޯ ޔަޤީންކުރާނެކަމަށާއި ވަކި ޢަދަދަކަށް އެތަންތަނަށް މީހުން އެއްފަހަރާ ވެއްދުންފަދަ ޤަވާއިދުތައް ހަދާނެކަމަށް އެޤައުމުން ވަނީ ބުނެފަ އެވެ.

ފާއިތުވި ދެ މަސްދުވަހު ޗައިނާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓުކުރަމުން އަންނަނީ މީހުން ދިރިއުޅޭ ތަންތަނުންނާއި ހޮސްޕިޓަލް ތަކުންނެވެ. އަނެއްކޮޅުން ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ދެކުނު ކޮރެއާ އިންވެސް ވަނީ މަސްދުވަސް ފަހުން އާދިއްތަ ދުވަހު ވައިރަސްއަށް މީހުން ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފަ އެވެ.

ޗައިނާގެ އިރު އުތުރު ސަރަހައްދު

ވުހާންއިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންނާއެކު ޗައިނާގައި ވައިރަސް ޖެހޭ މީހުންގެ ޢަދަދުތައް ވަނީ މައްޗަށް ގޮސްފަ އެވެ. އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ފަހުން ޗައިނާއިން އެންމެ ގިނަ ޢަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. މެއި މަހުގެ 9 ވަނަ ދުވަހު އެޤައުމުން 14 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 10 ވަނަ ދުވަހު އެ ޢަދަދު ވަނީ 17ށް އަރާފައެވެ.

މެއި މަހުގެ 10 ވަނަ ދުވަހު ފެނުނު 17 ކޭސްގެ ތެރެއިން ހަތް ކޭސްއަކީ އެޤައުމަށް އެތެރެވި މީހުންނެވެ. އެއީ ޗައިނާގެ އިރު އުތުރު ޞަރަޙައްދުން ފެނުނު ކޭސްތަކެވެ. މީގެއިތުރުން އިރު އުތުރު ޖިލިން ޕްރޮވިންސްގެ ޝުލާން އިން ހޮނިހިރު ދުވަހު ވަނީ އައު ކްލަސްޓަރ އެއް ފެނިފައެވެ. ޝުލާން އަކީ މިވަގުތު ވައިރަސްގެ ނުރައްކާތެރިކަން ކުޑަކަމަށް ހާމަކޮށްފައި ނުވާ ހަމައެކަނި ސިޓީ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ޗައިނާގެ ހުރިހާ ސިޓީތަކަކީ ވައިރަސްގެ ނުރައްކާތެރިކަން ކުޑަ ސިޓީތަކެއްގެ ގޮތުގައި ޗައިނާގެ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.