ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 21:22
ސުމުއްވުލް އަމީރު މުޙަންމަދު އަމީން، ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އާއެކު
ސުމުއްވުލް އަމީރު މުޙަންމަދު އަމީން، ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އާއެކު
ގޫގުލް
އައްނަބީލާ އަމީނާ މުހައްމަދު އަމީން
އަމީނާ އަވަހާރަވުމުން، ހިތާމަވެރި ބާބެއް ކަފުންވެ، ބޭ އިންސާފުގެ އަޑު، އަނެއްކާވެސް ހިލެންފަށަނީ!
 
ގައުމީ ޚިދުމަތުގައި ދެމި ހުންނެވި، ޚިދުމަތްތެރި ހިތްވަރުގަދަ ބޭފުޅެއް
 
ބައްޕާފުޅުގެ ސިޔާސީ ހަޔާތުގެ އުފަލާ ހިތާމަ އެންމެ ގާތުން އެކަމަނާ ދެކެވަޑައިގެންނެވި
 
އެކަމަނާ ވަނީ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައި

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީންދީދީގެ ހަމައެކަނި ދަރިކަނބަލުން، އަމީނާ މުޙައްމަދު އަމީން، ޢުމުރުފުޅުން 85 އަހަރުފުޅުގައި، އިއްޔެ އެވަނީ، އަވަހާރަ ވެފައެވެ. އެކަމަނާއަށް ރަޙުމަތް ލެއްވުން އެދި، ދުޢާކުރާ ޙާލުގައި، އެކަމަނާގެ ޙަޔާތްޕުޅު، ތާރީޚީ ދެއްޔަކުން ކުރަހާލެވޭތޯ ބަލައިލަމާ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް، އެފަދަ ތަސްވީރަކުން، އަންނާން އޮތް ޖީލަށް ލިބިދާނެ އުންމީދެއް، ކަނޑައެޅިދާނެ ޢަޒްމެއް، އޮވެދާނެއެވެ.

ކިހައްޑިހަ ޖެހިފައިވާ ހުދު ގަމީސްވެސް، ލައްފިލުވާ ޖަހައިގެން ސާފުކޮށް، ހުދު ކުރެވެއެވެ. އެހެން ނަމަވެސް ދިވެހި ތާރީޚުގައި ޖެހިފައިހުރި، ލަދުވެތި ހިތާމަވެރި ލައްތަކަކީ، ބްލީޗަކުން ނުވަތަ އެއަށްވުރެވެސް ބާރުގަދަ އެއްޗަކުން، ފިލައިގެންދާނެ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޙާދިސާތައް، ތާރީޚުގައި އޮންނާނީ، އެއަށް ފަނާވުމެއް، ފަނޑުކަމެއް، ނެތް ދިރިދިރިއޮތް، ވާހަކަ ތަކެއްގެ ގޮތުގައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙަންމަދު އަމީންގެ ދަރިކަނބަލުން އަމީނާގެ ޙަޔާތްޕުޅުގެ ބާބު އިއްޔެ އެވަނީ ނިމިފައެވެ. އެއީ 1953 ގައި ނަމަ، ބައްޕައެއްގެ ލޯބިން މަޙުރޫމުވި ކުޑަކުއްޖެކެވެ. އެކަމަނާގެ އޭރުގެ އުމުރުފުޅަކީ، މިއަދުނަމަ، ރާއްޖޭގައި އަންހެންކުދިން ކައިވެނިކޮށްދޭ ޢުމުރެއް ނޫނެވެ. އެއީ އޭރު އެހާވެސް ޅަ ކުޑަކުއްޖެކެވެ.

