ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 18:03
ތުރާބުލްސްއަށް ދިން ޙަމަލާއަކީ ލީބިޔާގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކަ އޮތްކަން ހާމަކޮށްދޭ ކަމެއް:އދ
ތުރާބުލްސްއަށް ދިން ޙަމަލާއަކީ ލީބިޔާގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކަ އޮތްކަން ހާމަކޮށްދޭ ކަމެއް:އދ
އަލް-އަހެދް ނިއުސް
ލީބިޔާ ހަމަނުޖެހުން
ލީބިޔާގެ ތުރާބުލްސްއަށް ދިން ޙަަމަލާ އދ އިން ކުށްވެރިކޮށްފި
 
އދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުން ދަނީ ލީބިޔާ ސަރުކާރަށް ވާގިވެރިވެދެމުން
 
އދ އިން ބުނީ ޙަމަލާއަކީ ދަށު ދަރަޖައިގެ އިންސާނިއްޔަތާއި ޚިލާފު ޢަމަލެއް ކަމަށް
 
ބުރާސްފަތި ދުވަހުގެ ޙަމަލާގައި ދެ ފުލުހަކާއި، ޢާންމުންގެ އެކަކު މަރުވި

ލީބިޔާގެ ވެރިރަށް ތުރާބުލްސްގެ މައި މަރުކަޒަކަށް ދިން އަސްކަރީ ވައިގެ ޙަމަލާ އދ އިން ކުށްވެރިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދިން މިޙަމަލާގައި މަދަނީންގެ އެކަކާއި ދެފުލުހަކު މަރުވިއެވެ.

މި ޙަމަލާއާއި ގުޅިގެން ލީބިޔާގައި ޙަރަކާތްތެރިވާ " ދަ ޔުނައިޓެޑް ނޭޝަންސް ސަޕޯޓް މިޝަން" ޔޫއެންއެސްއެމްއައިއެލް އިން ބުނެފައިވަނީ ކޮންމެ ބަޔަކު ދިނަސް މިޙަމަލާއަކީ އިންސާނިއްޔަތާއި ޚިލާފު ދަށުދަރަޖައިގެ ޢަމަލެއް ކަަމަށެވެ. އަދި އެމިޝަނުން ވަނީ މިޙަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އދ ގެ މިޝަނުން ބުނީ ބަރަކާތްތެރި ރަމަޟާންމަސް، އަމާން ރައްކާތެރި މައްސަރެއްގެ ގޮތުގައި ހޭދަކުރުމުގެ ޙައްޤު ލީބިޔާގެ ރައްޔިތުންނަށް ލިބިގެންވާކަމަށާއި، އެހެންނަމަވެސް ބުރާސްފަތި ދުވަހުގެ ޙަމަލާއިން ލީބިޔާގެ މިނިވަންކަމާއި އިސްތިޤުލާލަށް އޮތް ނުރައްކާ ހާމަވެގެން ހިނގައްޖެކަމަށެވެ. އަދި ނޮވެލް ކޮރޯނާވައިރަސް ( ކޮވިޑް-19) ގެ ދަތި އުދަނގޫ ދުވަސްތައް އެޤައުމުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ މިދަނޑިވަޅުގައި މިފަދަ ޙަމަލާއެއް ދިނުމަކީ ބަލައިގަންނަން އުދަނގޫ ޢަމަލެއްގެ ގޮތުގައި އެމިޝަނުން ސިފަކުރައްވާފައިވެއެވެ.

އަދި މިޙަމަލާއަކީ ލީބިޔާގެ ސިޔާސީ މަސްޢޫލުވެރިން އެޤައުމުގައި ޙަމަލާ ބަދަލުކުރުން ހުއްޓުވާ ސިޔާސި މަޝްވަރާއަކަށް ދިއުމަށް ކުރަމުންދާ މަސައްކަތައް ކުރިމަތި ކުރުވި ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އދ. ގެ މިޝަނުން ވަނީ ސިފަ ކޮށްފައެވެ.

މި ޙަމަލާއައި ގުޅިގެން ހޮނިހިރު ދުވަހު ޢާންމުކުރި ބަޔާނުގައި ވަނީ ލީބިޔާގެ ހަމަނުޖެހުން ޤާއިމު ކުރުމަށް ހުރިހައި އިދާރާއަކުން މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި މަސައްކަތް ކުރަމުންދާއިރު ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ޤާނޫނުތަކުގެ ހުދޫދުތަކުގެ ތެރެއިން ހުރިހައި ފަރާތެއްގެ ޢަމަލުތައްވެސް ބެހެއްޓުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ޞުލްޙަ މަސަލަސްކަން ޤާއިމުކުުރުމުގެ މަސައްކަތް ކޮންމެ ފަރާތަކުން ކުރި ކަމުގައިވީ ނަމަވެސް ، މަދަނީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އިސްކަންދިނުމަށްވެސް ގޮވާލައްވާފައިވެއެވެ.

އަދި ބުރާސްފަތި ދުވަހު ޙަމަލާދިން މީހުންނާއި، އެޙަމަލާ ދިނުމަށް ވާގިވެރިވި ފަރާތްތައް ހޯދާ ބައިނަލްއަޤުވާމީ ޤާނޫނުގެ ތެރެއިން އެމީހުން އިންސާފުގެ މޭޒުގެ ދޮށަށް ގެނެސް ޙައްޤު އަދަބު ދިނުމަށް އދ އިން ވަނީ ލީބިޔާ ސަރުކާރަށާއި ސަލާމަތީ ބާރުތަކައް ގޮވާލާފައެވެ.

ބުރާސްފަތި ދުވަހު ދިން ޙަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް ލީބިޔާ ސަރުކާރުން ތުހުމަތު ކުރަނީ އެޤައުމުގެ އިރުމަތީ ޞަރަޙައްދުތަކުގައި ވަޒަންވެރިވެ އުޅޭ ހަތިޔާރު އެޅި ހަނގުރާމަވެރި ގްރޫޕުތަކަށެވެ.

ލީބިޔާގެ އިރުމަތީގައި ކިއްލާ ހަދައިގެއިން އުޅޭ ހަނގުރާމަވެރި ގްރޫޕްތަކުން ވެރިރަށް ތުރާބުލްސްއަށް އަތްގަދަކޮށް، އެމީހުންގެ ބާރުގެ ދަަށަށް އެސިޓީ ގެންނަން މަސައްކަތް ކުރާތާ އެއްއަހަރަށް ވުރެ ގިނަވެއްޖެއެވެ. ތުރާބުލްސް ހިފަން ހަނގުރާމަވެރިން މިހާތަނަށް ދިން ޙަމަލާތަކުގައްޔާއި، އެކި ކުރިމަތިލުންތަކުގައި އެތައް ސަތޭކަ މަދަނީންނެއް މަރުވެ، 150،000 (އެއް ލައްކަ ފަންސާސް ހާސް) އަށް ވުރެ ގިނަ މަދަނީން ވަނީ ޙާލުގައި ޖެހިފައެވެ.

ހަނގުރާމަވެރިންގެ އަމަލުތަކުން ލީބިޔާ ސަރުކާރަށް ވަނީ ދާޚިލީ، މަދަނީ އަދި ސިޔާސީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެެވެ. މިކަމުން އަރައިގަތުމަށް އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުން ދަނީ އެހީތެރިވަމުންނެވެ. އަދި އެޤައުމުގެ ސަރުކާރަށްވެސް އދ އިން ދަނީ އެކި ދާއިރާތަކުން އެހީތެރިވެދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް