ކ. މާލެ
|
21 އޭޕްރިލް 2020 | އަންގާރަ 00:22
ކާޑުގެ ބާވަތްތައް އުފުލުމުގައި ބިދޭސީން ހަރަކާތްތެރިވަނީ
ކާޑުގެ ބާވަތްތައް އުފުލުމުގައި ބިދޭސީން ހަރަކާތްތެރިވަނީ
އަޝްވާ ފަހީމް
މަގޭ ރިޕޯޓު
ދިވެހިންގެ ހައްގުގައި މިއަދުވެސް އެންމެ ބުރަ މަސައްކަތެއް ކުރަނީ ބިދޭސީން!
 
ކޮވިޑް ވިލެޖް ތައްޔާރުކުރުމުގެ މަސައްކަތުގައިވެސް އެންމެ އިސް ސަފުގައި ތިބީ ހަމަ ބިދޭސީން
 
މި ނާޒިކު ދަނޑިވަޅުވައިވެސް ދިވެހިންގެ ދިރިއުޅުމަށް ލުޔެއް ހޯދަދިނުމަށް ދަނީ މަސައްކަތް ކުރަމުން
 
ބިދޭސީން ދަނީ މި ހާލަތުގައިވެސް އެހީތެރިވަމުން

މިއަދު މި ޖަޒީރާ ގައުމު ހަނގުރާމަކުރަމުން މިދާ ބަލިމަޑުކަމަކީ ދުނިޔޭގެ ބޮޑެތި ބާރުތައް ގޮތުގައި ނަން މަޝްހޫރުކަން ހޯދައިފައިވާ ޤައުމުތަކުންވެސް ކުރަމުން އަންނަ ހަނގުރާމައެކެވެ. ވަސީލަތްތައް މަދުނަމަވެސް ގައުމު ބަލިމަޑުކަމާއި ކުރިމަތި މިލަނީ ވެވެން އޮތް އެންމެ ބޮޑެއްކޮށް ތައްޔާރީތައް ވެގެންނެވެ. ހިތްދަތި މަންޒަރުތަކާއި އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކުރަންޖެހުނަސް ގައުމުގެ ދަރީން ތިބީ ފުރާނަ އަތްމައްޗައް ލައި ދެވެން އޮތް ހިދުމަތެއް ދިނުމުގައި ތައްޔާރަށް ނިކުމެއެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަން އޮތީ އެ މަންޒަރު އެވެ.

އެކަމުގައި ވަކި އުމުރު ފުރައެއް، ވަކި ޖިންސެއް، ވަކި ޤައުމަކަށް ނިސްބަތްވުމެއް އިސްތިސްނާވުމެއް ނެތި އެވެ. ވަރުބަލިކަމެއް ޝަކުވާއެއް ނެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ދަނީ އެ މަސައްކަތުގައި ޝާމިލް ވަމުންނެވެ. ދައްކަން މި އުޅެނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ވާހަކަ އެވެ. މި ނާޒިކު ދަނޑިވަޅުވައިވެސް ދިވެހިންގެ ދިރިއުޅުމަށް ލުޔެއް ހޯދަދިނުމަށް، އަރާމެއް ނެތި މަސައްކަތްކުރާ ބިދޭސީންގެ ވާހަކަ އެވެ.

މުޖުތަމައު އެބަޔަކާއި ދޭތެރޭ ކިތަންމެ ނަފްރަތު ކުރިޔަސް، ރާއްޖެ މިހާހިސާބަށް އައިސްފައި މި އޮތީ އެ ފަރާތްތަކުގެވެސް އެހީތެރިކަމާއެކުގައެވެ. ހަމައެކަނި ލޮކްޑައުން ހާލަތަށް ބަލާލިއަސް، ރައްޔިތުންނަށް އެ ބޭނުންވާ ކާޑުގެ ބާވަތްތައް ފިހާރަތަކަށް ޑެލިވަރކުރަން ބަސްތާތަށް ކޮނޑުމައްޗަށް ލައިގެން ވެހޭހާ ވާރޭއާއި ދޭހާ އަތްވެއްގައި މަސައްކަތް ކުރަނީ އެ ބިދޭސީ މީހާއެވެ. ކޮވިޑް-19 އާއި ގުޅިގެން ގާއިމުކުރާ ތަންތަން ސާފުކުރުމުގައާއި ހޮސްޕިޓަލުތައް ސާފުކުރުމުގައިވެސް އަތުކުރި އޮޅާލާއިގެން މަސައްކަތް ކުރަނީ ހަމަ އެ ބިދޭސީ މީހާއެވެ. ދިވެހިން "ކަޓު މަސައްކަތް" ގޮތުގައި ދެކޭ ކަންތައްތައް ފަހުރުވެރިކަމާއެކު ކުރަނީ އެ ބިދޭސީ މީހާއެވެ. ދަތި ހާލުގައި އާއިލާއާއި ދުރުގައި އެ ފައިސާ ހޯދަނީ ހަލާލު މަސައްކަތް ކޮށްގެންނެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ފާހަގަކުރެއްވި ކަންކަމުންވެސް ބިދޭސީންގެ ބައިވެރިވުން މުހިންމުވާ މިންވަރު އެނގިގެންދެ އެވެ. ކޮވިޑް-19 އާއި ދެކޮޅަށް މިކުރާ ހަނގުރާމައިގައިވެސް އެ ފަރާތްތަކުގެ މުހިންމުކަން ބުނެދެ އެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފޮޅާ ސާފުކުރަނީ ބިދޭސީންނެވެ. އެ ފަރާތްތަކުގެ ނަފްސު ނުރައްކަލުގެ ތެރެޔަށް ހުށަހަޅައިގެންވެސް، މަސައްކަތްކޮށްދެނީ ދިވެހި ރައްޔިތުންނަށްޓަކަ އެވެ. ކޮވިޑް ވިލެޖް ތައްޔާރުކުރުމުގެ މަސައްކަތުގައިވެސް އެންމެ އިސް ސަފުގައި ތިބީ ހަމަ ބިދޭސީންނޭ ބުނުމަކީ ދޮގަކަށް ނުވެ އެވެ.

ޤައުމަށްޓަކައި އެކި ދާއިރާތަކުގެ މަސައްކަތްތެރި މިއަދުވަމުން އަންނަ ގުރުބާނީގެ ވާހަކައިގެ ތެރެޔަށް ބިދޭސީންގެ ވާހަކަ އާއި ގުރުބާނީގެ ވާހަކަ ހިމަނަޖެހެނީ ހަމަ ހަޤީޤަތުގައިވެސް އެ ފަރާތްތަށް ކުރާ މަސައްކަތްތަކަށް ޝުކުރާއި، ސާބަސް ހައްޤުވާތީ އެވެ. ލޮކްޑައުންގެ މި އުނދަގޫ ވަގުތުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ކުޑައިންވެސް ލުޔެއް ލިބެނީ ބިދޭސީންކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެ ފަރާތްތަކުގެ ހިދުމަތް ނުލިބޭނަމަ ޑެލިވަރީކޮށްދޭނެ ފަރާތެއް، އެހެން ހިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހުންނާނެތޯ އެއީ ކޮންމެ ދިވެހި ރައްޔިތަކުވެސް މިއަދު އުފެއްދަން މުހިންމު ސުވާލުތަކެވެ.

މި ދަނޑިވަޅަކީ އެ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް، އެ މަސައްކަތްތެރިންނަށް ހައްޤު އިހުތިރާމް އަދާކުރަންޖެހޭ ވަގުތު އެވެ. ތަފާތުކުރުމާއި، ބައިބައިވުމާ ފިތުނަވެރި ވާހަކަތައް އެފަރާތްކޮށް، ހުރިހާ އިންސާނުންނަކީވެސް އެއް ހައްޤުތަކެއް ލިބިގެންވާ ބައެއްކަން ބަލައިގަނެ، އެއްބައެއްވަންތަކަމާއެކު ތެދުވެ، ގުޅިގެން މި ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތްކުރަންވީ ވަގުތު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
79%
0%
14%
0%
7%
ކޮމެންޓް
21 އޭޕްރިލް 2020 | އަންގާރަ 01:15
ފަ އިސަލް ވޭވަށް
އިހުގަ އި ދިވެހިން ކުރަމުން އަ އި ހުރިހާ ހަޑި މަސަ އްކަތެ އް މިހާރު ކުރަނީ އެމީހުން ނެވެ. އެ އިރު މީހުން ބަންގާޅު މީހުން ނަށް އިހުތިރާމް ވެސް ކުރެ އެވެ. މަ އްސަލް ގޯސްވީ މީގެ ތެރަށް ކަރެޕްސަން ވަދެ ދިވެހިން ކުރާ ކުދި ބޮޑު ވިޔަފާރިތަ އް އެމީހުން ކޮންޓްރޯލް ކުރަން ފެށި ހިސާބުން ނެވެ...