ކ. މާލެ
|
20 އޭޕްރިލް 2020 | ހޯމަ 17:24
މީހަކު މަސް ހިފައިގެން ދަނީ
މީހަކު މަސް ހިފައިގެން ދަނީ
ޔޫސުފް ސޮފްވާން ރަޝީދު
މަސްވެރިކަން
ސެޓެލައިޓު އިމޭޖުން ދިވެހިރާއްޖެމަތިން އެ ދައްކަނީ ކޮންފަދަ އުންމީދީ ވޮށެއް؟
 
ކޮވިޑް ޙާލަތުގައިވެސް، ކަނޑުމަހަށް އޮތް ޑިމާންޑު ފެންނާން އެބަ އޮތް
 
ދިވެހީންގެ ހަތަރު އުދަރެސް ފެނުޖެހުނު ހިނދު، އައިވީއަކުން ފަހަރަކު ތިއްކެއްވެއްޓޭހެން ދިވެހި ޖިސްމަށް އެދެނީ، މަސްވެރިކަމުގެ ހަކަތަ

ފަތިހުގެ ހާލާއެކު، އެ އިވެނީ ގޭގޭގެ ދޮރުގައި، ކެޔޮޅުން ޓަކިދޭ އަޑެވެ. ގޭތެރެއިން އެ އިއްވާ އަޑަކީ، ހަސަނަށްވެސް، އާދަނަށްވެސް، އިބުރާހިމަށްވެސް، ދެވިދާނޭ، ބުނާތީއެވެ. އެއީ ތެދެކެވެ. އާދަނުވެސް، އިބްރާހިމްވެސް، ރިސޯޓުން އައިގޮތަށް ރަށުގައިހުރީ، އަތް އުރާލައިގެންނެވެ.

ކޯވިޑު19ގެ ފަތިސްދަންމަތީގައި، އިއްވާލަދޭ މިދެންނެވި އަޑުން، ކެޔޮޅުންގެ މޫނުމަތީގައި، އެ ހިނގަނީ އުފާވެރިކަމެވެ. އިއްޔެ އޮޑިފަހަރަށް، މީހުން ހަމަނުވެގެން މަހަށް ނުފުރުނު ކެޔޮޅުންނަށް، މިއަދަކު އެ ފިކުރެއް ނެތެވެ. ސިފަވާން އޮތް މަންޒަރުން މި ފެންނަނީ، ދިވެހި އިގްތިސާދީ ނާރަށް، މިއަދު ހަމައެކަނި ގުޅާފައިވި "އައި.ވީ"އެވެ. ފަހަރަކު ތިއްކެއް، ވެއްޓޭތަން ފެންނަނީ އެއިންނެވެ. މި ޙާލަތުން ފެންނަ އެންމެ އުންމީދީ މަންޒަރެވެ. އޭގެ ފަހަތުން މިލިއަނުން ގުނަމުން އެދަނީ، އޮޑިޖެހި ނޫޓު ނޫން، ދެން ކޮން އެއްޗެއް ހެއްޔެވެ؟

ދިވެހިރާއްޖޭގެ ޗާޓުން މިއަދު ފެންނާން އޮތީ، މިފްކޯއިން، ތައިލެންޑަށް ފޮނުވާ 2700 ޓަނުގެ ފިނިކުރި ކަނޑުމަސް، ބޯޓަކަށް ބަރުކުރަމުން އަންނަ މަންޒަރެވެ. އެ ބޯޓުގެ ފުލުގައި މަސްބަރުކުރަން ދެން އޮތް ބޯޓުގެ ޖާގައަކީ، 3300 ޓަނެވެ. ހަމަ އެހެންމެ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ "މާންދޫ ފިޝަރީޒް ކޮމްޕްލެކްސް" ފެކްޓަރީންވެސް ތައިލޭންޑަށް ފޮނުވާ 2200 ޓަނުގެ ފިނިކުރި ކަނޑުމަސް، ބޯޓަށް ބަރުކުރަމުން އެބަ ގެންދެއެވެ. މީގެ އިތުރުން، ދަޅުގާ މަސް ބަންދުކުރާ ރާއްޖޭގެ ފެކްޓަރީތަކުން، އެތައް ޓަނެއްގެ ދަޅުމަސް ޔޫރަޕަށް ބޭރުކުރުމުގެ ޙަރަކާތްތައް، ހިނގަމުން އެބަ ދެއެވެ. މިއަދު ތައިލޭންޑުގެ ބާޒާރުގައި ފިނިކުރި މަސްޓަނެއްގެ އަގަކީ 1500 ޑޮލަރެވެ. ޔޫރަޕަށް ބޭރުކުރާ ދަޅުމަހަކީ، ވެލިއުއެޑެޑް އުފެއްދުމަކަށް ވީތީ، އެއިން ލިބޭ ނަފާ ބޮޑެވެ. އެހެން ކަމުން، ދިވެހި އިގްތިސާދީ ޖިސްމަށް ގުޅާފައިވާ އައިވީން، ފަހަރަކު ތިއްކެއް، އިގްތިސާދީ ޖިސްމަށް އެދަނީ ވަންނަމުންނެވެ.

މިފްކޯގެ 1700 މުވައްޒަފުންނާއި، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ 560 މުވައްޒަފުންނާއި، އެންސިސް ކުންފުނީގެ 750 މުވައްޒަފުންގެ އިތުރުން، މަސްގަންނަ އެހެން ކުންފުނި ތަކުގައި، މިއަދުވެސް، މުވައްޒަފުންގެ ގޮތުގައި ގިނަ އަދަދެއްގެ ދިވެހީން ހަރަކާތްތެރި ވެއެވެ. ގިނަ ޢަދަދެކޭ މިދެންނެވީ، 60-40 ގެ ދިވެހި ބިދޭސީ ރޭޝިއޯއަށް ބަލައިފައެވެ.

މަސްވެރިކަމަށް ނުކުމެ އުޅޭ ދޯންޏެއް

ހަމަ އެހެންމެ މަސްވެރިންނަކީވެސް، ހިނގަހިނގާހުރި މަސްވެރިކަމުގެ އާމްދަނީ، މިހިނދަށްވެސް، ލިބެމުންދާ ބައެކެވެ. އެހެންކަމުން، ގައުމުގެ އިގްތިސާދަށް، މަސްވެރިކަމުން ލިބޭ ނަފާގެ އިތުރުން، މަސްވެރިންގެ ޢާއިލާތަކަށް ލިބެމުންދާ އާމްދަނީގެ މީޓަރު، މިއަދުވެސް އެހުރީ، ހިނގަހިނގައެވެ. އެއީ ކިހާ މިންވަރެއްތޯ ބަލައިލަމާ ހެއްޔެވެ؟

ކޯވިޑު19ގެ ތެރޭގައި، މުޅި ދުނިޔެ ތަޅުލެވުމުގެ ކުރިން، ރާއްޖެއިން ކަންނެލި އެކްސްޕޯޓުކުރާ ހައެއްކަ ކުންފުނިންވެސް، ފެންނާން އޮތީ، ކަންނެލި ކިލޯއެއް 53 ރުފިޔާގެ މަގުން، އެވްރެޖު ގޮތެއްގައި ގަންނަމުންދިޔަ މަންޒަރެވެ. ނަމަވެސް މިއަދު މިވަނީ، ކަންނެލި ކިލޯއެއްގެ އަގު 30 ރުފިޔާއަށް ވެއްޓިފައެވެ. އެހެން ނަމަވެސް، އައިސް އަޅައިގެން ތާޒާކަމާއެކު ކިރަން ގެންނަ،ކަނޑުމަސް ކިލޯއެއް ގަންނަމުން ދިޔަ އެވްރެޖު އަގުމަކަށްވާ 20 ރުފިޔާގެ ރޭޓަކަށް، މާބޮޑު ބަދަލެއް ނާދެއެވެ. އެހެން ކަމުން މި ޙާލަތުގައިވެސް، ކަނޑުމަހަށް އޮތް ޑިމާންޑު ފެންނާން އެބަ އޮތެވެ.

