ކ. މާލެ
|
10 މެއި 2020 | އާދީއްތަ 16:06
މޯލްޑިވިއަންގެ ސީޕްލޭން ޕްޒިޓިވްވި މީހުންތަކެއް ގޮވައިގެން - ބަލި މީހުން އުފުލުމުގައި މޯލްޑިވިއަންގެ ދައުރު ބޮޑު
މޯލްޑިވިއަންގެ ސީޕްލޭން ޕްޒިޓިވްވި މީހުންތަކެއް ގޮވައިގެން - ބަލި މީހުން އުފުލުމުގައި މޯލްޑިވިއަންގެ ދައުރު ބޮޑު
ރާއްޖެއެމްވީ
ކޮވިޑް19: މޯލްޑިވިއަންގެ ޚިދުމަތް
އަމިއްލަ ފުރާނަ ރިސްކު ކުރުމަށްފަހު، އެހެން މީހުން ސަލާމަތް ކުރުމަށް މޯލްޑިވިއަންގެ މުވައްޒަފުން ޚިދުމަތުގައި
 
ކޮވިޑް ޕޮސިޓިވް ކޭސްތައް އުފުލަން ޖެހިދާނެ ކަމަށް ކުރިން ހީވެފައިވެސް ނެތް
 
މުވައްޒަފުން މަސައްކަތް ކުރަމުންދަނީ އަމިއްލައަށް އިސްނަގައިގެން
 
ޚިދުމަތައް ނުކުމެ ތިބީ މަސައްކަތުގެ ރިސްކް އެނގި ތިބެ

ކޮވިޑް-19 ގެ ބިރުވެރި ރޯގާއާއެކު މުޅި ޤައުމު މިވަނީ ނާމާން ކަމެއްގެ ތެރޭގައެވެ. މި ބިރުވެރި ހާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ އެތައް ބަޔަކު އެބަ ތިއްބެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ސިއްހީ އެހެން ޚިދުމަތްތެރިންނެވެ. ސަލާމަތީ ބާރުތަކުގެ އޮފިސަރުންނެވެ. ކުނިކަހާ، ކުނި ނަގާ ފަރާތްތަކާއި އެ ނޫން ވެސް އެތައް ބައެކެވެ. މީގެ ތެރޭގައި ރަށްރަށުން ބައްޔަށް ފައްސިވާ މީހުންނާއި، އެމީހުންގެ ކޮންޓެކްޓްތަކާއި، ބަލީގެ ސާމްޕަލް ހިފައިގެން ދަތުރު ކުރުމަށް ވުރެ ނުރައްކާ ބޮޑު އެހެން ކަމެއް އޮންނާނެ ބާވައެވެ؟ މި ނުރައްކާތެރި މަސައްކަތްތައް އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ކުރަމުން އެނގެންދަނީ ދިވެހި ގައުމީ އެއަރލައިން - މޯލްޑިވިއަންގެ ހިތްވަރު ގަދަ މުވައްޒަފުންނެވެ.

ބަޔަކު ލަފާ ވެސްކޮށްފައި ނެތް މިހާލަތު, މި ކުޑަކުޑަ ރާއްޖެއާ ބައްދަލުވެ، ދުވަހުން ދުވަހަށް ބިރުވެރިކަން ބޮޑުވަމުން ދާއިރު، ރަށްތައް ފުރަބަންދުވެ، ކުންފުނިތަކާއި އޮފީސްތަކުގެ މަސައްކަތްތައް ހުއްޓާލާ، އިގްތިސާދު ތަޅު ލެވިފައި އޮތަސް މޯލްޑިވިއަންގެ މުވައްޒަފުންގެ މަސައްކަތައް އެއްވެސް ލުއި ކަމެއް ނެތެވެ. އޭގެ ބަދަލު ވެފައި އެމީހުންގެ މަސައްކަތް އިތުރަށް މާބޮޑަށްވެސް ސީރިއަސް ވީއެވެ. މަތިންދާ ބޯޓްތަކާއި ސީޕްލޭންތައް ވެސް މެދުކެނޑުމެއް ނެތި އެދަނީ އުދުހެމުންނެވެ. އާންމު ހާލަތެއްގައެއް ނޫނެވެ. އާންމު ފްލައިޓްތަކެއް ވެސް ނޫނެވެ. ކެޕްޓަނުންނާއި ކުރޫއިން އާންމު ޔުނިފޯމުގައެއްގަ ވެސް ނޫނެވެ.

މޯލްޑިވިއަންގެ މި އޮޕަރޭޝަންތައް ކުރިއަށް ގެންދާ ގޮތާއި، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ގޮތް އެޕްރީލް މަހުގެ 9 ވަނަ ދުވަހު މީޑިއާތަކަށް ދައްކާލިއެވެ. ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނާއި، ބަލި ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލް ތައް ރަށްރަށުން ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ސީޕްލޭން ތަކަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަށް އައިސް ފްރަންޓްލައިންގައި ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވާ އެކުންފުނީގެ މުވައްޒަފުންނާ ބައްދަލުވެ އެމީހުންގެ މަސައްކަތްތަކާ ބެހޭ ގޮތުން މި ލިބުނު ފުރުސަތުގައި ވާހަކަ ދައްކާލެވުނެވެ.

މި ގޮތުން ފުރަތަމަ ބައްދަލުވި ފަރާތަކީ ސީ ޕްލޭންގެ އޮޕަރޭޝަން މެނޭޖަރ މުހައްމަދު ގުދުރަތުﷲ އެވެ. ގުދުރަތު ކިޔައިދިން ގޮތުގައި، ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން ސީޕްލޭންގައި އުފުލަން ޖެހިދާނެ ކަމަށް ކުރިން ވިސްނިފައެއް ނެތެވެ. ގުދުރަތު މިވާހަކަތައް ކިޔައި ދިން ވަހަކީވެސް ބައްޔަށް ފައްސިވި 23 މީހުން ސީޕްލޭންގައި އުފުލި ދުވަހެކެވެ.

މިކަން ސްޓާޓްކުރި އިރުގައި އެއްވެސް ވަރަކަށް ނުވިސްނަން ޕޮޒިޓިވް ކޭސްތައް އުފުލާނެކަމާމެދު. ނިންމާފަ އޮތީ ކަނޑުމަގުންނޭ ޓްރާންސްފަރ ކުރާނީ. މިއަދުވެސް ގާތްގަނޑަކަށް 23 ޕޮޒިޓިވް ކޭސް އުފުލި. ކޮވިޑާއި އެކު އުޅެންޖެހޭނީ. އެގޮތަށް ނިންމައިގެން މިހިރީ. އިކޮނޮމީއަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ. އެކަމާ ކުރިމަތިވެސް ލާންޖެހޭނެ. މި ބަލަނީ ވިހާވެސް އަވަހަކަށް ބޯޑަރުތައް ހުޅުވި، މެއިން އޮޕަރޭޝަން ފެށޭނެ ދުވަހަކަށް.
ސީ ޕްލޭންގެ އޮޕަރޭޝަން މެނޭޖަރ މުހައްމަދު ގުދުރަތުﷲ

ބައްޔަށް ފައްސިވެފައިވާ މީހުން އުފުލަން ބަލާއިރު ސީޕްލޭންގެ ޖާގަ ކުޑަވުމަކީވެސް ބޮޑު މައްސަލައެކެވެ. އެއީ ވަރަށް ބޮޑު ރިސްކެކެވެ.

ބަލި މީހުން އުފުލުމުގައި ރައްކާތެރި އުސޫލުތަކެއް އޮންނަނީ ކަނޑައަޅާފައިވެ އެވެ. އެގޮތުން "ޕޮޒިޓިވް" ކޭސް އުފުލަނީ، ހުރިހާ ކުރޫއިން ތިބެނީ ހަޒްމަޓް ސޫޓުގައެވެ. "ސަސްޕެކްޓް" ކޭސްއެއް އުފުލާ ކަމަށް ވާނަމަ ބޭނުންކުރަނީ ގައުންއެވެ. އަދި ނޯމަލް ކޭސްއެއް، ނޫނީ ކަރަންޓީނު ނިންމާފައި އަންނަ ނުވަތަ ލޮކްޑައުން ކަރަންޓީނަކަށް ގެންދާ ފަރާތްތަކަށް ބޭނުންކުރަނީ މާސްކާއި އަންގި އެކަންޏެވެ.

