ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ކޮވިޑް-19 ރާއްޖޭގެ ހާލަތު

ވައިރަސް ގޭބިސީތަކާ ހަމައަށް އަތުވެއްޖެ، އިތުރަށް ސަމާލުނުވެއްޖެނަމަ އެތައް މަރެއް

  • ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 60 އަހަރުން މަތީގެ 22 މީހުން އެބަތިބި
  • ނިޔާވި ދެ މީހުންނަކީ 80 އަހަރުން މަތީގެ މީހުން
  • 31 ގައި ފުރަތަމަ ސާރޖަށް އަރާއިރު އެ ދުވަހު ބައްޔަށް ޕޮޒިޓިވް 1600 އެއްހާ މީހުން އުޅޭނެ

ކ. މާލެ | 8 މެއި 2020 | ހުކުރު 19:58 | 23,184

ލޮކްޑައުންގެ ތެރޭގައި މާލޭގެ މަޖީދީމަގުން ބަޔަކު ދުއްވާފައި ދަނީ- ބޭރުގައި އުޅޭ މީހުން އިތުރަށް ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވާ - ރާއްޖެއެމްވީ

ކޮވިޑް-19 މިވަނީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އެތެރެވެފައެވެ. މިއަދަށް 62 ވަނަ ދުވަސް ގުނަމުން ދާއިރު މިހާތަނަށް އައިއިރު ރާއްޖެއިން މިވައިރަސް 734 މީހަކަށް ވަނީ ޖެހިފައެވެ. މީގެތެރެއިން ދިވެހިންގެ އަދަދަކީ 232 އެވެ. މިއީ އަދި ހަމައެކަނި ވައިރަސްއަށް ޓެސްޓް ކުރެވިގެން ނަތީޖާތައް މިހާތަނަށް އައިއިރު ލިބިފައި ހުރި މިންވަރުން ފެންނަ ނަތީޖާއެވެ. ރާއްޖޭގެ ދުވާލެއްގެ މައްޗަށް ވައިރަސް އަށް ޓެސްޓް ކުރެވޭ މިންވަރު މިހާރަށްވުރެ އިތުރުނަމަ މިއަދަދުތައް އުޅޭނީ މިއަށްވުރެ މަތީގައެވެ.

ކޮވިޑް-19ގެ ހާލަތު އޮތް ގޮތާއި އަދި އެ ހާލަތު ބަދަލުވެދާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮންސަލްޓަންޓް ޑރ ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގައި ރަނގަޅު މިންވަރަށް ޓެސްޓް ކުރެވޭނަމަ ދުވާލެއްގެ މައްޗަށް 300 ޕޮޒިޓިވް ކޭސް ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ. މިހާރު ޓެސްޓް ކުރެވެމުންދާ މިންވަރަށް ބަލާއިރު ކުރެވޭ އަންދާޒާއަކީ މިމަހުގެ 31 ވަނަ ދުވަހަކީ މިވައިރަސް ގައި ރާއްޖެ ޕީކަކަށްދާނެ ދުވަހެއް ކަމެވެ. ނަމަވެސް ޓެސްޓްކުރެވޭ ނިސްބަތަށް ބަލާއިރު އެއީ މުޅިން ޕީކަކަށް ނުވިނަމަވެސް ސަރޖެއް އަންނާނެކަމަށް ޑރ ޝީނާ ވަނީ އަންދާޒާ ކުރައްވާފައެވެ.

މި މަހުގެ 31 ގައި ފުރަތަމަ ސާރޖަށް އަރާއިރު އެ ދުވަހު ބައްޔަށް ޕޮޒިޓިވް 1600 އެއްހާ މީހުން އުޅޭނެ ކަމަށް ޑރ ޝީނާ އަންދާޒާ ކުރައްވައެވެ. އަދި އެ ހިސާބަށް ދާއިރު އެކްޓިވް ކޭސްތަކުގެ ޖުމުލަ އުޅޭނީ 6804 ގައެވެ. 281 މީހަކު އެޑްމިޓްކޮށްފައި ތިބޭނެ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފައެވެ. އަދި އައިސީޔޫގައި އެދުވަހާ ހަމައަށް 101 މީހަކަށް ފަރުވާ ދޭންޖެހޭނެ އެވެ. އަދި އެދުވަހު އެކަނިވެސް އައިސީޔޫގައި 12 މީހަކަށް ފަރުވާ ދޭންޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

ނަންބަރުތައް މިހެން ފެންނަން ހުރިއިރު ޑރ ޝީނާ ވިދާޅުވީ ރާއްޖޭގައި ފާއިތުވި 24 ދުވަހު ކޮވިޑް-19 ގެ ކޭސްތަށް ފެންނަގޮތަށް ބަލާއިރު މިފެންނަނީ ދެ ގްރޫޕެއްގެ ތެރޭގައިކަމަށެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު އެކީގައި ދިރިއުޅޭ ނުވަތަ ކޮމިއުނަލް ގްރޫޕާއި، ގޭބިސީ ނުވަތަ ހައުސްހޯލްޑް ގްރޫޕެވެ.