މިފްކޯގެ ތަޖުރިބާއަށް ބަލާއިރު، މިއަދުވެސް ދުވާލެއްގެ މައްޗަށް، 215 ޓަނާއި 250 ތަނާއި ދެމެދުގެ މިންވަރަކަށް، މަސްކިރައެވެ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ތަޖުރިބާއަކީ، މިދުވަސްވަރު ދުވާލެއްގެ މައްޗަށް ފަންސާހަކަށްޓަނުގެ މަސް، މަސްވެރިން ކިރާކަމެވެ. އެއީ ލޮކްޑައުންގެ ޙާލަތު ފެށުމާ ހަމައިގައި، ދުވާލަކަށް ކިރުވާ 100 ޓަނުގެ މަހަށްބަލާއިރު، ދަށް މިންވަރެކެވެ. މިއަހަރުގެ ތެރޭގައި ދުވާލަކަށް 100 ޓަނަށްވުރެވެސް މާ ގިނައިން މަސްވެރިން، އެތަނަށް މަސްކިރަމުން ގެންދިޔައެވެ. ހަމަ އެހެންމެ އެންޒީގެ މެނެޖިންޑިރެކްޓަރ މުޙައްމަދު ވަސީމް، ވިދާޅުވި ގޮތުންނަމަ، އެ ކުންފުންޏަށް އެސް.އެމް.އީގެ ދަށުން، ހުއްދަ އޮންނަ މިންވަރަށް ގެންދަނީ މަސްކިރަމުންނެވެ. ކަންނެއްޔާ ކަނޑުމަހަށް ބަލާނަމަ، އެއީ ދުވާލަކަށް 50 ޓަނެވެ. މީގެ އިތުރުން މަސްގަންނަ އެހެން ކުންފުނިތަކުންވެސް، ކަންޏެއްޔާ ކަނޑުމަސް ކިރައެވެ. މި ކަންކަމަށް ބަލާއިރު، މިއަދުވެސް ހިނގަހިގާ އޮތް، އެންމެ ބޮޑު އިގްތިސާދީ ޙަރަކާތަކީ މަސްވެރި ކަމެވެ.

ރާއްޖެއަށް ބާނާ މަސް، ވެލިއުއެޑެޑް އުފެއްދުމެއްގެ ގޮތުގައި، ދަޅުގައި ބަންދުކޮށްގެން ބޭރުކުރަނީ ތިން ކުންފުންޏަކުންނެވެ. މިފްކޯއާއި، އެންސިސްއާއި ހޮރައިޒަންގެ ފެކްޓަރީތަކުގައި، ދަޅުމަސް ބަންދުކުރުމުގެ މަސައްކަތަކީ، މިހިނދަށްވެސް ހިނގަހިނގާ އޮތް މަސައްކަތެކެވެ. އޭގެ އެކްސްޕޯޓު ކަނޑުމަގުން އޮތީ ހިނގަހިނގައެވެ.

މަސްދޯންޏެއްގެ ތެރޭގައި މަސްކަނޑަނީ - ފޮޓޯ: ރާއްޖެއެމްވީ

މަސްވެރިކަމަކީ، ރަނގަޅު މަސްވެރިކަމެއް އޮންނަ މޫސުމެއްގައި ރަނގަޅު އާމްދަނީއެއް، ލިބޭ ނަފާހުރި މަސައްކަތެކެވެ. މިފްކޯގެ މެނޭޖިންޑިރެކްޓަރުގެ އިސްމާޢީލްފައުޒީގެ ތަޖުރިބާއަކީ، މިދިޔަ އަހަރުގެ ފުރަތަމަ 3 މަހާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، މަސްވެރިކަން އެހާ ގޯސް ނޫން ކަމެވެ.