ގުދުރަތު ކިޔައިދެއްވި ގޮތުގައި، ކަމާ ބެހޭ އިސް މުވައްޒަފުންނާ މަޝްވަރާކޮށް މި ބިރުވެރި އޮޕަރޭޝަން ހިންގުމަށް ކްރޫން ވަނީ ޓީމު ތަކަކަށް ބަހާލައިފަ އެވެ. ކޮންމެ މަތިންދާ ބޯޓަކަށް ވެސް ވަކި ކްރޫންތަކެއް އޮންނަނީ ކަނޑައަޅާފައެވެ.

"ދެން އެބަޔަކު އުޅޭނީ އެ ކްރޫ ސެޓާ އެކު. ކަމެއް ދިމާވެއްޖެ ހާލަތެއްގައި މިސާލަކަށް މާލޭގެ ގެތަކުގައި އުޅޭ ކަމަށްވާނަމަ އެ ހިސާބު ލޮކްޑައުން ކުރީ. މާލެ ލޮކްޑައުން ކުރިއިރު ދިމާވި އެއް ކަމަކީ އަޅުގަނޑުމެންގެ ޓްރެއިނިނގް ކެޕްޓަން ދިރިއުޅެމުންދިއަ ގެއަކީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި ކޭސް ފެނުނުގެއާއި ޖެހިގެން ހުރި ގެއެއް. ޕޮޒިޓިވްވި ކޭސްއެއް ފެނުމުން އޮފީހަށް ނާދެވިވެސް ތިބި. ގާތްގަޑަކަށް ދެ ހަފްތާ މަޑުކުރުމަށްފަހު ނުކުތީ. ޕޮޒިޓިވް ކޭސްތައް އަޅުގަނޑުމެން އުފުލާނީ އެންމެ ކުރޫ ސެޓެއް ލައްވާ. ދެން އެކްރޫސެޓް އައިސޮލޭޝަނަކަށް ދާންޖެހިއްޖެ ހާލަތެއްގައި ދެވަނަ ސެޓެއް އަންނާނެ. ދެން އެއަށްފަހު އަޅުގަނޑާ [މޯލްޑިވިއަންގެ ސީޕްލޭންގެ ޗީފް ޕައިލެޓް] މޫސާ މަންސޫރާ ވެސް ހުންނާނެ. މަތިންދާ ބޯޓަށް އަރާ ދުއްވޭ ގޮތަށް މިތިބެނީ ރެޑީގައި."
ސީ ޕްލޭންގެ އޮޕަރޭޝަން މެނޭޖަރ މުހައްމަދު ގުދުރަތުﷲ
ސީ ޕްލޭންގެ އޮޕަރޭޝަން މެނޭޖަރ މުހައްމަދު ގުދުރަތުﷲ - މޯލްޑިވިއަންގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ އަމިއްލަ އަށް އިސްނަގައިގެން

ގުދުރަތު ވިދާޅުވި ގޮތުގައި މި ނުރައްކާތެރި އޮޕަރޭޝަންގައި ކުރޫން ދެމި ތިބީ އަމިއްލައަށް އިސްނަގައިގެން، އަމިއްލަ އަށް މި ޚިދުމަތް ދޭން ބޭނުން ވެގެންނެވެ. މިއީ ރޯދަ މަސް ކަމަށް ވެފައި، ކުރިމަތިވެފައިވާ ހުރަސްތަކާއެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެހެން ނަމަވެސް މުވައްޒަފުން މަސައްކަތުގައި އުޅެމުން ދަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަން އެނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާތަނަށް އެއްވެސް މުވައްޒަފަކު ހިތްހަމަ ނުޖެހިގެން ޝަކުވާ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް ގައުމީ އެއާލައިންގެ މެނޭޖްމެންޓުން ވަރަށް އުފާކުރެ އެވެ.

މިތާނގައި ސްޓޭޝަން ވެގެން ތިބޭނެ ކުރޫއިން ތައްވެސް. ޕޮޒިޓިވް ކޭސްތައް ނިންމާފައި އައިސް އެބޭފުޅުންދާނީ އެމްއޭސިއެލްގެ ފަޔަރ އެންޑް ރެސްކިއު ތަނަށް ގޮސް އެތަނުގެ ޗެމްބާއިން ޑިސްއިންފެކްޓް ކޮށްގެން މިކޮޅަށް އައިސް 2 ގަޑިއިރު ކޮށްފައި މަޑުކުރާ ގޮތަކަށް، ކްރޫއިން ކައި ބޮއި ނިދާ ހުރިހާ ކަމެއް ކުރަނީ މިތާގައި.
ސީ ޕްލޭންގެ އޮޕަރޭޝަން މެނޭޖަރ މުހައްމަދު ގުދުރަތުﷲ

ގުދުރަތުގެ އުއްމީދަކީ މިކަން އަވަހަށް ކޮޅެއްގައި ޖެހި ވީހާވެސް އަވަހަކަށް އާއްމު ހާލަތައް ރުޖޫއަވުމެއެވެ. އޭވިއޭޝަންގައި މަސައްކަތް ކުރާ މީހުންނަކި ފުދޭވަރަކަށް ދިގު ޑިއުޓީ އަދާކުރާ ބައެކެއެވެ.

މީގެ އިތުރުން ގުދުރަތުﷲ ވިދާޅުވީ، މި އޮޕަރޭޝަންގައި ދިމާވާ ކަންތައްތަކުގައި، ސިވިލް އޭވިއޭޝަންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރެކަމެއް ލިބޭ ކަމަށެވެ.

ގުދުރަތުﷲ ފާހަގަ ކުރެއްވި ގޮތުގައި، މިއީ ފުދޭވަރަކަށް އަގުބޮޑު މަސައްކަތެކެވެ. މިކަން ކުރަނީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެންނެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުހައި މިއީ އެއްބާރުލުން ދީގެން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެގެން ނޫނީ ހިންގޭނެ ފަދަ އޮޕަރޭޝަނެއް ނޫނެވެ.

މޯލްޑިވިއަންގެ ސީޕްލޭންގެ ޗީފް ޕައިލެޓް މުސްތަފާ މަންސޫރު އިންޓަރވިއު ދެއްވަނީ - ރިސްކު ބޮޑު އެހެންނަމަވެސް ޚިދުމަތުގައި ތިބީ ގައުމީ ކަމެއްގެ ގޮތުގައި

އޭވިއޭޝަން ދާއިރާގައި ގާތްގަނޑަކަށް 20 އަހަރު ޚިދުމަތުގައި ހޭދަކޮށްފައިވާ މޯލްޑިވިއަންގެ ސީޕްލޭންގެ ޗީފް ޕައިލެޓް މުސްތަފާ މަންސޫރު ވިދާޅުވީ، މި އޮޕަރޭޝަންގައި މީހުން ކަނޑައަޅާފައި ތިބީ އަމިއްލަ އިހުތިޔާރުގައި މަސައްކަތުގައި އުޅެން ބޭނުން ވެގެން ކަމަށެވެ. މަންސޫރާ ނޫސްވެރިން ބައްދަލުވެ ވާހަކަ ދައްކަމުން ދިޔަ ވަގުތަކީވެސް ޕޮޒިޓިވްވި ކޭސްތަކެއް ބޯޓުގައި އުފުލި ވަގުތެކެވެ. މަންސޫރު ވިދާޅުވީ، ހެޒްމެޓް ސޫޓުގައި އެމަސައްކަތުގައި ކުރޫއިން އުޅެމުންދަނީ ރިސްކު ނަގައިގެން އާއިލާއާއި ދުރުގައި ކަމަށެވެ.

އެކެރީކުރީ ހެޒްމެޓް ސޫޓްގައި ޕޮޒިޓިވް ކޭސްތަކެއް. އަނެއްކާ ވެސް އެ ރެޑީ ވަނީ އަނެއް ޕޮޒިޓިވް ކޭސް ބަލާ ދިއުމަށް. އާއްމު ގޮތެއްގައި ކޮންމެ ކުރޫ ސެޓެއް މަސައްކަތް ކުރާނީ 5 ގަޑި އިރު. ކުރޫ ސެޓެއްގައި އުޅޭނީ 3 މީހުން. ކެޕްޓަނަކާއި ފަސްޓް އޮފިސަރަކާއި ކެބިންކުރޫއެއް. މި އޮޕަރޭޝަނުގައި ކުރޫސެޓްތައް ހުންނާނީ ޕެއަރ ކޮށްފައި. ކޮންމެ ދުވަހަކު ވެސް އުޅޭނެ އެއް ކުރޫ ސެޓެއް ސޭމް އެއަރކްރާފްޓްގައި ޕެއަރކޮށްފައި. މީހަކު އައިސޮލޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި އެމީހުން އައިޑެންޓިފައި ކުރަން ފަސޭހަގޮތަށް. ގިނަ ކުރޫއިން މިހާރު އުޅެމުންދަނީ ވެސް ސީޕްލޭން ބޭސްގައި.
މޯލްޑިވިއަންގެ ސީޕްލޭންގެ ޗީފް ޕައިލެޓް މުސްތަފާ މަންސޫރު
މޯލްޑިވިއަންގެ ސީޕްލޭނުން ބަލި މީހުން ބޭލުމަށްފަހު ޑިސްއިންފެކްޓް ކުރަނީ - ކުރޫއިން މަސައްކަތް ކުރަމުންްދަނީ ރައްކާތެރިކަމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން

ބަލި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް މުޅި އޮޕަރޭޝަނުގައި 9 ކުރޫ ސެޓާއި 7 ކްރާފްޓް ބޭނުން ކުރެއެވެ. އެޗްޕީއޭ އިން ދީފައިވާ ގައިޑްލައިން ތަކަށް ފުރިހަަމަ އަށް އަމަލު ކުރި ނަމަވެސް މިއީ ފުދޭވަރަކަށް ބޮޑު ރިސްކެއް ކަމަށް މަންސޫރު ވިދާޅުވިއެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މިހާތަނަށް މުވައްޒަފަކަށް ހިތާމަވެރި ކަމެއް ކުރިމަތި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޕްރިކޯޝަނަރީ މެޝާރސްތައް ނަގައިގެން ކުރާއިރު ވެސް މިއީ ރިސްކީ މަސައްކަތެއް. މިހާތަނަށް އަދި ހިތާމަވެރި ހަބަރެއް ޓީމު ތެރެއިން ލިބިފައެއް ނުވޭ.
މޯލްޑިވިއަންގެ ސީޕްލޭންގެ ޗީފް ޕައިލެޓް މުސްތަފާ މަންސޫރު
މޯލްޑިވިއަންގެ ސީޕްލޭން - މި ދުވަސްވަރު ދަތުރުކުރަމުންދަނީ އޮން ޑިމާންޑަށް

މޯލްޑިވިއަނުން މިހާރު ކުރަމުންދާ ދަތުރުތަކަކީ އޮން ޑިމާންޑަށް ކުރާ ދަތުރުތަކެއެވެ. ކުރިން ކުރާ ދަތުރުތަކާއި ޚިލާފަށް މުޅިން އަލަށް އެތައް ރަށްރަށަށް ވެސް ދަތުކުރަން ޖެހެއެވެ. އާ ރައްތަކަށް ދާއިރު އެ މާހައުލަކީ މުޅިން އައު ތަންތަން ކަމަށްވުމާއެކު ބޯޓު ޖައްސާނެ ތަންތަން ދެނެގަތުން ފަދަ އުނދަގޫ މައްސަލަތައް ކުރިމަތިވާކަން ފާހަގަ ވެފައިވެއެވެ.

2004 ވަނަ އަހަރުން ފެށިގެން ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކެޕްޓަން މަންސޫރު ވިދާޅުވީ ފަތުރުވެރިކަން މި ދުވަސްވަރު އެއްކޮށް ހުއްޓިފައި އޮތަސް މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. މިހާރުގެ ސީޕްލޭން އޮޕަރޭޝަންތައް ހިނގަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްޕޯސް އާ ގުޅިގެންނެވެ. ގައުމީ ޓަސްކްފޯހުން އަންނަ އޯޑަރާ އެކު ބޯޓު އުުދުއްސާލުމަށް ތިބެނީ ތައްޔާރަށެވެ މަންސޫރު ވިދާޅުވީ މަސައްކަތުގެ ރޭޓަށް ބަލާއިރު ހައި ސީޒަންއެކޭ މިހާރެކޭ ތަފާތެއް ނެތެވެ.