އަމީނާގެ ބައްޕާފުޅު މުޙައްމަދު އަމީންދީދީގެ ވެރިކަން، އިނގިލާބު ކޮށްލި މީހުން، އެމަނިކުފާނު ދޫނިދޫގައި ހައްޔަރު ކުރީއްސުރެ، ބައްޕާފުޅުގެ ފައިޕުޅު ފެނޭތޯ، ގައުމުގައި އެވަގުތު ތިއްބެވި ބޭފުޅުންނަށް، އެތައް ސިޓީއެއް އަމީނާ ފޮނުއްވިއެވެ.

އެ ދުވަސްވަރަކީ، މިއަދު މިފެންނަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަންތައްފަދަ، މުއައްސަސާތައް، އޮތް ދުވަހެއް ނޫނެވެ. އިންސާނީ ހައްޤަކީ އޭރަކު، ދިވެހިންގެ ހައްގެއް ނުނެވެ. މިއަދު އެފަދަ ކޮމިޓީތައް އުފެދުނުފަހުންވެސް، ކަން ހިނގަނީ އެފަދަ ގޮތެއްގައެވެ. ފަހުގެ ތާރީޚަކަށް ބަލައިލިނަމަ، ރައީސް ނަޝީދާމެދުވެސް، ކަން ހިނގައިފައި އޮތީ އެހެންނެވެ. މިސާލަކަށް ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް، ރައީސް ޔާމީންގެ ވެރިކަމުގައި، ޖަލަށްލި މައްސަލައިގައި، މައުމޫންގެ އާއިލާއިން ފޮނުވި ސިޓީތަކަށް، މި ކޮމިޝަންތަކުން ދީފައި އޮތީ ބީރު ކަންފަތެކެވެ.

އައްނަބީލާ އަމީނާ މުހައްމަދު އަމީން - އެކަމަނާ ވަނީ ސަރުކާރު ތަކުގައި، ތަފާތު އެކި މަގާމުތައް ފުރުއްވާފައި

1953 ގެ އޯގަސްޓު މަހުގެ 21 ވަނަ ދުވަހަކީ، 1944 ގައި، އަމީނާ ދެކޮޅަށް އުފަންވި ނަފްރަތުގެ ހުޅުކޮޅުގެ އަލިފާން، ޢާންމުންނަށް ފެނުނު ދުވަހެވެ. އެއީ ރާއްޖޭގެ ތާރީޚީ ގުޅަކުޅޭ ފަސްގަނޑަށް، މުޙަންމަދު އަމީންގެ ވެރިކަން ވައްޓާލަން ރައްޔިތުން އެއްވި ދުވަހެވެ.

ދިވެހި ތާރީޚުން ފެންނާން އޮތް މި މަންޒަރަކީ، ހަވަރު އެއްވެ ގޮވަމުންދިޔަ ވާހަކަ ތަކުގައި ދުންފަތް މަނާކުރުމާއި، ކާބޯތަކެތީގެ ދަތިކަމުގެ ވާހަކަތައް، ޝިޢާރަކަށް ވެގެން ދިޔައެއް ކަމަކު، މިއީ ރޭވިގެންއައި ބަޣާވާތެއް ކަމެވެ. އެހެންކަމުން، އެމީހުން ބޭނުންވި ގޮތަށް، އަމީންގެ ވެރިކަން، އެދުވަހު ބަދަލު ވެގެން ދިޔައީއެވެ. އޭރު އެ އަޑުތައް އައްސަވަން ހުންނެވީ، އަމީން އެންމެ އިތުބާރު ކުރައްވާ ނައިބު ރައީސެވެ. އިބްރާހިމް މުޙައްމަދު ދީދީއެވެ. އެމަނިކުފާނު، ރައްޔިތުންގެ ޝުޢޫރާ އެއްގޮތަށް، ކަން ކުރައްވަމުން ދިޔައިރު، އަމީން ރާއްޖެއަށް ދަތުރުކުރެއްވި ފްލައިޓު ކަނޑަށް ތިރިކުރަނީއެވެ.

އެ އަންނަނީ އެމަނިކުފާނު ބަލައި އަންނަ އޮޑިކޮޅުކަމަށް، އަމީނަށް ހީފުޅުވެފައި އޮތް ނަމަވެސް، އަމީން އަރާވަޑައިގަތުމުން، އެ އޮޑި އަނބުރާލީ މާލެއަކަށް ނޫނެވެ. ދޫނިދޫއަށެވެ. އެހައިތަނުން އެމަނިކުފާނު ކުރެއްވިހާ ސުވާލު ތަކަކީ، އޮޑި ކޮޅުގައި ތިއްބެވި އިއްޔެ، އެމަނިކުފާނު ނުހަނު އިތުބާރުކުރެއްވި ބޭފުޅުންނަށް ބީރު އަޑުތަކެކެވެ. އޭރު ގުޅަކުޅޭ ފަސްގަނޑަށް އެއްވި މީހުންގެ އެދުމުގެ މަތިން، އަމީންގެ ސަރުކާރުވަނީ ވައްޓާލައިފައެވެ. އެހެންކަމުން ދޫނިދޫއަށް ދަތުރުކުރަމުން އެދަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް، މުޙަންމަދު އަމީނަށް ހީފުޅުވީނަމަވެސް، އޭރަކު އެ ސަރުކާރެއް ނެތެވެ.

އަމީނާ މުޙަންމަދު އަމީންގެ ކީރިތި ކުރެއްވުން ފެށުނީ އެހައިތަނުންނެވެ. އެހައިތަނުން އެކަމަނާއަށް ބައްޕާފުޅެއް ނުފެނެއެވެ. ފައިންޕުޅުދެކެން އެދި ލީހާ ސިޓީއެއް ވީ ބޭކާރެވެ. އެހެން ނަމަވެސް އެކަމަނާއަށް ބައްޕާފުޅު އަރިހަށް، ވަޑައިގަންނަވާނެ ފުރުސަތެއް ލިބުނެވެ. އެއީ 19 ޖެނުއަރީ 1954 ގައެވެ. އެއީ އަމީން އަވަހާރަވުމުން މޫނުފުޅު ދެއްކުމަށް، އޭރު އޮތް ބަޣާވާތުގެ ސަރުކާރުން، އަމީނާއަށް އެރުވި ފުރުސަތެކެވެ.

މިދެންނެވި ދުވަހު، އެކަމަނާއަށް ފެނިވަޑައިގަތީ، ގުޅަކުޅޭ ފަސްގަނޑުގައި، ރަޙުމެއްނެތް އެތައް އަނިޔާ ތަކެއް ދީފައިވި، ބައްޕާފުޅުގެ ގަބުރެވެ. ކ. ގާފަރަށް ގެންގޮސްގެން އަމީނަށްކުރި ބޭހުން، އެ ޒަޚަމްތަކެއް، އެ ފާރުތަކެއް ފަސޭހައެއް ނުވެއެވެ. އަމީނަކީ ޑައެބެޓިކް ޕޭޝަންޓަކަށް ވީތީ، އެމަނިކުފާނަށް މިކަމުންވެސް ލިބިވަޑައިގަތީ އެ އޮތީ، އިތުރު ތަކުލީފެވެ.

812 އަހަރަށް ދެމިގެންއައި، ދިވެހީންގެ ޒަމާންވީ ރަސްކަމަށް ނިމުން ގެނުވީ، މުޙަންމަދު އަމީނެވެ. ޖުމްހޫރީ ނިޒާމެއް ރާއްޖެ ދުށީ، އެމަނިކުފާނަށް ޓަކައެވެ. އެހެން ނޫނަމަ، ހުރާގޭ ދަރިކޮޅުން ރަސްކަންކުރެއްވި، ރަސްކަލަކަށް އަމީނުވެސް ވެވަޑައިގަތީހެވެ. އެހެން ނަމަވެސް ރައްޔިތުން ނިންމީ، އަމީން އެދިވަޑައިގެންނެވި ވެރިކަމުގެ ނިޒާމެއް، ރާއްޖޭގައި ތަޢާރަފުކޮށްގެންވެސް، ދިވެހީންގެ އަމީނދީދީ، ގައުމުގައި އިސްކޮށް ހުންނެވުމެވެ.

އައްނަބީލާ އަމީނާ މުހައްމަދު އަމީން, ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުން އިބްރާހިމް މުހައްމަދު ސޯލީހް އަމިނާ އާ ބައްދަލު ކުރައްވަނީ

އަމީނާ މުޙަންމަދު އަމީނަކީ، ބައްޕާފުޅަށް ރައްޔިތުންއެރުވި ތާއީދާ، ދިން ލޯބި ދެކެވަޑައިގަތް، ދަރިކަނބަލުންނެވެ. އެކަމަނާގެ ކުރިމަތީގައި ތަމްސީލުވަމުން ދިޔަހާ މަންޒަރެއް، ބައްލަވަން ހުންނެވީ ޚުދު އެކަމަނާއެވެ. ވެރިކަމުގެ ނިޒާމަކާބެހޭ ގޮތުން، މާލޭގެ ބޮޑުންނާއެކު، އަތިރީގޭގައި އަމީން ކުރެއްވި މަޝްވަރާތައް، އެކަމަނާ ދެނެވަޑައިގެން ހުންނެވިއެވެ. ރާއްޖޭގައި ޕާޓީ ނިޒާމު ތަޢާރަފުވެގެން ދިޔަ ގޮތާއި، ކަންވެ ނިމިދިޔަ ގޮތްވެސް، އެންމެ ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭފުޅަކީ އަމީނާއެވެ. ނަމަވެސް އެއީ، އެދުވަހެވެ. އެއަށް ފަހުން ބައްދަލުކުރީ، އެކަމަނާގެ މައުސޫމު ހިތްޕުޅު ކުދިކުދިކޮށްލި ޙާދިސާއެވެ. ބައްޕާޕުޅުގެ ވެރިކަން އިނގިލާބު ކޮށްލި ޙާދިސާގެ ފަހުން، ގުޅަކުޅޭ ފަސްގަނޑުގައި، ފުޓުބޯޅައެއްހެން ބައްޕާފުޅުގެ ހަށިކޮޅުގައި، ރައްޔިތުން ތަޅާ، ހާނީއްކަ ކުރި މަންޒަރު ތަކެވެ.

އެހެން ނަމަވެސް، އަމީނާގެ ހިތްވަރުފުޅު ގަދައެވެ. ޤައުމީ ޚިދުމަތުގައި އެވަގުތަކު ހުންނަވަން ޖެހުނީ، ރައީސް އިބްރާހިމް ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީއަކަށް ކަމަށްވިޔަސް، އެ މަގާމު ފުރުއްވިއެވެ. ނާސިރަކީ، އަމީންދީދީ ވިހަމަނާފުށީގައި އާލާސްކަންފުޅު ބޮޑުވެފައި އޮންނެވި ދުވަސްކޮޅު، އަމީންގެ ކަންތައް ބެއްލެވުމަށް، އޭރުގެ ސަރުކާރުން ކަނޑައެޅުއްވި އެއް ބޭފުޅެވެ.

އަމީނާ މުޙައްމަދު އަމީން ވަނީ، ބަޤާވާތުގެ ސަރުކާރަށްފަހު، އައި ސަރުކާރު ތަކުގައި، އިޚުލާސްތެރި ކަމާއެކު، ޚިދުމަތް ކުރައްވާފައެވެ. އެކަމަނާވަނީ، ތަފާތު މަގާމުތައް ފުރުއްވާފައެވެ. އެކަމަނާއަކީ، 1980ން 1985ށް، ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