"މިދިޔަ އަހަރު، 48 ހާސްޓަނުގެ މަސް، މަސްވެރިންގެ އަތުން އަޅުގަނޑުމެން ގަތިން. އެއީ 901 މިލިއަން ރުފިޔާ"މިފްކޯގެ މެނެޖިންގ ޑިރެކްޓަރ އިސްމާޢީލް ވިދާޅުވެފައިވެއެވެ.

"މިފްކޯގެ ތަފާސްހިސާބު ތަކަށް ބަލާއިރު، ރަނގަޅަށް މަސްބާނާ ދޯންޏަކުން، އަހަރެއްގެ މައްޗަށް 15 މިލިއަން ރުފިޔާވެސް، އެވްރެޖް ގޮތެއްގައި، ނަގާފައި އެބަހުރި"މަސްވެރިކަމުން ލިބޭ، އާމްދަނީ، އިތުރަށް ތަފްސީލު ކޮށްދެއްވަމުން ފައުޒީ، ވިދާޅުވެދެއްވި އެވެ.

ރާއްޖޭގައި، މިއަދު މަސްވެރިކަންކުރާ އުޅަނދުފަހަރަކީ، އެވްރެޖު ގޮތެއްގައި 90 ފޫޓާއި 110 ފޫޓާއި ދެމެދުގެ ބޮޑެތި ދޯނި ފަހަރެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރު، މިއިން ދޯންޏަކުން، އެވްރެޖު ގޮތެއްގައި ދުވާލަކަށް 6 ޓަނު، 7 ޓަނު މަސް ކިރުވައެވެ. އެހެންކަމުން އެފަދަ ދޯންޏެއްގެ ފަޅުވެރި އަކަށް މަސްވެރިކަމުގެ ރަނގަޅު މޫސުމެއްގައި މަހެއްގެ މައްޗަށް ލިބޭނެ އާމްދަނީއަކަށް ވާނެކަމަށް، މިފްކޯއިން ދެކޭ މިންގަނޑުތަކެއް އޮވެއެވެ. އެއީ 90 ފޫޓާއި 99 ފޫޓުގެ އޮޑިއެއް ނަމަ، ފަޅުވެރިއަކަށް، އެވްރެޖުކޮށް، މަހެއްގެ މައްޗަށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނެއެވެ. އެޢަދަދަކީ 40 ހާސްތޯ؟ 70 ހާސްތޯ؟ ނޫނީ 90 ހާސްތޯ ކަނޑައެޅޭނީ، ކޮންމެ ދުވަހަކު އެވަރަށް މަސް ކިރޭނަމައެވެ.

އެންސިސް ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމު، ހާމަކުރައްވާފައިވާ ގޮތުގައި، އެ ކުންފުނީގެ 750 މުވައްޒަފުންނަށް. މަހެއްގެ މައްޗަށް، 5.5 މިލިއަން ރުފިޔާ، މުސާރައިގެ ގޮތުގައި އޭނާ ހޭދަ ކުރައްވައެވެ. މީގެ ތެރޭގައި ކުދިން ސްކޫލަށް ލުމަށްފަހު، އެކުދިން ސްކޫލުން ބަލައި ދިއުމާއި ހަމައަށް، މައިންނަށް ލިބޭ ހުސް ވަގުތުކޮޅުގައި، އާމްދަނީ ހޯދަން ބޭނުންވާ އަންހެން ބޭފުޅުންވެސް، އެ ކުންފުނީގައި ޙަރަކާތްތެރި ވެއެވެ.