މީގެ ތެރެއިން މިހާރު ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަނީ ކޮމިއުނަލް ގްރޫޕުގެ މެދުގައެވެ. އެ ގްރޫޕުގެ ކޮންޓެކްޓް އެވްރެޖްކޮށް 45 ގައި އުޅޭއިރު، އެމީހުންގެ ތެރޭގައި ބައްޔަށް ހުށަހެޅޭ މިންވަރާއި ފެތުރޭ މިންވަރު ވެސް އަވަހެވެ.

ކޮމިއުނަލް ގްރޫޕާ އަޅާބަލާއިރު، ގޭބިސީތަކުގެ ގްރޫޕުގައި ބަލި ފެތުރޭ މިންވަރު ކުޑައެވެ. އެ ގްރޫޕުގެ ކޮންޓެކްޓް އުޅެނީ އެވްރެޖްކޮށް 8 މީހުންނެވެ. ގޭބިސީތަކަށް ވައިރަސް ވަންނަ ގޮތްތަކަށް ބަލާއިރު ގޭބެސީތަކަށް ވައިރަސް ވަންނާނީ އެގެއަކުން ބޭރުގައި އުޅޭ މީހުންގެ ފުށުންނާއި ގެއަށް ގެންނަ ތަކެތިންނެވެ. އެހެންކަމުން އެކަންކަމަށް ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ސަމާލުވުމަށް ޑރ ޝީނާ އެދިވަޑައިގެންނެވި އެވެ.

އަދި ވަކިން ޚާއްސަކޮށް މިވައިރަސްގެ ސަބަބުން ގޭގައި އުޅޭ ބޮޑެތި ބަލިތަކަށް ފަރުވާހޯދާ ދުވަސްވީ މީހުންގެ ފުރާނައަށް މީގެންވާ ނުރައްކާ ބޮޑުކަން ޑރ ޝީނާ ފާހަގަކުރެއްވި އެވެ. މިހާރުވެސް ކޮންމެސް ވަރަކަށް އެފަދަ ކޭސްތައް ފެންނަން ފަށާފައިވާކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

މިހާރު މަދު މަދުން ނަމަވެސް އެބަފެނޭ ދުވަސްވީ މީހުން ބޮޑެތި ބަލިތަކުގެ މީހުން ހޮސްޕިޓަލްތަކަށް އިމަރޖެންސީކޮށް ގެންދަންޖެހޭ. ގެންދިޔައީމާ ޓެސްޓް ކުރެވިގެން މަދުން ނަމަވެސް އެބަފެނޭ ޕޮޒިޓިވް. އޭގެ މާނައަކީ އަޅުގަނޑުމެންގެ ގެއިން ބޭރަށް ދާ މީހާގެ ފުށުން ގޭގައި ރައްކާތެރިކަމާއެކު ހުރި މީހާއަށް ބަލި އެދަނީ. އެހެންވީމާ ހުއްދަ އޮތް މީހުން ވަރަށް މުހިންމު އެކަމަށް ބެލުން. މިސަރޖް މެނޭޖް ކުރެވިއްޖިއްޔާ ކުރިޔަށް އޮތްތަނުގައި ރަނގަޅުވާނެ.

~ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮންސަލްޓަންޓް ޑރ ޝީނާ މޫސާ

ރާއްޖޭގައި މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިގެން 3 މީހަކު ވަނީ ނިޔާވެފައެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. މީގެތެރޭގައި ހިމެނޭ ދިވެހިންނަކީ މުޅިންވެސް މުސްކުޅިންނެވެ. 80 އަހަރުން މަތީގެ އަދި ބޮޑެތި ބަލިތަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. މިހާރު ރާއްޖޭގައި މިވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ބަލާއިރު 60 އަހަރުން މަތީގެ 22 މީހުން އެބަތިއްބެވެ.