ކޮންމެއަކަސް، އިއްޔެއަކީ، މުޙަންމަދު އަމީން ދީދީގެ ޒިކްރާގެ ދިރިހުރި ނިޝާނާން، ގައުމާއި ވަކިވެގެންދިޔަ ދުވަހެވެ. ބައްޕަ އަކަށްޓަކައި، ގައުމުގައި އާދޭސްކުރެއްވި، އަންހެން ދަރިފުޅަކު، ދުނިޔެވީ ޙަޔާތުން ލޯމަރާލި ދުވަހެވެ. ބައްޕަ ފަދައިން، ގައުމީ ޚިދުމަތުގައި ދެމި ހުންނެވި، ޚިދުމަތްތެރި ހިތްވަރުގަދަ، އެހާމެ ކެތްތެރި ހިތްޕުޅު ހެޔޮ، ޚާދިމާއަކު، ގައުމާއި ވަކިވެގެން ދިޔަ ދުވަހެވެ. އަމީނާ އަވަހާރަ ވުމުން، ފަސްދާނުގައި އެ ވެޑުވެވުނީ، އެކަމަނާގެ ހިތްދަތި ޙަޔާތްޕުޅަށް ވެދާނެއެވެ. އަމީނާ އަވަހާރަވުމީ، ގައުމުދުށް ހިތާމަވެރި ބާބެއް ކަފުންވެ،ދިއުމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް އެހައިތަނުން، ބޭ އިންސާފުގެ އަޑު، އަނެއްކައިވެސް ހިލެންފެށުނީއެވެ.

އަމީން ދީދީއަށް އިންސާފު ލިބެންޖެހޭ ކަމުގެ އަޑެވެ. އެ ރަޙުމް ކުޑަ އަނިޔާގެ ޝިކާރައެއްގެ ގޮތުގައި، ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ވެވަޑައިގަތް ޙާދިސާގެ ހަނދާން ތަކަކީ، ފަނޑުވުމެއް ނެތް ޒިކުރާއެކެވެ. އެއީ ދިވެހިތާރީޚުގައި ޖެހިފައިވި، ނުފިލާ ލައްގަނޑެކެވެ. މިކަމުން ހަނދާނަށް އައުވެގެން މިދަނީ، އަމީން ދީދީގެ އިބާރާތެކެވެ.

"ދުނިޔެއަކީ، ވަރަށް ގިނަފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާ ކާމިޔާބުގެ ސިޑިން މީހަކު އަރަމުން ދާއިރު، ދުނިޔެ އޮންނާނީ އެމީހެއްގެ މައްޗަށް ހިނިތުންވެފައެވެ. އެ ނަސީބު ގެއްލިގެން ދިއުމުން، ދުނިޔެ ތުންފިއްތަންފަށަނީ ވަރަށްވެސް އަވަހަށެވެ".

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
3%
3%
87%
3%
3%
1%
ކޮމެންޓް
10 މެއި 2020 | އާދީއްތަ 22:40
ަައ
ވަރަށް އޮޅުން އަރާފަ އޮތް ލިޔުމެއް
7 މެއި 2020 | ބުރާސްފަތި 22:36
އައިމިނާ
ބަނޑުހައިކަމުގަވެސް ބަގާވާތެއް ކުރެވޭތޯ އުޅުނީ ދެއްތޮ. ހިތަށް އަރަނީ ފްލައިޓް ޖެއްސިގޮތަށް އެ ގެންދެވީ ރަށަކަށް . ދެން ކޮންއިރަކުތޯ ގުޅަކުޅޭ ފަސްގަނޑުގަ އަނިޔާކުރީ. ބޭސްފަރުވާ އަށް ވަޑައިގެންނެވުމުގެ ކުރިންތޯ؟ އެ އަނިޔާތަކަށް ފަރުވާހޯއްދެވުމަށްތޯ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ.
7 މެއި 2020 | ބުރާސްފަތި 21:38
ސިދާ
އަލްމަރްޙޫމާ އަމީނާ މުޙައްމަދު އަމީންގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވާށި ! އާމީން !