ދިވެހިރާއްޖެއަކީ، ރަނގަޅު މަސްވެރިކަމެއްގައި، ގައުމަށް ބާނާހާ މަސް، ވެލިއު އެޑެޑް، އުފެއްދުމެއްގެ ގޮތުގައި، އުފެއްދުމުގެ ގާބިލުކަން އަދިވެސް އޮތް ގައުމެއް ނޫނެވެ. މިކަމަކަށްޓަކައި 15000 ޓަނުގެ މަސް، ގަނޑުކުރެވޭނެ، ފްރީޒިން ކެޕޭސިޓީ، ރާއްޖޭގައި ގާއިމްކުރަން ޖެހޭނެ ކަމަށް، މިފްކޯގެ އެމް.ޑީ. ފައުޒީވެސް، ގަބޫލު ކުރައްވައެވެ. މި ވަގުތު އެ ކުންފުނީގައިވެސް އޮތީ ގާތްގަނޑަކަށް 3500 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ޖާގައެވެ. މާންދޫއާއި، އެންސިސްއަށް ބަލާއިރުވެސް، މިދެންނެވި ޖާގަހުރީ ވަކި މިންވަރެއްގައެވެ. އެހެން ނަމަވެސް، އެ ޖާގަ އިތުރުކުރަން، މިއިން ކޮންމެ ފެކްޓަރީއަކުންވެސް ތައްޔާރުވަމުން އެބަ ދެއެދެ.

"އަޅުގަނޑުމެންގެ އަމާޒެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލީހުގެ ވަޢުދާ އެއްގޮތަށް، މުޅި ރާއްޖެއަށް ބާނާ މަސް ކިރޭނެ އަދި ރައްކާކުރެވޭނެ ޖާގަ އިތުރުކުރުމަކީ، އަޅުގަނޑުމެންވެސް މި ތައްޔާރުވަނީ 12 ހާސްޓަނުގެ މަސް، ރައްކާކުރެވޭ ވަރަށް ޖާގަ އިތުރުކުރުމުގެ ޕްލޭނަކަށް"އެމް.ޑީ ފައުޒީ، ވިދާޅުވެފައި ވެއެވެ.

އެހެން ކަމުން، މި ދެންނެވި އުންމީދުތަކަށާއި، މިހިނދުގެ ޙަގީގަތް ތަކަށް ބަލާއިރު، ކޮވިޑު19ގެ މި ޙާލަތުގައި، ސެޓެލައިޓު އިމޭޖުން ދިވެހިރާއްޖެއިންއެ ދައްކަނީ، ކޮންފަދަ އުންމީދީ ވޮށެއްގެ އައްޔެއް ހެއްޔެވެ؟ ވޮށެއްގެ ގޮތަށް މި ސިފަކުރެވެނީ، ރާއްޖޭގެ ކަނޑުތަކުގައި ހިތްވަރުގަދަ މަސްވެރިން ދައްކަމުން، އެ ގެންދާ، ގަދަ ހިތްވަރެވެ. އެމީހުންގެ ހަރަކާތްތަކެވެ. މަތިވެރި ގުރުބާނީއެވެ. އިގްތިސާދީ ލޭނާރަކީ އަދިވެސް މިއީއޭ، ބުނާ މަންޒަރެވެ.