މޯލްޑިވިއަންގެ މުވައްޒަފުންތަކެއް މަސައްކަތުގައި - މި އޮޕަރޭޝަނުގައި އިންޖީނިއަރުންގެ ދައުރު ވަރަށް ބޮޑު

ވައިގެ ދަތުރުފަތުރު ޚިދުމަތަކީ ކޮންމެ ހާލަތެއްގައިވެސް ވަކި ފެންވަރެއްގައި ވަކި މިންގަނޑެއްގައި ޚިދުމަތްތައް ބަހައްޓަންޖެހޭ މަސައްކަތަކަށް ވުމާއެކު، ވެހިކަލް އޮޕަރޭޓް ކުރުމުން ފެށިގެން، ފަސިންޖަރުން ޗެކިން ކުރުމާއި، ބޯޓުން މީހުން ބޭލުމާ މިހެން ގޮސް އޮފަރޭޝަނާ ބެހޭ އެކި މަސައްކަތްތަކުގައި ބޮޑު ޓީމެއް ހަރަކާތެރި ވަމުން ދެއެވެ. މޯލްޑިވިއަންގެ މުވައްޒަފުންގެ މަަސައްކަތްތައް ހުންނަ ގޮތުން ދޭހަވާ އެއްކަމަކީ، ރައްކާތެރިކަމާއެކު އެއްބަޔަކަށް ގޭގައި މި ތިބެވެނީ އެހެން ބަޔަކު ރިސްކު ނަގައިގެން ނުކުމެ މަސައްކަތުގައި އުޅޭތީ ކަމުގައެވެ.

ގްރައުންޑް މެނޭޖަރ އިބްރާހިމް ހަލީމް ހަސަން - ބޭނުންވަނީ މިހާލަތުން އަވަހަށް އަރައިގަތުމަށް

މޯލްޑިވިއަން އިން ކޮވިޑް-19 އާ ގުޅިގެން ދެމުންދާ ޚިދުމަތަކީ، ވައިގެދަތުރުފަތުރުގެ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ފަރާތްތަަކަށް ވެސް ފަސޭހަ މަސައްކަތަކަށް ނުވެއެވެ. ދާއިރާގެ ތަޖުރިބާކާރުންނާ ވާހަކަ ދައްކާލުމުން އެކަން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަ ވެއެވެ.

ގްރައުންޑް މެނޭޖަރ އިބްރާހިމް ހަލީމް ހަސަން ވިދާޅުވީ އޭވިއޭޝަން އިންޑަސްޓްރީގައި އޭނާ ހޭދަކުރި ދިގު މުއްދަތުގައި ދުވަހަކު ވެސް މިކަހަލަ ދުވަހެއް އައިސްދާނެ ކަމަށް އުއްމީދު ވެސް ނުކުރައްވާ ކަމުގައެވެ. ނަމަވެސް އޭނާ ވިދާޅުވީ، މިހާރު މިއޮތީ އެފަދަ ހާލަތެއް އައިސްފައި ކަމަށާއި، ދެން އޮތީ އެންމެން އެކީ ގުޅިގެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށް މިހާލަތުން އަރައިގަތުމަށް ހިތްވަރު ކުރުން ކަމަށެވެ.

"އޮޕަރޭޝަނަލީ އެހާ ބޮޑު މައްސަލަތަކެއް މިހާތަނަށް ދިމަލެއް ނުވޭ. ނަމަވެސް ފެށުނުއިރު ވަރަށް ބޮޑު ޗެލެންޖަކަށްވި. ކުރިން ޕްލޭނެއް ނެތި ކުއްލިއަކަށް މިކަމުގެ ތެރެއަށް ވަންނަން ޖެހުމާއި، ނަމަވެސް މިހާރު މަޑުމަޑުން ޑެއިލީ ދިމާވާ މައްސަލަތައް ބަލާ އެކަންކަން ޓެކްލް ކުރަމުން މިދަނީ"
ގްރައުންޑް މެނޭޖަރ އިބްރާހިމް ހަލީމް ހަސަން

މޯލްޑިވިއަން އަކީ ގައުމީ އެއާރލައިނަށް ވެފައި، ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ގައުމީ ރޫހުގައި މަސައްކަތް ކުރުމުގެ އެ އިހުސާސް މުވައްޒަފުންގެ ހުންނާނެ ކަމަށް އަބަދުވެސް ދެކެމުން އަންނަ ކަމަށް ހަލީމް ވިދާޅުވިއެވެ. އެއާއެކު ހަލީމް ވެސް ތަކުރާރު ކުރެއްވީ ހަމަ އެއް ވާހަކަ އެކެވެ. އަމިއްލަ އަށް ފެނިގެން، ބޭނުން ވެގެން އިސްނަގައިގެން މުވައްޒަފުން މި އޮޕަރޭޝަނުގައި ބައިވެރިވަމުންދާ ވާހަކައެވެ.

މޯލްޑިވިއަންގެ ބައެއް އިންޖިނޭރުން ފާހަގަކުރި ގޮތުގައި މޯލްޑިވިއަންއަކީ ގައުމީ އެއާލައިނަށް ވީނަމަވެސް ކުރިން އެކަން އިހުސާސް ނުވާ މިންވަރަށް މި ހައްސާސް ދަނޑިވަޅުގައި އެކަން އިހުސާސް ކުރެވޭ ކަމަށެވެ. އެއީ ކުރިން ސީޕްލޭންގެ ޚިދުމަތް އަމާޒުވެފައި އޮތީ ފަތުރުވެރިން ދަތުރު ކުރުމަށް ކަމަށް ވާތީ ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

އިންޖީނިއަރ ގްރޭޑް 2، އަހުމަދު އަފްޒަލް - މި ދަނޑިވަޅުގައި މުވައްޒަފުންނާއި ކައިރިން މަސައްކަތުގައި ބައިވެރިވާން ދަތި

އިންޖީނިއަރ ގްރޭޑް 2، އަހުމަދު އަފްޒަލް ވިދާޅުވީ، އިންޖިނިއަރިންގެ ގޮތުގައި އެންމެން އެކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވިފައިވާނެ ކަމަށާއި، އުފާވެރި މަޖާ މާހައުލެއްގައި ކުރަމުން އައި މި މަސައްކަތް ވެސް ކުރަން މިހާރުވެފައި މިވަނީ އިޖްތިމާއި ގައި ދުރުކަމެއްގައި ތިބެ ކަމަށެވެ. މިއީ އިހުސާސްކުރަން ވަރަށް އުނދަގޫ ހާލަތެއް ކަމަށާއި، ޖޫނިއަރ މުވައްޒަފުންނާއި އެކުވެސް ކައިރިން މަސައްކަތުގައި ބައިވެރިވާން ބޭނުންވި ނަމަވެސް ކުޑަކޮށް އުނދަގޫ ކަންތައްތަކެއް އަންނަ ކަމަށެވެ. އަފްޒަލް ވިދާޅުވީ މާޒީއަށް ބަލާއިރު ރާއްޖެއަށް ދަތި އުނދަގޫ ހާލަތު ތަޖްރިބާ ކުރަން ޖެހުނު ނަމަވެސް އޭނާގެ 14 އަހަރުވީ ކެރިއަރުގައި މިއީ ދިމާވީ އެންމެ ތަދި ހާލަތު ކަމަށެވެ. މުސްތަގުބަލުގައި ވާނެ ގޮތް ބުނެދޭންވެސް ފަސޭހަ ނޫން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ޓޫރިޒަމަށް މިކުރާ އިމްޕެކްޓް ފިއުޗަރގައި އަޅުގަނޑުމެންނަށް ވަރަށް ކައިރިން ފެނިގެންދާނެ. ހަގީގަތުގައި އެއަރލައިނެއް ރަން ކުރުމުގައި އެއަރލައިނަށް ބޭނުންވާ ޕެސެންޖަރުން ނުވަތަ ސާވިސް ފޮރޮންޓް އޮފީސް މިހުރިހާ ކަންތަކެއް މިހާރު މިހިރީ ޑެޑް (މަރު) ވެފައި.
އިންޖީނިއަރ ގްރޭޑް 2، އަހުމަދު އަފްޒަލް

އަފްޒަލްގެ ވެސް އެންމެ ބޮޑު އުއްމީދަކީ ވީހާވެސް އަވަހަކަށް މިކަމުން އަރައިގަނެ މަސައްކަތް ކުރިއެކޭ ވެސް އެއްގޮތަށް ހިނގައި ގަތުމެއެވެ.

އިންޖިނިއަރިން ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އަންނަ އިންޖިނިއަރ ގްރޭޑް1، އަލީ ފަރުދާން ފިކުރީ ވިދާޅުވީ، މި ދަނޑިވަޅުގައި އިންޖިނިއަރުންގެ ރޯލް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި، އެކަން އަމިއްލަ އަށް ވެސް އިހުސާސް ކުރެވޭ ކަމަށެވެ.