މިއަދަދުތަކަށް ބަލާނަމަވެސް ރާއްޖޭގައި މިހާރުގެ ހާލަތަށް ބަލާއިރުވެސް ކަމުގެ ސީރިއަސްކަން ވަޒަން ކޮށްލެވޭނެ އެވެ. މިހާރު ގޭބިސީތަކުން ފެންނަ ކޭސްތައް މަދު ނަމަވެސް ކުރިޔަށް އޮތްތަނުގައި ގޭބިސީތަކުން ފެންނަ ކޭސްތައް އިތުރުވާނެ ކަމަށް ޑރ ޝީނާ ވިދާޅުވި އެވެ. އޭރު އޮންނާނީ މިހާރު ވައިރަސް ފެތުރެމުންދާ ކޮމިއުނަލް ގްރޫޕްގެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައެވެ. އެހެންކަމުން ގެއިން ބޭރަށް ނިކުންނަ ފަރާތްތަކުން ކުރިޔަށް އޮތްތަނުގައި އިތުރަށް ސަމާލުވުމަށް ޑރ ޝީނާ އިލްތިމާސްކުރެއްވި އެވެ.

މިމަސްތެރޭގައި ސޯޝަލް ޑިސެޓެންސަށް ސަމާލުވުން ވަރަށް މުހިންމު އަދި ހުއްދަ އޮތް ކަމުގައިވީނަމަސް އެކަމެއް ކޮށްފައި ވީ އެންމެ އަވަހަކަށް ގެއަށް ގޮސް އަތް ދޮވުން ވަރަށް މުހިންމު އެހެން މީހަކާ ބައްދަލުކުރަންވާނީ އެފިޔަވަޅުތައް އަޅައިގެން

~ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮންސަލްޓަންޓް ޑރ ޝީނާ މޫސާ

ލޮކްޑައުންގެ ތެރޭގައި މާލޭގެ މާރުކޭޓް ސަރަހައްދު- ބޭރުތޭގައި އުޅޭއިރު ސޯޝަލް ޑިންސްޓެންސަށް އިސްކަން ދިނުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވާ

ޑރ ޝީނާ ވިދާޅުވީ މި މަހުގެ ސާޖު ދަށްކޮށް ލެވިއްޖެނަމަ ދެން ގޭބިސީތަކަށް ދާ މިންވަރު ވެސް ކުޑަ ކުރެވޭނެކަމަށެވެ. އެހެންކަމުން މިމަހު ކުރިޔަށް އޮތް ދުވަސްތަކުގައި ގޭގެއިން ބޭރަށް ނިކުންނަ ފަރާތްތަކުން އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

އެހެންކަމުން ކުރަންޖެހޭ މަސައްކަތުގެ ގޮތުންވެސް އަދި އެހެން ގޮތަކަށްވެސް ގެއިން ބޭރަށް ނިކުންނަމަ ވީހާވެސް ބޮޑަށް މީހުންނާ ދިމާނުވެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކަށް ސަމާލުވުމަށް ޑޮކްޓަރުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ. އަދި ގޭގައި ދުވަސްވީ ބަލި މީހެއް އުޅޭކަމަށްވާނަމަ އެމީހަކާއި ވީހާވެސް މަދު މީހުން ދިމާވެ ގައިދުރުކަން ގެންގުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެމީހެއްގެ ކައިރީގައި އުޅޭ މީހުން ބޭރަށް ނުނިކުތުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން މިދުވަސްވަރު ގެއަށް އޯޑަރުކޮށްގެން ގެންނަ ތަކެތި ޑިސްއިންފެކްޓްކުރުމަށް ވަކިން ޚާއްސަކޮށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންކަމުން މިމަހުގެ ކުރިޔަށް މިއޮތް ދުވަސްތަކުގައި މިކަންކަމަށް އިތުރަށް ސަމާލުވެ ތިމާމީހާގެ ފުށުން އެހެން މީހެއްގެ ފުރާނަ ވަކިން ޚާއްސަކޮށް ގޭގައި ތިބި މާމަ އިންނާއި ކާފައިންގެ ފުރާނައަށް ނުރައްކާވާ ޒާތު ކަމެއް ނުކުރުމަށް ކުރިޔަށް ވުރެ ބޮޑަށް މިވަނީ ސަމާލުކަން ދޭންޖެހިފައެވެ.

ރާއްޖެއިން މިހާރު މިފެންނަ އަދަދުތަކާއި ކޮވިޑް-19 ގައި ރާއްޖޭގެ ގްރާފްތައް ކުރެހެމުންދާގޮތަށް ބަލާއިރު ކުރިޔަށް އޮތީ އަދިވެސް ނުރައްކާތެރި ދުވަސްތަކެކެވެ. އެހެންކަމުން މިކަންކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރާށެވެ. ގްރާފްގައި ހުރި ކަރވް ފްލެޓްކޮށް އަދަދުތައް ވީހާވެސް ދަށްކުރުމުގެ އިޚުތިޔާރު އޮތީ ހަމަ އަހަރުމެންގެ އަތްމަތީގަ އެވެ. މަސައްކަތްކޮށްފި ކަމަށްވާނަމަ އެކަން ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.