އިގްތިސާދަށް ނަފާލިބޭ ހުރިހާ ދޮރުތަކެއްހެން މިއަދު ބަންދުވެ، ހަތަރު އުދަރެސް ފެނުޖެހިފައި މި ދަނޑިވަޅުގައި، މަސްވެރިކަމަކީ، ދިވެހި އިގްތިސާދުގެ އައިވީއެވެ. ފަހަރަކު ގޮދައެއް، އޮޑީގެ ވަތަށް ވެއްޓެމުންދާއިރު، އައިވީއަކުން، ފަހަރަކު ތިއްކެއް، ޖަހަމުންދާ ފަދައިން، އިގްތިސާދަށް، އެ ވަންނަނީ، މަސްވެރިންގެ ގަދަ ހިތްވަރުގެ ނަފާއެވެ. މަސްކިރާ ބޯޓުފަހަރާއި ކުންފުނި ތަކުގެ މުވައްޒަފުންގެ ގަދަ ހިތްވަރެވެ. އެމީހުންގެ ނަޒަރުގައި މިއީ، މި ދަނޑިވަޅުގައި ކަށިންނެރެންޖެހޭ ހިތްވަރެކެވެ. ގައުމުގެ ފުޑު ސެކިއުރިޓީގެ އަސާސީ އެއް ބަޔަކީ މަސްވެރި ކަމެވެ. އެހެން ކަމުން،ދިވެހި ޗާޓުގެ މަތިން އެ ކުރަހާ، ސެޓެލައިޓު އިމޭޖުން، ކަޝްފުވާ ޙަގީގަތަކީ މިއީއެވެ. ހިތްވަރުގަދަ މަސްވެރިންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ މަތިވެރި ގުރުބާނީ އެވެ. އެމީހުންގެ ޙަރަކާތްތެރި ކަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
73%
1%
16%
3%
4%
ކޮމެންޓް
23 އޭޕްރިލް 2020 | ބުރާސްފަތި 12:34
ކަޅޭ
ވަރަށް ރީއްޗެއްނު މަސްކަނޑާ ފޮޓޮއެއް ލާންޖެހުނަސް އެ ތިބެނީ ބަންގުލާދޭޝް ރައްޔިތުން. އެކަމު މީ ދިވެހިންގެ ލޭނާރޯ. މާ ރަނގަޅުވާނެ ދިވެހި މަސްވެރިކަން މިހައި ނިކަމެތިވާންޖެހުނު ސަބަބުތައް ހޯދިއްޔާ. ޙަޤީގަތުގައި ދިވެހިން މަސް އެކްސްޕޯޓް ކުރާވަރާ ގާތްކުރާ ވަރުގެ ނަފާ އެއް ނުލިބޭ
22 އޭޕްރިލް 2020 | ބުދަ 10:09
ޒައިތޫނި
ފުރަތަމަވެސް މީހުން ބިރުގަން ނަވަން ހެޑިންވެސް މޮޅުކޮން ލިޔެފިޔެއްނުން މަސްވެރިން ނައް ހާލްޖައްސާފަ މީތޯ ތިޔަބޭފުޅާޔާ ލިޔަންވީ އެމީހުންނައް ދޭންބުނިރުފިޔާ ކޮ ބާ ދޯނިތައްހުރީ ފަޅުގަ
21 އޭޕްރިލް 2020 | އަންގާރަ 11:55
ޓުކުރި
މަސްވެރިނަށް ދޭންޖެހޭފަޢިސާނުދޭތާ މަސްދުވަސްވަނީ..ދޯނިފަހަރަށް އެބަޢޮތް 700000 800000 ރުފިޔާދޭން...މަސްބޭރުކުރާވަރުންކުރޭ.....މި ދަންޑިވަޅުގަ ފަސް ހަ ބިލަށް ލާޜިނުދޭވެނެކަން އެންގޭ.....އެތްބިލުގެ ލަަރިނަމަވެސް ލިބިގެން މަސްވެރިންނަށް މަހަށް ފުރޭނީވެސް އަދި މި ރަމްޟާން މަހުކަޢިގެން ބޮވެގެން އުޅެވޭނީވެސް....ސަރުކާރު މުވަށްޒަފުންނަށް ގެޭގަ ބަ އިތި އިގެން މި ދަންޑިވަޅުގަވެސް މުސާރަ އާ އިއި އިނާޔަތް ބަރާބަރަށްދެވޭ...
21 އޭޕްރިލް 2020 | އަންގާރަ 11:49
ސަ އްތި
30 ރުފިޔާ އަށް ކިލޯ އެ އް ވެސް ނުޖެހުނޭނުން
21 އޭޕްރިލް 2020 | އަންގާރަ 02:31
މަސްވެރި
ލިޔުމުގައިވާ ގޮތުން ތައިލެންދުން މަސް ޓަނެއްގެ އަަގަކީ 1500 ޑޮލަރު. 22500 ރުފިޔާ. މިފްކޯ އަށް ގަންނަނީ ކިލޯއެއް 20 ރ. ޓަނެއް 20000 ރ.
20 އޭޕްރިލް 2020 | ހޯމަ 21:58
ގުންބޯ
މަސްވެރިން ހާލުގަ ޖައްސާފަ މަސްވެރިން ހިތްހަމަޖައްސަން މޮޅ އެއްޗެއް ފަޅާލީ ދޯ