ދުވާލު ގަޑީގައި އޮޕަރޭޝަންތައް ކޮށްނިމޭއިރު އޮންނަނީ 6:30 ވެފައި، އެހެންވީމާ ހުރިހާ ޝެޑިއުލް މަސައްކަތެއް ކުރަނީ ރޭގަނޑު ގަޑީގައި. ދުވާލު ގަޑީގައި އޮންނާނީ ބޭސް މެއިންޓެނެންސް މަސައްކަތްތައް.
އިންޖިނިއަރ ގްރޭޑް1، އަލީ ފަރުދާން
މޯލްޑިވިއަންގެ ސީޕްލޭން - ޕޮޒިޓިވި މީހުން ގޮވައިގެން 2020 މެއި 9 ވަނަ ދުވަހު އައި ސީޕްލޭން

ކޮވިޑް19 އިން ރައްކާތެރި ވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުންފުނީގެ ފަރާތުން ހުރިހާ ސާމާނެއް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ފުރަތަމަ ލޮކްޑައުން އައި އިރު، އޮޕަރޭޝަން ހުއްޓުނު ނަމަވެސް މިހާރު ކުރިއެކޭ އެއްގޮތަށް ބޯޓުތައް ޝެޑިއުލް ކުރެވިފައި ވުމުން އިސްނަގައިގެން އަންނަ މުވައްޒަފުން ގިނަކަމަށް އޭނާ ފާހަގަކުރިއެވެ.

ޒިންމާ ބޮޑު މި މަސައްކަތުގައި އިންޖީނިއަރުންގެ ފަރާތުން ދޭން ޖެހޭ "ފިޓް-ޓު-ފްލައި" ނުދޭހާ ހިނދަކު ޕައިލަޓަކު ބޯޓު ނުދުއްވާނެއެވެ.

ކޮންމެ ދުވަހަކުވެސް އިންނާނެ ޑެއިލީ ޓާސްކު ތަކެއް. އެއީ ކޮންމެ ދުވަހަކު އެއަރކްރާފްޓް ފްލައި ކޮށް ނިންމާފައި އައިސް ކޮމްޕޮރެސް ހަދާނެ، ޑެއިލީ އިންސްޕެކްޝަން ހަދާނެ.
އިންޖިނިއަރ ގްރޭޑް1، އަލީ ފަރުދާން
މޯލްޑިވިއަންގެ މުވައްޒަފަކު މަސައްކަތުގައި - މި ދަނޑިވަޅުގައި ބައެއް މުވައްޒަފުން ތިބީ ސްޓޭޝަންވެގެން

ކޮވިޑް19ގެ ބަލިމަޑުމަކުން ރާއްޖެ ސަލާމަތް ކުރަން ހިތްވަރާ އެކު ކުރީ ކުރީސަފުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވިއަންގެ ޚިދުމަތްތެރި ޕައިލެޓުންނާއި، ކެބިން ކުރޫންނާއި، އިންޖިނޭރުންނާ، މެކޭނިކުންނާއި މިހެން ގޮސް އެންމެ އާދައިގެ މުވައްޒަފުވެސް މި ހާލަތުގައި ދެމެންދާ ޚިދުމަތުގެ އަގު ކިތަންމެހާ ވެސް ބޮޑެވެ. މިފަދަ ނުރައްކަލެއް ކުރިމަތިވި ވަގުތުގައި އަމިއްލަ ފުރާނަ ރިސްކް ކުރުމަށްފަހު އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރަން ނުކުންނާނީ ޝައްކެއްވެސް ނެތް ގޮތުގައި ހިތްވަރުގަދަ ކެރޭ ގައުމާއި ރައްޔިތުންގެ ޚިދުމަތައް ލޯބި ކުރާ މީހުންނެވެ.

ކޮވިޑް-19 މުޅި ރާއްޖެއަށް ފެތުރި، ގައުމު ބިރުވެރި ހާލަތެއްގައި ވަނިކޮށް ކުރީ ސަފަށް ނުކުމެ ޚިދުމަތް ޚިދުމަތް ކުރާ ކޮންމެ މީހަކީ ބަތަލެއް ކަމާމެދު ޝައްކެއްނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
94%
0%
6%
0%
0%
ކޮމެންޓް