ކ. މާލެ
|
1 މެއި 2020 | ހުކުރު 23:14
ދުބާއީގެ ރިސާޗް ސެންޓަރުގައި ސައިންޓިސްޓަކު ސްޓެމް ސެލް ވަކި ކުރުމަށް ލޭގެ ސާމްޕަލް އެއް ޕްރޮސެސް ކުރަނީ
ދުބާއީގެ ރިސާޗް ސެންޓަރުގައި ސައިންޓިސްޓަކު ސްޓެމް ސެލް ވަކި ކުރުމަށް ލޭގެ ސާމްޕަލް އެއް ޕްރޮސެސް ކުރަނީ
ދި ނެޝަނަލް
ކޮވިޑް-19 އަށް ފަރުވާ ހޯދުން
ޔޫއޭއީން ބުނަނީ ހާލަތު ބަދަލު ކޮށްލާނެ ފަރުވާއެއް ކޮވިޑް-19 އަށް ހޯދިއްޖެ ކަމަށް
 
ކޮވިޑް-19 ޖެހިފައިވާ 73 މީހުންނަށް ކާމިޔާބު ކަމާއެކު ފަރުވާ ދީފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސައިންސްވެރިން ކޮވިޑް-19 އަށް ކާމިޔާބު ފަރުވާ އެއް ތަޖުރިބާ ކޮށްފި ކަމަށް އެ ގައުމުން ހާމަ ކޮށްފިއެވެ.

ޔޫއޭއީގެ ސައިންސްވެރިން އީޖާދު ކުރި މި ފަރުވާއަކީ ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔޭން ކުރަމުންދާ ހަނގުރާމައިގައި ހާލަތު ބަދަލު ކޮށްލާނެ ފަރުވާ އެއް ކަމަށް ބުނެފައިވެއެވެ.

އަބޫދާބީ ސްޓެމް ސެލް ސެންޓަރ އިން އީޖާދު ކުރި މި ފަރުވާއިން ކޮރޯނާވައިރަސް ބަލީގެ ސަބަބުން ހަލާކުވާ ފުއްޕާމޭގެ ސެލްތައް އަލުން އުފައްދާ ކަމަށް، އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ޑިރެކްޓަރ އޮފް ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ހިންދު އަލް އުތޮއިބާ، މި ފަރުވާ އާ ބެހޭ ގޮތުން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

މި ފަރުވާ ދޭ ގޮތާ ބެހޭ ގޮތުން އިތުރަށް ބުނެފައިވަނީ، ބަލިމީހާގެ ލެއިން ސްޓެމްސެލް ވަކި ކުރުމަށް ފަހު، ނޭވާލާ ނިޒާމްގެ ތެރެއިން އަލުން އެ ސްޓެމްސެލްތައް ފުއްޕާމެއަށް ފޯރުކޮށްދެނީ ކަމަށެވެ.

އަލް އުތައިބާ ހާމަ ކޮށްފައިވާ ގޮތުގައި ވެކްސިން އެއް ލިބެންދެން ވައިރަސް އާއެކު އުޅުމުގައި މި ފަރުވާގެ އަސަރު ފާހަގަ ކުރެވޭ ވަރަކަށް ބޮޑުވާނެ ކަމަށެވެ.

މި ފަރުވާ ވަނީ އަޖުމަ ބެލުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށްފައެވެ.

ކޮވިޑް-19 ޖެހިފައިވާ 73 މީހުންނަށް ކާމިޔާބު ކަމާއެކު ފަރުވާ ދީ އެމީހުން ބަލިން ގަދަވިއިރު، ފަރުވާގެ އެއްވެސް ސައިޑް އިފެކްޓެއް ނުފެންނަ ކަމަށް ވެސް އަލް އުތޮއިބާ ބުނެފައިވެއެވެ. ފަރުވާ ދިން މީހުންގެ ތެރޭގައި ހިމެނެނީ ބަލީގެ އަސަރު މެދުމިންވަރަކަށް ކޮށްފައިވާ މީހުންނާއި ވަރަށް ބޮޑަށް ބަލީގެ އަސަރު ކޮށްފައިވާ މީހުންނެވެ. ބަލިން ގަދަވި މީހުންގެ ތެރޭގައި އިންޓެންސިވް ކެއަރ ޔުނިޓްގައި ފަރުވާ ދެމުން ދިޔަ މީހުންވެސް ހިމެނެއެވެ.

ފަރުވާގެ ކާމިޔާބު ކަން ދެނެގަތުމަށް އިތުރު ދިރާސާތައް އަންނަނީ ކުރެވެމުން ކަމަށާއި، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ ކަމަށްވެސް އަލް އުތޮއިބާ ބުނެފައިވެއެވެ.

ޔޫއޭއީ ގައި މިހާތަނަށް ކޮރޯނާވައިރަސް ބަލި 13038 މީހުންނަށް ޖެހިފައިވެއެވެ. އެ ގައުމުން ބުނެފައިވަނީ ބަލީގައި މަރުވާ މީހުންގެ ރޭޓް ވަރަށް ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ. މިހާތަނަށް ބަލީގައި ޔޫއޭއީން މަރުވެފައިވަނީ 111 މީހުންނެވެ. ބަލިން ގަދަވެފައިވަނީ 2543 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ ގާތްގަނޑަކަށް 20 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް