ކ. މާލެ
|
24 އޭޕްރިލް 2020 | ހުކުރު 02:04
އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ހިއުމަން ޓްރައަލްގައި ވެކްސިން ޖެހި ފުރަތަމަ ދެ ވޮލަންޓިއަރުން ތެރެއިން އެކަކު (އެލިސާ ގްރެނެޓޯ)
އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ހިއުމަން ޓްރައަލްގައި ވެކްސިން ޖެހި ފުރަތަމަ ދެ ވޮލަންޓިއަރުން ތެރެއިން އެކަކު (އެލިސާ ގްރެނެޓޯ)
ބީބީސީ
ކޮވިޑް-19 ވެކްސިންގެ އަޖުމަބެލުން
ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި
 
ވެކްސިން ކާމިޔާބުވާނެ ކަމަށް ކުރާ އުއްމީދު ބޮޑު
 
800 އަށް ވުރެ ގިނަ ވޮލަންޓިއަރުން ވަނީ ރެކްރޫޓްކޮށްފައި
 
ދެ ވޮލަންޓިއަރަކަށް ވަނީ ބުރާސްފަތި ދުވަހު ވެކްސިން ޖަހާފައި

އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ ހުއްދަ ލިބުމާއެކު ހިއުމަން ޓްރައަލްސް ބުރާސްފަތި ދުވަހު ވަނީ ފަށާފަ އެވެ.

ދެ ވޮލަންޓިއަރުންނާއެކު ޓްރައަލްސް ފަށާފައިވާއިރު، 800 އަށް ވުރެ ގިނަ ވޮލަންޓިއަރުން ވަނީ ރެކްރޫޓްކޮށްފައެވެ. އަދި މިތަނުން 400 މީހުންނަށް ކޮވިޑް-19 ވެކްސިން ޓެސްޓް ކުރުމަށް ވަނީ ނިންމާފަ އެވެ.

މިއަދު ވެކްސިން ޖަހާފައިވާ ފަރާތެއްކަމަށްވާ އެލިސާ ގްރެނެޓޯ ބުނީ މިކަމަށް ވޮލަންޓިއަރަކަށް ވާން ނިންމީ ސައިންޓިސްޓެއް ގޮތުން "ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ބޭނުންވާތީ" ކަމަށެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ މި މަސައްކަތަށް އިނގިރޭސި ސަރުކާރުން 20 މިލިއަން ޕައުންޑް ހޭދަ ކުރަން ނިންމާފައިވާއިރު، އެ ޤައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިން ހޯދުމަށް ކުރާ މަސައްކަތަށް ހުރިހާ ހޭދައެއް ކުރަން ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ.

އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ޞިއްޙަތު ރަނގަޅު މީހުންނަށް ވެކްސިން ޓެސްޓް ކުރުމަށް ވޮލަންޓިއަރ ކުރުމަށް ހުޅުވާލާފައިވާއިރު، ކޮންމެ ވޮލަންޓިއަރަކަށް 625 ޕައުންޑް ދޭން ވަނީ ހަމަޖެހިފަ އެވެ.

ޕްރޮފެސަރ ސޭރާ ގިލްބަރޓް އާއި އިމުއިނިޓީ އަދި ޖެނެޓިކްސް ސައިންޓިސްޓުންތަކެއް މި ވެކްސިންގެ މަސައްކަތް ފަށާފައިވަނީ ޖެނުއަރީ މަހު އެވެ. އަދި މިއީ މިފަދަ މަސައްކަތަކަށް ވަރަށް ކުޑަ ދުވަސްކޮޅެއްކަމަށް ޓީމުން ބުނެފައިވެ އެވެ.

މި ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 އިންސައްތަ ފުރުސަތެއް އޮތްކަމަށް ގިލްބަރޓް ކުރިން ބުނެފައިވާއިރު، މިހާރު ވަކި އަދަދެއް ބުނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އުއްމީދު ބޮޑު ކަމަށް އޭނާ ބުންޏެވެ.

މި ވެކްސިން ޖަހާ މީހުން ވަރަށް ގާތުން މޮނީޓަރ ކުރަމުން ދާނެއެވެ. އަދި މީގެ ސަބަބުން އެހެން ބައްޔެއް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އޮކްސްފޯޑުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ވެކްސިންގެ ހިއުމަން ޓަރައަލް ކާމިޔާބު ވެއްޖެނަމަ، ސެޕްޓެމްބަރު މަހާ ހަމައަށް އެއް މިލިއަން ޑޯޒް އުފެއްދޭނެކަމަށާއި، އެއަށް ފަހު އުފެއްދުން އިތުރު ކުރާނެކަމަށް ޔުނިވަސިޓީން ބުންޏެވެ. ގިލްބަރޓް ބުނީ އިނގިރޭސވިލާތުގެ އިތުރުން ތަރައްގީވަމުން އަންނަ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާކަމަށެވެ.

އޮކްސްފޯޑް ޔުނިވަސިޓީން ކުރިއަށްދާ މަސައްކަތުގެ އިތުރުން، ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގައި ވެސް ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އިނގިރޭސި ސަރުކާރުން ދަނީ މި މަސައްކަތަށް ވެސް ފަންޑް ކުރަމުންނެވެ. އަދި މި ވެކްސިންގެ ހިއުމަން ޓްރައަލް ޖޫން މަހު ފެށޭނެ ކަމަށް ބެލެވޭކަމަށް އިމްޕީރިއަލް ކޮލްޖުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
1%
94%
1%
1%
0%
3%
ކޮމެންޓް