ކ. މާލެ
|
4 މެއި 2020 | ހޯމަ 02:14
ކޮވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި މުއައްމަރު މުޙައްމަދު
ކޮވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި މުއައްމަރު މުޙައްމަދު
އެމްއެންޑީއެފް
ކޮވިޑް ޖެހުނު ފުރަތަމަ ދިވެހި މީހާ
"ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވެ، އެނބުރި މިއައީ ޤައުމަށް ހިދުމަތް ކޮށްދިނުމުގެ އައު ރޫހަކާއެކު"
 
އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ގޮވާލި
 
އެކަމުގައި ކުރިމަތިވި ގޮންޖެހުންތައް ހިއްސާކޮށްފައިވޭ
 
އޭނާއަކީ ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ

ކޮވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދިވެއްސަކީ އިނގިރޭސިވިލާތުން އަސްކަރީ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށްފަހު ދުބާއީ މަގުން އެނބުރި ރާއްޖެ އައި މުއައްމަރު މުޙައްމަދެވެ. ސިފައިންގެ ޤައުމީ ޚިދުމަތުގައި އުޅެމުން، ކޮވިޑް-19 ގެ ބިރުވެރިކަމާ ކުރިމަތިލި ގޮތާއި، އެކަމުގައި ކުރިމަތިވި ގޮންޖެހުންތައް މުއައްމަރު ވަނީ "ރާއްޖެޓީވީ"އަށް ކިޔާދީފައެވެ. މުއައްމަރުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

ބަލި ޖެހުނުކަން އެނގުމުން ބެލީ ހާސްވެ ޕެނިކް ނުވެވޭތޯ

މުއައްމަރު ބުނި ގޮތުގައި އިނގިރޭސިވިލާތުން އެނބުރި އައިސް ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީއަށް ގެންދެވުނުއިރުވެސް އޭނާގެ ބަލީގެ އަލާމާތެއް ނެތެވެ. އެހެން ނަމަވެސް، އެއާޕޯޓުން ނުކުމެ ކަރަންޓީން ފެސިލިޓީއަށް ގެންދިއުމާ ހަމައަށްވެސް މުއައްމަރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ.

ޖެހިގެންއައި ދުވަހު ހުން ހުރުމާއެކު ވަގުތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް ރިޕޯޓްކުރިކަމަށް މުއައްމަރު ބުންޏެވެ. އެގޮތުން ޓެސްޓް ހެދުމަށްފަހު، ޕޮޒިޓިވްވި ހިސާބުން ދެން ހަދާނެ ގޮތަކާމެދު ސުވާލު އުފެދުނުކަމަށް މުއައްމަރު ބުނެއެވެ. އަދި އެވަގުތުވެސް މަސައްކަތް ކުރީ ހާސްވެ ބިރުގަތުމުގެ ބަދަލުގައި ހިތްވަރާއެކު ކުރިއަށް ދެން އަޅަންވީ ފިޔަވަޅަކާމެދު ވިސްނުންކަން އޭނާ ފާހަގަކުރިއެވެ.

އަޅުގަނޑަށް ފުރަތަމައިނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ވާހަކަ ބުނީމާ ފުރަތަމަވެސް ހިތަށްއެރީ ދެން ކިހިނެއްބާއޭ ވާނީ، ފުރަތަމަވެސް ކުރެވުނު ސުވާލަކީ ދެން ކޮބައިހޭ މިކަމަށް އޮތް ސޮލިއުޝަންއަކީ، ވަރަށް މުހިއްމުކަމެއް މީގަ ބަލި ޖެހުނުކަން އެނގުނަސް ހާސްވެ ޕެނިކް ނުވުން، މި ބައްޔަކީ ބަލިޖެހޭ އެންމެން މަރުވާ ބައްޔެއްވެސް ނޫން، އަވަހަށް ސިމްޕްޓަމްސްތައް އެނގި، އަވަހަށް ރިޕޯޓްކުރެވި އަވަހަށް ފަރުވާދެވޭނެ ނަމަ މިއީ ފަސޭހަވުން ބޮޑު ބައްޔެއް
މުއައްމަރު މުޙައްމަދު

އޭގެ އިތުރުން، އާއިލާ މެމްބަރުންނަށް މި ޚަބަރު ލިބުމާއެކު ހާސްވިކަން ފާހަގަކޮށް މުއައްމަރު ބުނީ، އާއިލާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއްވެސް ލިބިގެން ދިޔަ ކަމަށެވެ. އަދި މި ބަލިން ރަނގަޅުވުމުގައި ހޭދަކުރި ރާސްތާގައި އެންމެ ބޮޑު އެހީއަކަށް ވެގެންދިޔައީ އާއިލާއާއި ވަޒީފާ އަދާ ކުރަމުންދާ އެމްއެންޑީއެފްގެ އާއިލާގެ ފަރާތުން ލިބުނު ހިތްވަރުކަން މުއައްމަރު ފާހަގަކުރިއެވެ.

އެންމެ އުނދަގޫވީ ހޮލިޑޭ އައިލެންޑުން ވެލިދޫ އައިސޮލޭޝަނަށް ގެންދެވުނު ދުވަސް

ބަލީގެ ރިކަވަރީ ނުވަތަ ފަރުވާގެ މުއްދަތުގައި ދިމާވި އެންމެ އުނދަގޫކަމެއްގެ ގޮތުގައި މުއައްމަރު ފާހަގަކުރީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރި ދުވަހެވެ. އެގޮތުން އެ ދުވަހު އޭނާ ގެންދިޔަ މީހުން ހަޒްމަތް ސޫޓާއި، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ފެނިގެންދިޔަ ވަގުތު ތަފާތު އިހުސާސެއް ކުރެވުނުކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް އެއާއެކުވެސް ޑޮކަޓަރުންނާއި ނަރުހުންގެ ފަރާތުން ނުހަނު ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަމަށް މުއައްމަރު ބުނެއެވެ.

އެގޮތުން ދުވާލަކު ދެއިރު ބީޕީއާއި އޮކްސިޖަން ހުންނަ ވަރުވެސް ބަލަމުންދިޔަކަން ފާހަގަކޮށް މުއައްމަރު އިތުރަށް ބުނީ، އޭރުވެސް އޭނާގެ ކިބައިގައި ހުރީ ބަލީގެ ވަރަށް "މައިލްޑް" އަލާމަތްތަކެއް ކަމަށެވެ. އަދި ހުންވެސް ހުރީ 38 ޑިގްރީގައިކަން އޭނާ ފާހަގަކުރިއެވެ.

އޭގެ އިތުރުން، 3 ވަނަ ދުވަހަށްވީއިރު ހުންވެސް މުޅިން ރަނގަޅުވި ކަމަށާއި، އޭރު އިތުރު އަލާމަތްތައްވެސް ހުރީ ވަރަށް އާދައިގެ ވަރަކަށް ކަމަށް މުއައްމަރު ބުނެފައިވެއެވެ. އެގޮތުން އޭރުވެސް ގައިގައި ރިއްސުމާ، ވަސް ނުދުވުމާއި، ވަރުބަލިވުންފަދަ އަލާމަތްތައް ހުރި، ނަމަވެސް މަޑުމަޑުން އެކަންކަންވެސް އައީ ރަނގަޅުވަމުންކަން ފާހަގަކޮށްފައިވެއެވެ.

ޚާއްސަ މެސެޖް: އެންމެން ގުޅިގެން މި ހަނގުރާމައިން ކާމިޔާބު ލިބޭނެ

ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވެ މިއަދު މުއައްމަރު މިވަނީ އަނެއްކާވެސް ޤައުމީ ޚިދުމަތަށް ނުކުމެފައެވެ. އެގޮތުން މުއައްމަރު ވަނީ ރައްޔިތުންނަށްވެސް ޚާއްސަ މެސެޖެއްދީފައެވެ. އޭނާ ބުނި ގޮތުގައި މި ބައްޔަކީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކާމިޔާބު ހޯދޭނެ ބައްޔެކެވެ. މިކަމުގައި އެކަކު އަނެކަކަށް ދޭ އެހީތެރިކަމާއި އެއްބާރުލުން މުހިއްމު ރޯލެއް އަދާކުރާކަން އޭނާ ފާހަގަކުރިއެވެ.

މި ބައްޔަކީ އަޅުގަނޑުމެން މިއާ ހަނގުރާމަކޮށް ކާމިޔާބު ލިބޭނެ ބައްޔެއް، ޑޮކްޓަރުން އެ ބުނާ ކަންކަމަށް ފޮލޯކޮށްފިނަމަ ވީ އޯލް ކެން ގެޓް ތްރޫ ދިސް
މުއައްމަރު މުޙައްމަދު

މުއައްމަރު ބުނި ގޮތުގައި ބަލިން ރަނގަޅުވެ، ހެދިފައިވާ އެސްއޯޕީތަކާއި، އެމްއެންޑީއެފްގެ ލީޑަރުންގެ ލަފައާއި އިރުޝާދާއެކު އެނބުރި މަސައްކަތަށް ނުކުތީ ޤައުމަށް ޚިދުމަތް ކުރުމުގެ އައު ރޫޙަކާއެކުއެވެ. މި ދަނޑިވަޅުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކުރުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ސިފައިންނާއި ޚިދުމަތްތެރިންނަށްވެސް އޭނާ ދޭ މެސެޖަކީ ހިތްވަރާއެކު އެންމެން އެކަތިގަނޑަކަށް ވެގެން މި ވައިރަސްއާ ހަނގުރާމަކޮށް ކާމިޔާބު ހޯދޭނެ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
96%
0%
0%
0%
0%
ކޮމެންޓް